ކްރިޕްޓޯކަރަންސީ

ރާއްޖޭގައި ކްރިޕްޓޯކަރަންސީ މުއާމަލާތް ހުއްދަވީ ތަ؟

މިއީ ޑިޖިޓަލް ކަރަންސީ ނުވަތަ ވާޗުއަލް ކަރަންސީގެ ޒަމާނެވެ. އާދައިގެ ނަގުދު ފައިސާގެ ބަދަލުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ ކްރިޕްޓޯގެ ޝައުގުވެރިކަން ބޮޑުވަމުންދާ ޒަމާނެކެވެ. އާ ޖީލުގެ ޝައުގުވެރި ކަމަށް އުފެދިގެން އައި މި ޑިޖިޓަލް ފައިސާ ވަނީ ދުނިޔޭގައި ވައިގައި ހިފާފަ އެވެ. ކްރިޕްޓޯ ފައިސާގެ 6،000 އަށްވުރެ ގިނަ ވައްތަރުގެ "ކޮއިންސް" ދުނިޔޭގައި ބޭނުން ކުރާ ކަމަށް ވެއެވެ. ނަމަވެސް ރާއްޖެއަކީ މިހާތަނަށް މީގެ އެއްވެސް ފައިސާއެއް ބޭނުން ކުރެވޭ ގޮތަށް ސިސްޓަމްތައް ހެދިފައި އޮތް ގައުމެއް ނޫނެވެ. އެކަމަކު ދާދިފަހުން އިވިގެން ދިޔަ އަޑަކީ ރާއްޖޭގައި ހިންގާ ބޮޑު ދެ ހޮޓާ ކަމަށްވާ ހާޑްރޮކް ހޮޓެލްސް އާއި ސައި ލެގޫން އިން ކްރިޕްޓޯ ބޭނުން ކުރަން ފެށި ހަބަރެވެ. ކްރިޕްޓޯ ކަރަންސީން މުއާމަލާތްތައް ފުރިހަމަ ކުރަން ފެށި ހަބަރެވެ.

ރާއްޖޭގައި ކްރިޕްޓޯ ބޭނުން ކުރެވިދާނެ ހެއްޔެވެ؟ ކްރިޕްޓޯއަކީ ރާއްޖޭގައި ލީގަލް ޓެންޑާއެއް ހެއްޔެވެ؟ ލީގަލް ޓެންޑާ އަކަށް ނުވާ ފައިސާއަކުން ރާއްޖޭގައި މުއާމަލާތް ފުރިހަމަ ކުރެވިދާނެ ހެއްޔެވެ؟ ކްރިޕްޓޯގެ މުއާމަލާތްތައް ރާއްޖޭގައި ފުރިހަމަ ކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟

"ކްރިޕްޓޯ ކަރަންސީ މި ބަހަކީ ވެސް ރާއްޖޭގެ އެއްވެސް ނިޒާމެއްގައި މިހާތަނަށް އޮތް ބަހެއް ނޫން. އެއްވެސް ގާނޫނެއްގައި ކްރިޕްޓޯގެ ވާހަކައެއް ނެތް. މާލީ ނިޒާމުގައި މި ކަރަންސީން މުއާމަލާތް ކުރުމަށް އަދި ފުރުސަތެއް ދީފައެއް ނެތް،" ރާއްޖޭގައި ކްރިޕްޓޯ ކަރަންސީން މުއާމަލާތް ކުރެވިދާނެތޯ އެހުމުން، ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ރާއްޖޭގައި ކްރިޕްޓޯގެ މުއާމަލާތް ހިންގުމުގެ އެއްވެސް ހުއްދައެއް މިހާތަނަށް ދީފައެއް ނުވެ އެވެ. މަރުކަޒީ ބޭންކުން ވަނީ މި ބާވަތުގެ ވާޗުއަލް ކަރަންސީން މުއާމަލާތްތައް ނުހިންގޭނެ ކަމަށް އަންގައި މީގެ ކުރިން އިންޒާރު ވެސް ދީފަ އެވެ. ސަބަބަކީ ކްރިޕްޓޯއަކީ ރާއްޖޭގައި ލީގަލް ޓެންޑާއެއްގެ ގޮތުގައި ބަލައިގެންފައި ނެތުމެވެ.

