ކޮޕާ ސުޑާ އެމެރިކާގެ ފައިނަލް މެޗް ކުލެން ކޮލަމްބިއާ އަށް ދިޔުމުގެ މަގުމަތީ މަތިންދާ ބޯޓް ވެއްޓި ޓީމުގެ ކުޅުންތެރިން މަރުވި ބްރެޒިލްގެ ޝަޕަކޮއިންސީ އަށް އާ 20 ކުޅުންތެރިން ލައްވައި ސޮއި ކުރަން ތައްޔާރު ވެއްޖެއެވެ.
ނޮވެމްބަރު މަހު 29 ގައި ހިނގި މި ހާދިސާގައި ޝަޕަކޮއިންސީ ޓީމު ދަތުރު ކުރި ފްލައިޓްގައި ތިބި 77 މީހުންގެ ތެރެއިން ސަލާމަތްވީ ހަ މީހުން ނެވެ. އެޓީމުގެ 19 ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފުންނާއި ޓީމުގެ އޮފިޝަލުން ވެސް ވަނީ މަރު ވެފައެވެ.
ފްލައިޓް ވެއްޓުމުގެ ހާދިސާއާ ގުޅިގެން ކޮޕާ ސުޑާ އެމެރިކާގެ ފައިނަލް މެޗްގައި އެޓީމާ ދެކޮޅަށް ކުޅެން ތައްޔާރުވެގެން ތިބި ކޮލަމްބިއާގެ އެތުލެޓިކޯ ނެޝަނަލް ޓީމުން ވަނީ ޝަޕަކޮއިންސީ އަށް މުބަރާތުގެ ތަށި ދީފަ އެވެ.
އަންނަ ސީޒަނަން ކުޅުންތެރިން ހޯދުމަށް ގިނަ ފަރާތްތަކަކުން ވަނީ އެ ކުލަބަށް ލޯން ހަމަޖައްސައި ދޭނެ ކަމަށް ބުނެފަ އެވެ.
"އަހަރެމެންނަށް ލޯނުގެ ފުރުސަތު ބޭނުން ކުރުން ނޫން ގޮތެއް ނެތް މިއީ ކޮލިޓީ އާއި ސްޕީޑް ގެނައުމަށް އަދި ބަޖެޓް އެކުލަވާލުމަށް އަހަރެމެންނަށް އޮތް ޓޫލް އަކީ ގިނަ ކުލަބުތަކުން ދަނީ މިކަމުގައި ބައިވެރި ވަމުން،" ޓީމުގެ ފުޓްބޯޅަ ޑައިރެކްޓަރު ރުއީ ކޯސްޓާ ބުންޏެވެ.
މި ހާދިސާގައި ސަލާމަތްވި މީހުންގެ ތެރޭގައި ޓީމުގެ ސެންޓަރަލް ޑިފެންޑަރުން ކަމަށްވާ ނެޓޯ އާއި އެލަން ރަޝެލް އާއި ބަދަލު ކީޕަރު ޖެކްސަން ފޮލްމަން ހިމެނެއެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ ސަބަބުން ފޮލްމަންގެ ފައިގެ ބައެއް ވަނީ ބުރި ކޮށްލާފަ އެވެ.
"އެތިން ކުޅުންތެރިން ބޭނުން ކުރި ޖޯޒީ އެއްވެސް ކުޅުންތެރިޔަކު ބޭނުމެއް ނުކުރާނެ." ކޮސްޓާ ބުންޏެވެ.
"ޓްރިބިޔުޓަކަށް ވުރެ ބޮޑަށް ނެޓޯ އާއި ރަޝަލް ޓީމަށް އެނބުރި އައުމަށް އަހަރެމެން އެދެން ކަންދިމާވި ގޮތުން ފޮލޮމޮން އަށް އާދެވޭ ކަށް ނެތް ނަމަވެސް އަހަރެމެން އުންމީދު ކުރަނީ އޭނާގެ ކެޕޭސިޓީ ހުރި ވަރަކުން ކުލަބަށް ކަންކަން ކޮށްދޭނެ ކަމަށް."
މިމަހު 26 ގައި ފެށުމަށް ހަމަޖެހިފައިވާ އާ ސީޒަނަށް އެ ޓީމުން ޕްރްކްޓިސް ފެށުމަށް ހަަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.
ކުރިއަށް އޮތް ތިން އަހަރު ވެންދެން އެޓީމު ރެލިގޭޓް ނުވާނެ ގޮތަށް ފެޑްރޭޝަނުން ހަމަޖެއްސުމުން އެޓީމުން ވަނީ އެކަން ބަލައި ނުގަންނަ ކަމަށް ބުނެފަ އެވެ.