މެންޗެސްޓާ ޔުނައިޓެޑްގެ ބެންޗުގައި ތިބި ކުޅުންތެރިންނަކީ ވަރުގަދަ "ހަތިޔާރެއް" ފަދަ ކުޅުންތެރިންތަކެއް ކަމަށާއި ބެންޗުން ގެނައި ބަދަލު ތަކުން 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ވެސްޓްހަމް ޔުނައިޓަޑް 2-0 ބަލި ކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ފުރަތަމަ ހާފުގައި ޔުނައިޓަޑުން ނިންމާލީ ލަނޑެއް ނުޖެހި އެވެ. ނަމަވެސް އެ ޓީމަށް ލީޑް ނަގައިދިނީ ދެ ވަނަ ހާފަށް ނިކުމެ މޮރީނިއޯ ގެނައި ބަދަލު ތަކުން ނެވެ. ފުރަތަމަ ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ހުއާން މާޓާ އެވެ. އޭނާ ލަނޑު ޖަހަން ޕާސް ދިނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް މާކޯސް ރަޝްފޯޑް އެވެ.
މިދިޔަ ހޮނިހިރު ދުވަހު މިޑްލްސްބަރާ އާ ދެކޮޅަށް ކުޅުނު މެޗްގައިވެސް 1-1 ން އެއް ވަރުވެފައި ވަނިކޮށް ޕޮގްބާ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ހުއާން މާޓާ އެވެ.
"އަހަރެންގެ ބެންޗްގައި ހުރީ ވަރުގަދަ ހަތިޔާރު މާޓާ އަދި ރަޝްފޯޑް. ދެ މެޗުގައި ވެސް ފެނުނީ ތަފާތު ކޮށް އަހަންނަށް ހީވަނީ ލީގް ޝެޑިއުލް މިގޮތަށް ދާނަމަ ބެންޗްގައި މެޗްގެ ނަތިޖާ ބަދަލު ކޮށްލެވޭ ވަރުގެ ކުޅުންތެރިން ތިބުމަކީ ވަރަށް މުހިންމު ކަމެއް ހެން،" މެންޗެސްޓާ ޔުނައިޓަޑްގެ ޓީވީ ޗެނަލް އެމްޔޫ ޓީވީ އަށް ދިން އިންޓަވިއުގައި މޮރީނިއޯ ބުންޏެވެ.
"މިއަދު އަހަރެން ހިތަށް އެރި ރަޝްފޯޑް އާއި މަޓާ ފުރަތަމަ އެގާރައިން ފަށަން ނަމަވެސް ހިތަށް އެރީ އެކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތޭ އެހެން ކުޅުންތެރިން ވަރުބަލިވީމަ ދަނޑަށް ނިކުތުން އެކަން ޕްރޫވްކޮށް ދީފި."
ރޭގެ މެޗްގެ 15 ވަނަ މިނެޓްގައި ވެސްޓްހަމްގެ ސޮފިއާން ފެގްލީ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ދިހަ މީހުންނާއެކު ކުޅެމުން ދިޔަ ނަަމަވެސް ވެސްޓަހަމްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
ޔުނައިޓަޑް ލަނޑު ޖެހުމުގެ ކުރިން ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއްވެސް ލިބިގެން ގޮސްފައިވަނީ ވެސްޓްހަމް އަށެވެ. އެޓީމުގެ މިކޭލް އެންޓޯނިއޯ އަށް ހުހަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ އަށް ވަދެ އޭނާ ޖެހީ ޑެހެއާ ދީމަލަށެވެ.
އޮފްސައިޑް ޕޮޒިޝަނެއްގައި ހުރެ ޔުނައިޓަޑްގެ ދެ ވަަނަ ލަނޑު ޖެހީ ޒަލްޓާން އިބްރޮހިމޮވިޗެވެ. އެންޑޭ ހެރޭރާ ދިން ބޯޅަ އަށް އިބްރޮހިމޮވިޗް ހަރަކާތް ކުރިއިރު އޭނަ ހުރީ އޮފްސައިޑްގައެވެ. ނަަމަވެސް މެޗްގެ ރެފްރީ މައިކް ޑީން ވަނީ އެއީ ގޯލެއް ކަމަށް ނިންމާފަ އެވެ. މިއީ ޕްރިމިއާ ލީގްގައި ޒަލްޓާން ޖެހި 12 ވަނަ ލަނޑެވެ. ޗެލްސީގެ ޑިއޭގޯ ކޮސްޓާގެ ފަހަތުން ލަނޑު ލިސްޓްގެ ދެ ވަނަ ހިއްސާ ކުރާ ދެ ކުޅުންތެރިންގެ ތެރޭގައި އޭނާ ވެސް ހިމެނެއެވެ. އާސެނަލްގެ އެލެކްސިސް ސްނޗޭޒް ވެސް ވަނީ 12 ލަނޑު ޖަހާފައެވެ. ކޮސްޓާ ޖަހާފައިވަނީ 14 ލަނޑެވެ.