ބޭރު ކުޅިވަރު

ފާޑުކީ މީހުނަށް ޒިދާން ރައްދުދީފި: އެންޗެލޯޓީ

Jan 3, 2017

ކޯޗިންގެ ޓޮޕް ލެވަލްގައި ފްރާންސްގެ ޒައިނުއްދީން ޒިދާނަށް ކަމިޔާބު ކޯޗަކަށް ނުވެވޭނެ ކަމަށް ބައެއް މީހުން ބުންޏެވެ. ފުޓްބޯޅައިގެ ބައެއް އެކްސްޕާޓުން ހިސާބުޖަހައި އަނދާޒާ ވެސް ހެދިއެވެ. ތާރީހުން ހެކި ދައްކައި ޒިދާންއަށް މޮޅު ކޯޗަކަށް ނުވެވޭނެ ކަމުގެ ފޯމިއުލާ ދެއްކިއެވެ. ރެއާލް މެޑްރިޑްގެ ހެޑް ކޯޗެއްގެ ގޮތުގައި ޒިދާންގެ މަތިން މަސައްކަތް ކުރި އިޓަލީގެ ކާލޯ އެންޗެލޯޓީ ވެސް ބުނީ އޭނާ ގާތުވެސް ބައެއް މީހުން އެ ވާހަކަ ބުނި ކަމަށެވެ.

ނަމަވެސް އެހެން ބުނި ކޮންމެ މީހަކަށް ޒިދާންވަރުގަދަ ރައްދެއް ދީފައިކަން އެންޗެލޯޓީ ފާހަގަ ކުރެއެވެ. ރެއާލްގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އެންޗެލޯޓީ ހެދީ މީގެ ދެ އަހަރު ކުރިންނެވެ. ނަމަވެސް ޒިދާން އައިސް އެ ރެކޯޑް އޭނާގެ އަތް ދަށަށް ގެނެއެވެ. މީގެ އިތުރުން ޒިދާން ވަނީ ރެއާލްގައި ބަލި ނުވެ އެންމެ ގިނަ މެޗް ކާމިޔާބު ކުރުމުގެ ރެކޯޑް ވެސް ހަދާފަ އެވެ.

"ޗެމްޕިއަންސް ލިގް ހޯދި ދުވަހުން ފެށިގެން ޒިދާން ބުނަމުންދާ ކަހަލަ އޭނާ އަކީ ދުނިޔޭގެ ޗެމްޕިއަނޭ، ބައެއް މީހުން ބުނި އެންމެ މަތީ ލެވަލްގައި ޒިދާން ކޯޗް ކަމެއް ނުކުރާނެއޭ ނަމަވެސް އެކަން ކުރެވޭނެ ކަން އޭނާ މާބޮޑަށްވެސް ސާބިތު ކޮށް ދީފި." އެންޗެލޯޓީގެ ކުރީގެ އެސިސްޓެންޓަކަށް ހުރި ޒިދާންއާ ބެހޭގޮތުން ސްޕެއިންގެ މީޑިއާގައި އޭނާ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ އަށް އެ އެވޯޑް ލިބުން ހައްގުވާ ސަބަބުތައް ވެސް އެންޗެލޯޓީ ވަނީ ހިއްސާ ކޮށްފަ އެވެ.

"އޭނާ އަކީ އާދަޔާ ހިލާފު އަދި ތަފާތު ކުޅުންތެރިއެއް އަދި ފުޓްބޯޅައިގެ ތެރޭގައި ދިރިއުޅެމުން އަންނަ، އެކަމަށް ވަރަށް ބޮޑަށް ވަގުތު ހޭދަ ކުރާ ކުޅުންތެރިޔެއް، އޭނާ އޭނާގެ އެންމެ މަތީ ލެވަލްގައި ކުޅެންޏާ އޭނާ ބޭނުންވާ ހުރިހާ ކަމެއް ކުރާނެ. އޭނާ ހުއްޓުވުމަކީ އުނދަގޫ ކަމަކަށް ވާނެ." އެންޗެލޯޓީ ބުންޏެވެ.