އިލެކްޝަންސް ކޮމިޝަން

ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް

މި މަހު ބޭއްވުމަށް ތާވަލުކުރި ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލި ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވެއް މިއަދު ބޭއްވުމަށް ނިންމައިފި އެވެ. މި ބައްދަލުވުމަށް ޕާޓީތަކުގެ މަންދޫބުންނަށް ކިޔާފައިވަނީ 10:00 ޖަހާއިރަށެވެ.

ހުރިހާ ސިޔާސީ ޕާޓީއެއްގެ މަންދޫބުންނާއި އިންތިހާބާ ގުޅޭ ދައުލަތުގެ މުއައްސަސާތަކުގެ މަންދޫބުން އެކުލެވޭ މި ކޮމެޓީގެ ކުއްލި ބައްދަލުވުމަށް ޕާޓީތަކަށް ދައުވަތު ފޮނުވާފައިވަނީ ވެސް ކުއްލި ގޮތަކަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އޭނާއަށް ދައުވަތުގެ އެސްއެމްއެސް ލިބުނީ ދަންވަރު ކަމަށެވެ. މިއަދުގެ ބައްދަލުވުން ބާއްވާ ސަބަބެއް ސާފެއް ނުވެ އެވެ.

ކުއްލި ބައްދަލުވުން މިއަދު ބާއްވާއިރި އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމުން ސާފުނުވާ ކަންކަން ސާފުކުރުމަށް ހައިކޯޓަށް ވެއްދި މައްސަލަ އިއްޔެ ވަނީ އެ ކޯޓުން ބޭރުކޮށްލާފަ އެވެ. އޭގެ ކުރިން މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ވެއްދި މައްސަލަ އިލެކްޝަން ކޮމިޝަނުން ވަނީ އަނބުރާ ނަގާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރުމަށް ސިވިލް ކޯޓުން ހުކުމްކުރީ، ސަރުކާރު ހިންގާ، ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަތަކާ ހުރެ އެ ޕާޓީއަށް އިންތިހާބަށް ތައްޔާރުނުވެވިގެން ހުށަހެޅި މައްސަލާގަ އެވެ.

މިއަދުގެ ބައްދަލުވުމަށްފަހު އިދިކޮޅު އިއްތިހާދުން ވަނީ އިލެކްޝަން ކޮމިޝަން ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރުމަށް ނިންމާފަ އެވެ.