ގައުމީ ފުޓްބޯޅަ ޓީމުތަކަށް ދައުވަތު ދީގެން ރާއްޖޭގައި ބޭއްވުމަށް ހަަމަޖެހިފައިވާ ޕޮމިސްކަޕް ފުޓްބޯޅަ މުބާރާތް ވަރުގަދަ ގައުމުތަކަށް ދީގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ޕޮމިސްކަޕް މީގެ ކުރިން ބާއްވާފައިވަނީ ބޭރުގެ ކުލަބުތަކަށް ދައުވަތު ދީގެން ރާއްޖޭގެ ހަތަރު ކުލަބު ބައިވެރި ކޮށްގެންނެވެ. ޕޮމިސް ކަޕް އެންމެ ފަހުން ބާއްވާފައިވަނީ 2003 ވަނަ އަހަރު އެވެ.
ނަމަވެސް 2015 ވަނަ އަހަރު އެފްއޭއެމުން ވަނީ ޕީޕަލްސް ކަޕްގެ ނަމުގައި ބޭރުގެ ދެ ކުލަބަކަށް ދައުވަތު ދީގެން މުބާރާތެއް ބާއްވާފަ އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ދުވަސް ވަރު އެފްއޭއެމުން ވަނީ ޕޮމިސް ކަޕް ރީބްރޭންޑް ކޮށް ގައުމީ ފުޓްބޯޅަ ޓީމު ތަކަށް ދައުވަތު ދީގެން ރާއްޖޭގައި އެމުބާރާތް ބާއްވާ ގޮތަށް އިއުލާން ކޮށްފަ އެވެ.
މިއަދު އެފްއޭއެމްގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޕޮމިސް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"ޕޮމިސް ކަޕަށް ދައުވަތު ދޭނީ މިސަރަހައްދުގެ ޓީމުތަކަކަށް ނޫން އެހެން ސަރަހައްދުތަކުން ވަރުގަދަ ޓީމުތަކަށް ދައުވަތު ދީގެން ކުރިއަށް ގެންދާނީ ޕޮމިސްކަޕް ފަރުމާ ކުރުމަށް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމަށް ވަނީ ނިންމާފަ،"
އޭނާ ވިދާޅުވީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕޮމިސް ކަޕް ބާއްވާނެ ކަމަށެވެ.