ރާއްޖެ ކުޅިވަރު

ވިކްޓަރީން ސަޕޯޓަރުންނަށް، ވަރުގަދަ ސްކޮޑެއްގެ ވައުދު!

Jan 3, 2017
1

ދިވެހި ފުޓްބޯޅައިގެ އެންމެ ދުވަސްވީ ކުލަބަކީ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. އެކުލަބު ހޯދާފައިވާ ކާމިޔާބުތައް ވެސް އެހާމެ ގިނަ އެވެ. ނަމަވެސް މިދިޔަ ފަސް އަހަރު ވިކްޓަރީ ފެނުނީ ބަލިކަށި ޓީމެއްގެ ގޮތުގައެވެ. ކޮންމެ އަހަރަކު ލީގް ފުލަށް ވެއްޓިދާނެ ކަމުގެ ބިރު އޮވެއެވެ. މިދިޔަ ފަސް އަހަރު ތެރޭ ދެ ފަަހރެއްގެ މަތިން ރެލިގޭޝަން ކުޅެފި އެވެ.

މިދިޔަ ފަސް އަހަރު ތެރޭ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން އެކަނި އަމާޒަކަށް ހަދައިގެން ނިކުތް ކުލަބުގެ ވާހަކަ ބަދަލުވެއްޖެ އެވެ. ސަޕޯޓަރުންނަށް ޓީމުން ދެނީ އުންމީދުން ފުރިގެންވާ ވައުދު ތަކެކެވެ. ރޭ ބޭއްވި އިންތިހާބުގައި އެކުލަބުގެ ޗެއާޕާސަން ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ނަޒީމް ވަނީ މިއަހަރު ސީޒަންގައި ވިކްޓަރީން ތައްޓަށް ވާދަ ކުރެވޭ ފެންވަރުގެ ސްކޮޑެއް އެކުލަވާލާނެ ކަމުގެ އުންމީދު ސަޕޯޓަރުންނަށް ދެއްވާފަ އެވެ.

"ވިކްޓަރީން މިއަހަރު ފެންނާނެ ސްކޮޑަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ މި ޓީމުން ނެރޭނެ އެންމެ ވަރުގަދަ ސްކޮޑް،" ޗެއާޕާސަން ކަމަށް އިންތިހާބުވެ މީޑިއާ ފުރަތަމަ ދެއްކި ވާހަކައިގައި ނަޒީމް ވިދާޅުވި އެވެ.

ވިކްޓްރީން ވަނީ މިދިޔަ އަހަރު ޓީމު ގައި ހިމެނުނު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކޮށްފައެވެ. ނަޒީމް ވިދާޅުވީ ޓީމުން ފެންނާނެ ބިދޭސީ ކުޅުންތެރިންނަކީ ރާއްޖޭގައި ރަނގަޅަށް ޕާފޯމް ކޮށް އެކުޅުންތެރިންގެ ފެންވަރު އެނގޭ ކުޅުންތެރިން ކަމަށެވެ.

"ޓީމާ ދޫރުގައި މާޔުސްވެފައި ތިބި ސަޕޯޓަރުން އަލުން އަޅުގަނޑުމެން ޓީމާ ގުޅުވާލައި ދޭނަން، ސަޕޯޓަރުން ހިތްހަމަޖެހޭވަރުގެ ސްކޮޑެއް ޓީމުގައި އެކުލަވައިލަނަން ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ކުޅުންތެރިން ތައާރަފް ކުރުމަށް އަޅުގަނޑުމެން ހަފުލާއެއް ބާއްވާނަން."

އެ ޓީމުން ވަނީ މިދިޔަ އަހަރު ބީޖީ ސްޕޯޓްސް ކުލަބަށް ކޯޗް ކޮށްދިން ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ ޝާޒްލީ މުހައްމަދު (ޝާޒް) އާ ކޯޗްކަން ހަވާލު ކޮށްފަ އެވެ.

ރޭ އަވަސްއާ ވާހަކަ ދައްކަމުން ޝާޒް ވެސް ބުނީ "ފެނިގެންދާނީ ތަފާތު ސްކޮޑެއް" ކަމަށެވެ.

ސްކޯޑް ވަރުގަދަ ކުރުމުގެ އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި ކުލަބު ހިންގުމަށް ކުލަބުގެ މާލީ ފުއްދުންތެރިކަން އިތުރު ކުރުމަށް ސަމާލުކަން ދެއްވާނެ ކަަމަށް ނަޒީމް ވިދާޅުވިއެވެ.

"ސަސްޓެއިން ގޮތުގައި ކުލަބަށް އާންމުދަނީ ލިބޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރާނަން ބޯޑުން އެކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭނަން.