ރިޕޯޓް

މަޝްރޫއުތައް ހަބޭސް: ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުރި!

Jan 4, 2017
1
  • ލޯނު ނެގިއަސް ލޯނު ދެއްކޭނެ
  • މަޝްރޫއުތަކުން ފައިދާ ކުރާނެ
  • ބިޔަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށް

ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި އެންމެ ގިނަ މަޝްރޫއު ތަކެއް ހިންގުނު އަހަރު ތަކެވެ. އަދި މި ތިން އަހަރުގެ ތެރޭގައި ފަށާފައިވާ ބިޔަ މަޝްރޫއުތަކާ މެދު ޝައްކެއްނެތެވެ. ރާއްޖޭގެ އިގްތިސާދުގެ މަލަމަތި ބަދަލުކޮށްލާނެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ވަނީ ފަށާފަ އެވެ. މަޝްރޫއުތައް ހިންގުމަށް ގިނަ ލޯނުތަކެއް ވެސް ވަނީ ނަގާފަ އެވެ. މިއާއެކު ދަރަނި ވެސް އުފެދޭނެ އެވެ. ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭގެ ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 83 ޕަސެންޓުގަ އެވެ. އެހެންވެ އުފެދޭ ސުވާލަކީ މި ދަރަނި ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި ހުރީ ކިހާ ވަރަކަށްބާ އެވެ؟

"ރާއްޖޭގައި މިހާރު އިންވެސްޓްކުރެވޭ ދާއިރާތަކަކީ ރާއްޖޭގެ ޖީޑީޕީ އިތުރު ކުރަން ކޮންމެހެން ވެސް އިންވެސްޓް ކުރަން ޖެހޭ ދާއިރާތަކެއްކަން ވޯލްޑް ބޭންކާއި އައިއެމްއެފުން ވެސް ގަބޫލު ކުރައްވާ،" ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި އެވެ.

މާސިންގަހަ މަޝްރޫއު ތަކެއް

ރާއްޖޭގެ ތަރައްގީ އަށް އެންމެ ގިނަ ލޯނުތައް ނަގައިގެން މިހާރު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫ އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫއު އަދި ޗައިނާ މޯލްޑިވްސް ފެންޑްޝިޕް ބުރިޖުގެ މަޝްރޫއެވެ. މި މަޝްރޫއުތަކަށް ބޭރުގެ ލޯނު އެހީއިން މިދިޔަ އަހަރު 997 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި މި އަހަރު އެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.

މިގޮތުން، ވީއައިއޭ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި މަޝްރޫއު ކުރި އަށް ގެންދަނީ ލޯނުގެ ގޮތުގައި ބޮޑު އަދަދުތަކެއް ނަގައިގެންނެވެ. މިގޮތުން ސައޫދީ ފަންޑްފޯ ޑިވްލޮޕްމަންޓާއި އަބޫދާބީ ފަންޑް އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) ފަދަ ގިނަ މާލީ އިދާރާތައް ހިމެނެ އެވެ. މިގޮތުން ލޯނު އެހީގެ 39 ޕަސެންޓް ހޭދަކުރަނީ މި މަޝްރޫއުތަކަށެވެ. މި އަހަރަށް ލަފާކުރި، ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރު ބޭރުގެ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރާނީ ބޭރުގެ މާލީ އިދާރާތަކުގެ ދަރަންޏެވެ.

ލޯނަށް ދައްކާނެ އަދަދު ބުނެދޭ

މަޝްރޫއުތަކަށް ގިނަ ލޯނު ތަކެއް ނަގަމުންދާއިރު، ލޯނު އަނބުރާ ދައްކާނެ ގާބިލްކަން ހުރި ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. މިގޮތުން 2015 ވަނަ އަހަރު ލޯނުތައް ދެއްކުމަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު 2.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރު ލޯނު ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ބަޖެޓު ފޮތުގައި ވެ އެވެ.

