ބޭރު ކުޅިވަރު

ގާޑިއޯލާ ކޯޗުކޮށްދޭ ފަހު ކުލަބަކަށް ސިޓީ!

Jan 3, 2017

ކޯޗިން ކެރިއާގައި ދެން މާ ގިނަ ދުވަހު ދެމިހުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް މެންޗެސްޓާ ސިޓީ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އެންބީސީ އަށް ދިން އިންޓަވިއުގައި ބާސެލޯނާގެ އިތުރުން ބަޔާން މިޔުނިކަށް ވެސް ކޯޗް ކޮށްދީފައިވާ ގާޑިއޯލާ ބުނީ މެންޗެސްޓާ ސިޓީގައި އޭނާ ކޯޗް ކޮށް ދޭނީ ތިން އަހަރެއްހާ ދުވަހު ކަމަށާއި މިހާރު ކޯޗިން ކެރިއާ ނިމުމާ ގާތަށް ދަނީ ކަމަށެވެ.

"އުމުރުން 60 އަހަރު ވާއިރު އަހަރެން [ކޯޗުކޮށްދޭން] ބެންޗަކު ނީންނާނަން އަހަންނަށް އިހްސާސް ކުރެވެނީ އަހަރެން އަލްވަދާއު ކިޔުމުގެ ވަގުތު ފެށިއްޖެ ކަމަށް،" ގާޑިއޯލާ 45، ބުންޏެވެ.

ޓޮޕް ލެވަލްގައި ގާޑިއޯލާ ކޯޗް ކޮށްދޭތާ ނުވަ އަހަރު ވަނީއެވެ. ބާސާގެ ސީނިއާ ޓީމުގެ ކޯޗް ކަމާ އޭނާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. އޭނާ އަކީ ބާސެލޯނާގެ ހަޔާތުގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ އެއް އަހަރު ތެރޭ ބާސާ އަށް ހަ ތަށި ކާމިޔާބު ކޮށްދީފަ އެވެ. ބާސާގެ ޓިކީ ޓާކާ ޕާސިން ގޭމް އެޓީމުގައި ފެށީ ގާޑިއޯލާގެ ދައުރުގަ އެވެ.

ބާސެލޯނާ އާއި ބަޔާންގެ ކާމިޔާބީއަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ގާޑިއޯލާއަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.