ރާއްޖެ ކުޅިވަރު

އޭއެފްސީ ކަޕް ބޯމަތީގައި، ވެލެންސިއާގެ ހަރަކާތް ހުއްޓިފައި

އޭއެފްސީ ކަޕްގެ ޖާގަ ހޯދަން ކުލަބު ވެލެންސިއާ ކުޅެން ހަމަޖެހިފައިވާ ޕްލޭއޮފް ފުރަތަމަ މެޗް މިމަހު 31 ވަނަ ދުވަހަށް ވަނި ތަވަލު ކޮށްފައެވެ. އޭއެފްސީގެ ގަވައިދު ބުނާ ގޮތުން މިމަހު 15 ގެ ކުރިން ސްކޮޑް ފޮނުވަން ޖެހެއެވެ. މަގުމަތިން ދިމާވާ ވެލެންސިއާގެ ސަޕޯޓަރުންވެސް އޭއެފްސީ ކަޕް ބޯމަތި ވަމުން ދާއިރު ކުލަބުގެ ޚަބަރެއް ނެތުމުން ކަންބޮޑުވެފަ އެވާހަކަ އަހާލަ އެވެ.

މިދިޔަ އަހަރު އެފްއޭ ކަޕް ޗެމްޕިއަން ކަން ހޯދައި އޭއެފްސީ ކަޕްގެ ދޮރު އެކުލަބަށް ހުޅުވާލަދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ޓީމުގެ މުހިންމު ކުޅުންތެރިން ވަނީ އެޓީމު ދޫކޮށްލާ ފައެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރި ރަނގަޅު ކުޅުންތެރިން ހޯދައި ސީޒަނަށް ތައްޔާރުވި ވެލެންސިއާގެ އަޑު މިފަހަރު ކެނޑިއް ޖެއެވެ. އެހެން ކުލަބުތަކުން ކުޅުންތެރިންގެ ޓްރާންސްފާ ޑީލްތައް ހަދަމުން ދާއިރު ވެލެންސިއާ އޮތީ ހަރަކާތް ހުއްޓިފަ އެވެ.

ސަޕޯޓަރުންގެ ކަންބޮޑުވުންތަކާއެކު ވެލެންސިއާގެ ޚަބަރެއް ބަލާލުމަށް ވެލެންސިއާގެ ޗެއާމަން އަދީލް ޖަލީލަށް ގުޅާލީމެވެ.

"ކުލަބުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން މީޑިއާ އަށް މައުލޫމާތު ދެނީ ކުލަބުގެ މެނޭޖަރު." ވެލެންސިއާގެ ތައްޔާރި ތަކާ ބެހޭގޮތުން ސުވާލު ކުރުމުން އަދީލް ވިދާޅުވިއެވެ.

ހައިރާކީ އުސޫލުން ކުލަބުގެ ކަންކަމުގައި އެންމެ މަތީ ފަރާތަކަށް ވާނީ ކުލަބުގެ ޗެއާމަން ނޫންތޯ ދެންނެވީ މެވެ. އޭއެފްސީ އަށް ސްކޮޑް މިމަހު 15 ގެ ކުރިން ހުށަހަޅަން ޖެހޭއިރު އެކަމުގެ ތައްތާރިތައް އޮތީ ކިހިނެއްތޯ ސުވަލު ކުރުމުން ވިދާޅުވީ އެކަން އަވަހަށް ނިމިގެންދާނެ ކަމަށެވެ.

މިހާރުން ފެށިގެން ސްކޯޑް ފައިނަލް ކުރަން އޮތީ 10 ވަރަކަށް ދުވަހެވެ. ވެލެންސިއާގެ ހަރަކާތެއް ނެތް އިރު، ކުލަބުގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިން ފިޔައި ކުލަބުގެ ސްކޮޑްގައި ޖެހޭކަށް ކުޅުންތެރިން ނެއް ނެތެވެ. ނުވަތަ ކުލަބު ދޫކޮށް ދިޔަ ކުޅުންތެރިން ޖާގަތައް ފިލް ކުރުމަށް އެހެން ކުޅުންތެރިންތަކާއެކު ކޮންޓްރެކްޓެއް ހެދުނު ކަމެއް މިހާތަނަށް އެނގިފައެއް ނެތެވެ.

ވެލެންސިއާ އޮތް ހާލަތުން މިހުރިހާ ކަމެއް ފުރިހަމަކޮށް އޭއެފްސީ އަށް ސްކޮޑް ހުށަހެޅިދާނެތޯ ސުވާލު އުފެދެއެވެ. ސްކޮޑް ހުށަނޭލިއްޖެނަމަ ބޮޑު ޖޫރިމަނާ އެއް ވެލެންސިއާ އަށް އަންނާނެ އެވެ. ލިބޭ ގެއްލުން އޮތީ އެ ކުލަބަކަށް އެކަންޏެއް ނޫނެވެ. ދިވެހި ފުޓްބޯޅަ އަށްވެސް މެއެވެ.

ޗެއާމަން ވިދާޅުވީ "ހުރިހާ ކަމެއް ހަމަޖެހޭނެ" ކަމަށެވެ. ކުލަބު ތައްޔާރިތަކާ ބެހޭގޮތުން ތައްޔާރިތަކެއް ވާކަމެއް ވިދާޅެއް ނުވެ އެވެ. ނުވަތަ އެކަމުގެ ތަފުސީލެއް ނުދެއްވަ އެވެ.