ރާއްޖެ ކުޅިވަރު

ރާއްޖޭގައި ބާއްވާ ވޮލީގެ ކޮލިފައިންގައި އިރާން ވެސް ވާދަ ކުރާނެ

Jan 3, 2017

މި މަހު 27 މާލޭގައި ބާއްވާ އަންހެން ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯންގެ ކޮލިފައިން މުބާރާތުގައި ބައިވެރިވާނެ ކަން އިރާން ވެސް އިއުލާން ކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ރައީސް މުހައްމަދު ލަތީފު ވިދާޅުވީ ރާއްޖޭގެ އިތުރުން ބަންގުލަދޭޝް އާއި ނޭޕާލް އަދި އިރާން ވެސް ބައިވެރިވާނެ ކަން އިއުލާން ކޮށްފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ލިޔުން ފޮނުވުމުގެ އެންމެ ފަހު ދުވަހެއް ކަމަށް އޭޝިއަން ވޮލީބޯލް ކޮންފެޑްރޭޝަން (އޭޥީސީ) އިން ކަނޑައަޅާފައިވަނީ މިދިޔަ ހޮނިރު ދުވަހު އެވެ.

އޭވީސީއިން މުބާރާތް ރާއްޖޭގައި ބާއްވަން އިއުލާން ކުރިއިރު އުޒުބްކިސްތާންވެސް ވަނީ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް މުބާރަތަށް ކުރިމަތި ލުމަށް ވަގުތު ހަމަވިއިރު އުޒްބްކިސްތާން ކުރިމަތި ލާފައެއް ނުވެއެވެ.

"މުބާރާތުގައި ދެން އިތުރު ޓީމަކަށް ވާދައެއް ނުކުރެވޭނެ އިންޑިއާ ފިޔަވައި މުބާރާތުގައި ވާދަ ކުރުމަށް ކުރިމަތިލި އަނެއް ހަތަރު ގައުމުން ވަނީ މުބާރާތުގައި ބައިވެރިވާނެ ކަމަށް ކޮންފޯމް ކޮށްދީފަ ކޮންފޯމް ކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ހުކުރު ދުވަސް، އަޅުގަނޑުމެން އުންމިދަކީ އެންޑިއާވެސް މުބާރާތުގައި ވާދަ ކުރާނެ ކަމުގެ ޔަގީންކަން ދޭނެ ކަމަށް." ލަތީފު ވިދާޅުވިއެވެ.

ކޮލިފައިން މުބާރާތް އެންމެ ފުރަތަމަ ބާއްވުމުގެ ފުރުސަތު އޭވީސީއިން ދިނީ އިންޑިއާ އަށެވެ. ނަމަވެސް އިންޑިއާގެ ވޮލީބޯލް ފެޑްރޭޝަންގެ ތެރޭގައި ކޯޅުންތަކެއް އުޅޭތީ، މިދިޔަ މަހު 23 ވަނަ ދުވަހު އޭވީސީއިން ނިންމީ މުބާރާތް ރާއްޖެ އަށް ބަދަލު ކުރުމަށެވެ.

"އިންޑިއާގެ ވޮލީބޯޅަ ފެޑްރޭޝަންގެ އެތެރޭގައި އުޅޭ މައްސަލަ ގަނޑެއްގެ ސަބަބުން އޭވީސީ އިން ނިންމާފައިވަނީ ރާއްޖޭގެ ވެރިރަށް މާލެ އަށް މުބާރާތް ބަދަލު ކުރަން،" އޭވީސީގެ ވެބްސައިޓް ގައި ބުނެފައި ވެއެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ. މުބާރާތް މިމަހު 27 ގައި ފަށާއިރު ފައިނަލް މެޗް އޮންނާނީ މިމަހު 29 ގައެވެ.