ލޯނު- ކުޑަ އިންޓަރެސްޓުގައި

މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި މަޝްރޫއު ތަކަށް ނަގާ ލޯނުތައް ހުރީ ބޮޑު އިންޓްރެސްޓެއްގައެއް ނޫނެވެ.

"އަޅުގަނޑުމެން ލޯނު ނަގާ ކޮންޑިޝަން ބައްލަވާ؟ އެހާބޮޑު އިންޓްރެސްޓެއްގައި ނޫން މި ހުންނަނީ. އެއް ޕަސެންޓް ނޫނީ ދެ ޕަސެންޓުގައި އާއްމުކޮށް މި ހުންނަނީ. ޗައިނާއިން ނެގި ލޯނަށް ވިއަސް ނޫނީ ސައޫދީން ނެގި ލޯނުކަމަށްވީ ނަމަވެސް. އެހެންވީމަ އެއީކީއެއް ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބެލެންސް ބަޖެޓެއް ގެނެވޭނީ ބޭރަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކަން ޕްރޮފިޝަން ލާފައި ކަމަށެވެ.

"ބެލެންސް ބަޖެޓަކާ ހަމައަށް ދެވޭނީ އެ ފައިސާ ޖެހޭނީ ފައިސާ ދެއްކޭނެ ގާބިލްކަން ހުރެގެން. ދެއްކޭނެ ގޮތް ވެސް އެނގޭތީ،" ޝައިނީ ވިދާޅުވި އެވެ.

ލޯނު ނަގަން ރަނގަޅު ވަގުތު!

ދުނިޔޭގެ ފައިނޭންޝަލް މާކެޓަށް ބަލާއިރު މި ދުވަސްވަރު ގިނަ ގައުމުތަކުން ދަނީ މަޝްރޫއުތަކަށް ބޭރުގެ މާލީ އިދާރާތަކުގެ ދޮރުގައި ޓަކި ދެމުންނެވެ. ސަބަބެއް ކަމަށްވަނީ މި ދުވަސްވަރަކީ ލޯނު ނަގަން އެންމެ އެކަށީގެންވާ ވަގުތަށްވުމެވެ. އެހެންވެ ރާއްޖޭން ވެސް ފުރުސަތުގެ ބޭނުން ހިފަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ ލޯނު ނަގަން ބަލާއިރު، މިހާރަށް ވުރެ ރަނގަޅު ވަގުތެއް ނާންނާނެ ކަމަށެވެ.

"އެންމެ އިންޓަރެސްޓް ރޭޓް ކުޑަ ވަގުތު ލޯނުތައް ހުންނާނީ. އަޅުގަނޑުމެން ތެރެއިން އުފެދޭ އެއްޗަކުން މި މަޝްރޫއުތަކެއް ނުހިންގޭނެ. އެހެންވެ މި އިންވެސްޓްމަންޓްތަކަކީ ރިޓާންލިބި ފުޅާ ވެގެންދާނެ. ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމުން. އެކަމަކު މިހާތަނަށް އެއާޕޯޓު ނުހެދި އެ އޮތީ. އެ ވިސްނުމެއް ނެތް. ނަމަވެސް ރައީސް ޔާމީން އެވިސްނުން ގެންގުޅުންވީ،" ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ލޯނުތައް ނަގައިގެން ހިންގާ ބިޔަ މަޝްރޫއުތަކާއެކު އިގްތިސާދު ފުޅާ ކުރުމެވެ. އަދި ޖީޑީޕިން ބޮލަކަށް ޖެހޭ އާމްދަނީގެ އަދަދު މިހާރު ހުރި 7500 ޑޮލަރުން 12،000 ޑޮލަރަށް މަތި ކުރުމެވެ. ލޯނު ނަގަނީ މި ސަބަބާ ހުރެ ކަމަށް ސަރުކާރުން ބުނެ އެވެ.