މާލޭ ލީގް ތާރަފްކޮށް މިއަހަރުގެ ފުޓްބޯޅަ ލީގް ސިސްޓަމެއް ބޮޑެތި ބަދަލު ތަކެއް ގެނެސް މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރު އެފްއޭއެމް އިން އާންމު ކޮށްފި އެވެ.
ސިޒަނަށް އައި އެންމެ ބޮޑު ބަދަލަކީ މީގެ 11 އަހަރު ކުރިން ހުއްޓާލި މާލޭ ލީގް އަލުން ތާރަފް ކުރުމެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް އަތޮޅު ތަކުގެ ހަތަރު ތީމަށް ފުރުސަތު ލިބޭ ގޮތަށް ގެނެސްފައިވާ ބަދަލަވެ.
މިދިޔަ ދެ އަހަރުވެސް ކުލަބުތަކުގެ ކޯޗުން އެންމެ ބޮޑަށް ކުރި ޝަކުވާ އަކީ ސީޒަން ދިގު ވުމެވެ. މިފަހަރުވެސް އެމައްސަލަ އަށް ހައްލެއް ނެތެވެ. މިފަހަރު ސީޒަން ނިމޭނީ ޑިސެމްބަރު މަހު ހަތަރު ވަަނަ ދުވަހު އެވެ.
ޕްރިމިއާ ލީގް ފަށާ ގޮތަށް ހަމަޖެހިފައިވަނީ އަހަރުގެ މެދުތެރޭގައި ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ޕްރިމިއާ ލީގަށް އަތޮޅު ތެރެއިން ކޮލިފައިވާނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ. އަނެއް ހަތަރު ޖާގަ އަށް ވާދަ ކުރާނީ މާލޭ ލީގް އަށް ޓީމުގެ ތެރެއިން ގަދަ ހަތަރު ޓީމެވެ. ދިވެހި ޕްރިމިއާ ލީގްގައި ކުޅޭނީ ދެ ބުރެވެ.
ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗް އޮންނާނީ އަންނަ މަހު 16 ވަނަ ދުވަހު އެވެ. އެއަށްފަހު މާލޭ ލީގް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 24 ގައެވެ. މޭލޭ ލީގް ކުޅޭނީ ދެ ބުރަކަށް ބަހާލައިގެންނެވެ.
މާލޭ ލިގުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ނުވާ އަނެއް ހަތަރު ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމާއެކު ލީގް އުސޫލުން އެއް ބުރު ކުޅޭށެވެ. މާލޭ ލީގުގެ ކޮލިފައި ބުރު ފަށާނީ އޯގަސްޓް މަހު އެއް ވަނަ ދުވަހު އެވެ.
އެފްއޭކަޕް ފެށުމަށް ހަމަޖެހިފައިވާނީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ޕްރެޒިޑެންޓް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު 24 ވަނަ ދުވަހު އެވެ. ސީޒަންގެ އެންމެ ފހު މެޗަކަށް އޮންނާނީ ޕްރެޒިޑެންޓް ކަޕް ފައިނަލް މެޗެވެ.
ފުޓްބޯޅަ ކަލަންޑަރުގައި މި އަހަރު ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިން މެޗްތަކާއި ފީފާ ފްރެންޑްލީ މެޗްތަކަށް ކަލަނޑަރުގައި ވަނީ ޖާގަ ހުސްކޮށްފައެވެ. މިއަހަރު ގައުމީ ޓީމަށް އެންމެ މުހިންމު މުބާރަތަކީ ޑިސެމްބަރު މަހު ފަހު ކޮޅު ބަންގުލަދޭޝްގައި ބާއްވާ ސްފް ޗެމްޕިއަންޝިޕެވެ.