އެމްއެމްއޭ އިން 2018 ވަނަ އަހަރު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވާޗުއަލް ކަރަންސީތައް ގަނެ ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް، ނޫޓު ކަމަށް ދޭހަވާ އެއްވެސް އެއްޗެއް ނެރުމަކީ ކުށެކެވެ.

ދިވެހިރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރި އާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓް ކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު ގެ ދަށުންނެވެ. މި އެއްވެސް ފަރާތަކަށް މި ވިޔަފާރިތައް ކުރުމުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވާޗުއަލް ކަރަންސީ ބޭނުން ކުރުމުގެ ހުއްދަދީފައި ނުވާނެ ކަމަށް އެމްއެމްއޭން ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގެ ލީގަލް ޓެންޑަ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި، މި އޮތޯރިޓީ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ނުވަތަ ރުފިޔާ ނޫޓާއި ލާރީގެ ފައިސާފޮތި ކަމުގައި ހިމެނިދާނެ ނޫޓު ނުވަތަ ފައިސާފޮތި ނުވަތަ ފައިސާގެ އަގު ހިމެނިދާ ފަދަ ލިޔުމެއް ނުވަތަ ނިޝާނެއް ވިޔަސް ނެރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމުގައި ދެންނެވީމެވެ،" އެމްއެމްއޭ އިން ބުނެފި އެވެ.

މި ނިންމުން މިގޮތަށް އޮއްވައި ރާއްޖޭގައި ހިންގާ ބޭރުގެ ރިސޯޓަކުން މިގޮތަށް އިއުލާނު ކުރީ ކީއް ވެގެން ހެއްޔެވެ؟ މިކަން އެމްއެމްއޭ އަށް ހުއްޓުވިދާނެ ހެއްޔެވެ؟ މި މުއާމަލާތް ރާއްޖޭގައި ކުރެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގައި ލީގަލް ޓެންޑައަކީ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި، މި އޮތޯރިޓީ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ނުވަތަ ރުފިޔާ ނޫޓާއި ލާރީގެ ފައިސާފޮތި ކަމުގައި ހިމެނިދާނެ ނޫޓު ނުވަތަ ފައިސާފޮތި ނުވަތަ ފައިސާގެ އަގު ހިމެނިދާ ފަދަ ލިޔުމެއް ނުވަތަ ނިޝާނެއް ވިޔަސް ނެރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް
މަރުކަޒީ ބޭންކް (އެމްއެމްއޭ)

ކްރިޕްޓޯ ކަރަންސީން ޓްރޭޑް ކުރުމަކީ ރާއްޖޭގައި އާ ކަމެއް ކަމެވެ. އެކަމަކު ޒުވާނުންގެ މެދުގައި މަގުބޫލެވެ. ނަމަވެސް މިކަން މިހާތަނަށް ކުރަނީ ރާއްޖޭގެ ގާނޫނުތަކުން ހުއްދަ ދީގެނެއް ނޫނެވެ. ވާޗުއަލް ކަރަންސީއަކީ ބޯޑާލެސް ނުވަތަ ވަކިތަނެއްގައި ގާއިމްވެ އޮންނަ އެއްޗަކަށް ނުވާތީ ބޯޑަރުތައް ހުރަސްކޮށް ކުރާ މި ދަތުރުގައި މީގެ ރޫހެއް ރާއްޖޭގައި ވެސް އުޅެނީ އެވެ.

ރާއްޖޭގައި ހިންގާ މި ޓްރޭޑުގެ އަގު ވެސް އެތައް މިލިއަން ރުފިޔާއަކަށް ވުރެ މަތިވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ. ކޮވިޑުގެ ކުރީގައި ކްރިޕްޓޯ ފަދަ ޑިޖިޓަލް ކަރަންސީތަކުގެ ފޯރި އިންތިހާއަށް ގަދަވި އެވެ. ނަމަވެސް ޑޮލަރުގެ ތާށި ކަމާއެކު ބޭންކިން ނިޒާމަށް ގެނައި ސްޓްރިކްޓް ރޫލްސްތަކުގެ ސަބަބުން މި ފޯރިއަށް ކޮންމެވެސް ހުއްޓުމެއް އައިސްފައިވެ އެެވެ. އެކަމަކު ރާއްޖޭގައި މި ފޯރި ކުޑަވީއެއް ނޫނެވެ. ކްރިޕްޓޯގެ އެކި ކޮއިންސް ތަކުން ޓްރޭޑް ކުރުމުގެ ފޯރި އަނެއްކާ ވެސް ވަނީ ގަދަވެފަ އެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އާ ޖީލުގެ ފައިސާ ނުވަތަ މުސްތަގުބަލުގެ ފައިސާގެ ގޮތުގައި ބަލާ ކްރިޕްޓޯއަކީ ވެސް ރާއްޖޭގައި ވެސް ބޭނުން ކުރެވޭ އެއްޗަކަށް ހެދުން މުހިންމެވެ. ނަމަވެސް މިހާރު ރާއްޖޭގައި އެއްވެސް ގޮތަކަށް މި ބޭނުން ކުރެވޭނެ ގޮތެއް ނެތެވެ. އަދި މިއީ ރާއްޖޭގައި ހުއްދަ މުއާމަލާތް ތަކެއް ނޫނެވެ.

"މިހާރު މި ޓްރޭޑް ކުރާ ބަޔަކު ވެސް ކުރެވޭނީ ރިސްކްއެއްގައި. ކުރަނީ ވެސް އެގޮތަށް. ދޭދޭ ރަހުމަތްތެރިން ނުވަތަ އެކައުންޓް ހަދައި އެ އޮޕަރޭޓް ކޮށްފައި ފައިދާއެއް ދޭ އުސޫލުން. ނަމަވެސް މިއީ ގާނޫނީ އެއްވެސް ރައްކާތެރިކަމެއް އޮތް އެއްޗެއް ނޫން. މީގެ މުއާމަލާތަކުން ކިތަންމެ ބޮޑު ފްރޯޑެއްވެ ނޫނީ ގެއްލުމެއްވިއަސް ބަދަލުގައި ހޯދަން ދެވޭނެ ނިޒާމެއް ރާއްޖެއަކު ނެތް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމަކީ ސަރުކާރުގެ އަމާޒަކެވެ. އެކަން ކުރުމަށްޓަކައި ޒަމާނީ ޕޭމަންޓް ސިސްޓަމެއް ގެނައުމުގެ މަސައްކަތް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދަނީ ކުރަމުންނެވެ. އެހެންވެ މުސްތަގުބަލުގައި މިފަދަ ޒަމާނީ ކަރަންސީ ތަކަށް ހުއްދަ ލިބިގެން ދިއުމަކީ ވެސް ވުން ގާތް ކަމެކެވެ.

ދުނިޔޭގައި ކްރިޕްޓޯ ކަރަންސީއަށް ކިހާ ބޮޑު ތަރުހީބެއް އެބައޮތް ހެއްޔެވެ؟ ރާއްޖޭގެ ރިސޯޓަކުން ކްރިޕްޓޯ ބަލައި ގެންފައިވާއިރު ދުނިޔޭގައި ޓޫރިޒަމް ދާއިރާގައި ކްރިޕްޓޯގެ މުއާމަލާތް ކުރޭ ހެއްޔެވެ؟ އަދި މިއީ މިއީ ކިހާ ރައްކާތެރި މުއާމަލާތްތަކެއް ހެއްޔެވެ؟

ދުނިޔޭގައި މުސްތަގުބަލުގެ ފައިސާ

ގްލޯބަލް ކްރިޕްޓޯ ކަރަންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއީ ދެ ޓްރިލިއަން ޑޮލަރުގެ އަގު ބޮޑު މާކެޓެކެވެ. މި އަހަރު އެކަނި މި ކަރަންސީގެ ޓްރޭޑިން 1.6 ބިލިއަން ޑޮލަރަށް އުފުލޭނެ އެވެ. އަދި 2026 ވަނަ އަހަރު އަންނަން ވާއިރަށް މި ކަރަންސީ 2.2 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި ކްރިޕްޓޯ ބޭނުން ކުރާ މީހުންގެ އުމުރުފުރާ އަށް ބަލާނަމަ ކްރިޕްޓޯ ގިނައިން ބޭނުން ކުރަނީ 18 އަހަރާއި 34 އަހަރުގެ ޒުވާނުންނެވެ. އެހެންވެ މި ކަރަންސީއަކީ މުސްތަގުބަލުގެ ފައިސާ ކަމަށް އިގްތިސޯދީ މާހިރުން ގަބޫލު ކުރައްވަ އެވެ.

އަަހަރުން އަހަރަށް ބަލާނަމަ ކްރިޕްޓޯ މުއާމަލާތްތަކުގެ ކުރިއެރުން 500 ޕަސެންޓަށްވުރެ މައްޗެވެ. އަދި ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓަށް ބަލާނަމަ ކްރިޕްޓޯ ބިލިއަނާސް ހަލުއި ކަމާއެކު އިތުރުވަމުން ދިއުމަކީ ކްރިޕްޓޯ އެކި ކަރަންސީ ވައިގައި ހިފަމުންދާ ވަރު އަންގައިދޭ ކަމެކެވެ. ކްރިޕްޓޯ ކަރަންސީއެއް ކަމަށްވާ ރިޕްލްގެ ފައުންޑާ ކްރިސް ލާސަންއަކީ ދުނިޔޭގައި މިހާރު ހުރި ކަރިޕްޓޯ ބިލިއަނާސްގެ ތެރެއިން އެންމެ މުއްސަނދި އެއް މަހުޖަނެވެ. އޭނާގެ ރައުސުލްމާލުގެ އަގު 3.4 ބިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ރާއްޖޭގެ ދެ ރިސޯޓެއް ކަރިޕްޓޯ ބަލައިގެންފައިވާއިރު، ބިޓްކޮއިން ފަދަ ވާޗުއަލް ކަރަންސީތަކުން މުއާމަލާތް ކުރަން ފެށި ދުނިޔޭގެ ފުރަތަމަ ހޮޓެލްއަކީ ޕަވިލިއަންސް ހޮޓެލްސް އެންޑް ރިސޯޓްސް އެވެ. އެހެންވެ މިއީ މުސްތަގުބަލުގައި ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ ޓްރެންޑެއްގެ ގޮތުގައި މާހިރުން ގަބޫލު ކުރެ އެވެ.

ކުރިން ބޭންކް އޮފް މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެވި އަދި މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯގެ ވެރިޔާ މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވި ގޮތުގައި މިކަމަށް ބޭނުންވާ ގާނޫނުތަކާއެކު ރާއްޖޭން ތައްޔާރުވުން މުހިންމެވެ. އަދި މިކަމަކީ ނުވާނެ ކަމެއްގެ ގޮތުގައި ބަލައި ތިބުމަކީ މޮޔަ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ. އަދި އެމިރޭޓްސް ސްކައިވޯޑް ޕޮއިންޓްސް ކޮޅުން ވިޔަފާރި ކުރެވޭއިރު ކްރިޕްޓޯ ފަދަ ކަރަންސީތައް ބޭނުން ކުރަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމަށް ބޭނުންވާނެ ޑޭޓާ ގާނޫނުތަކާއި ޕްރައިވެސީ އަދި ސައިބަ ކްރައިމް ގާނޫނުތައް. އެ ގާނޫނުތައް ހަދަން ޖެހޭ. ދުބާއީ އާއި އެހެން ގައުމުތައް މިއަށް [ކްރިޕްޓޯ] އަށް ދާއިއިރު އަހަރެމެން [ރާއްޖެ] ވެސް ދާން ޖެހޭ. ޒުވާން ޓްރެވަލާސްގެ ބޮޑު މާކެޓެއް ރާއްޖެ ހިއްސާ ކުރޭ. އެހެންވީއިރު މިކަމަށް ރަނގަޅު ގާނޫނުތަކާއި ބެލޭނެ ގޮތްތަކާއެކު ތައްޔާރުވާންވީ،" ރިޔާޒު ވިދާޅުވި އެވެ.

ފްރޯޑަށް އައިއެމްއެފްގެ އިންޒާރެއް

ސުވާލަކީ ރާއްޖޭގެ ރިސޯޓަކުން މިހާރު ކްރިޕްޓޯގެ މުއާމަލާތެއް ކުރާނީ ކިހިނެއް ހެއްޔެވެ؟ މާހިރުން ގަބޫލު ކުރާ ގޮތުގައި އެއް ގޮތަކީ ބޭރުގައި ކޮޓަރި ވިއްކައި ޑޮލަރުގެ މުއާމަލާތުގެ ގޮތުގައި ރާއްޖެއަށް އެ ފައިސާ ނެގައުމެވެ. ނަމަވެސް މިގޮތަކީ މުޅިން ފަސޭހަ އަދި ރާއްޖޭގެ ގާނޫނީ ނިޒާމް ގަބޫލު ކުރާނެ ގޮތެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ޓޫރިޒަމް ސިނާއަތުން އިތުރުން މައްސަލަ ތަކެއް ނުކުތުމުގެ ފުރުސަތު އޮންނާނެ އެވެ. ސަބަބަކީ ކްރިޕްޓޯ އަކީ މިހާރު ވެސް ފްރޯޑުގެ މައްސަލަތައް ފެންމަތިވަމުންދާ ކަރަންސީއަކަށް ވުމެވެ.

ދުނިޔޭގައި ކްރިޕްޓޯއަކީ ލީގަލް ޓެންޑާއެއްގެ ގޮތުގައި ބަލައިގެންފައި ވަނީ މަދު ގައުމަކުންނެވެ. މީގެ އެއް ގައުމަކީ އަލް ސަލްވެޑޯ އެވެ. މި ގައުމުގެ އިތުރުން ކްރިޕްޓޯ ކަރަންސީގެ ހަބަކަށް ވާން ދުނިޔޭގެ ބޮޑެތި މާލީ ހަބުތައް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ދުބާއީގެ ފްރީޒޯން އިން ކްރިޕްޓޯ ކަރަންސީއަށް ފެހި ސިގްނަލް ދިނުމަކީ މި ކަރަންސީ އަށް އޮތް ޑިމާންޑު ދައްކުވައިދޭ ކަމެކެވެ.

އިންޓަލޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ އަންރެގިއުލޭޓެޑް ނުވަތަ ގާނޫނީ ރައްކާތެރިކަމެއް ނެތި ބޯޑަރު ހުރަސްކޮށް ހިންގާ ކްރިޕްޓޯކަަރަންސީގެ މި މުއާމަލާތްތަކުގެ ސަބަބުން ދުނިޔެ ބޮޑު ބިރެއްގެ ތެރެއަށް ވެޓިގެން ހިނގައިދާނެ ކަމަށް އިންޒާރު ދީފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު މާލީ ބޮޑީ ކަމަށްވާ އައިއެމްއެފް އިން ބުނެފައިވާ ގޮތުން ކްރިޕްޓޯގެ މިފަދަ މުއާމަލާތްތަކުން ކުރިފަޅައިގެން ނުކުންނަ "ކަޅު ފައިސާގެ" މުއާމަލާތްތައް ޓެރެރިޒަމް އާއި މި ނޫންވެސް ރާވައިގެން ހިންގާ ކުއްތަކަށް ފައިނޭންސް ކުރަމުންދެ އެވެ. އަދި މިކަމަކީ ގައުމުތައް ގުޅިގެން ހުއްޓުވަން ޖެހޭ ކަމެކެވެ.

ރާއްޖޭގެ ދެ ރިސޯޓުން ކްރިޕްޓޯ ބޭނުން ކުރަން ފެށުން މިއީ ފަހަރުގައި ގޭމް ޗޭންޖުވުމަށްވެސް ވެދާނެ އެވެ. މިކަމުގެ ސަބަބުން އެހެން ރިސޯޓުތަކުން މިކަމަށް ފައިނަގަން ފަށާ ހިސާބުން މިކަމަށް ހާއްސަ ގާނޫނުތައް އަވަސް ކުރަން މަޖުބޫރުވާނެ އެވެ. ސަބަބަކީ މިއީ މުސްތަބުލަށްވުމެވެ. ނަމަވެސް ސުވާލަކީ ރާއްޖޭގައި ކްރިޕްޓޯ މުއާމަލާތް މިހާރު ހުއްދަވީ ހެއްޔެވެ؟