ޕެންޝަން އޮފީސް

ޕެންޝަން ސްކީމްގެ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

Jan 4, 2017

މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމުން ނަގާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި އެވެ. މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އަކީ އެ ސްކީމްގެ ބައިވެރިންގެ އަތުން މެނޭޖްމަންޓް ފީއެއް ނަގައިގެން ހިންގާ ސްކީމެކެވެ.

ޕެންޝަން އޮފީހުން ބުނީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެމްއާރްޕީއެސް ހިންގަން ސްކީމުގެ ބައިވެރިންގެ އަތުން ނަގާ އެޑްމިނިސްޓްރޭޓިވް ފީ އެއްގެ ގޮތުގައި ޑިސެންބަރު 31، 2014 ގެ ނިޔަލަށް ނަގާފައި ވަނީ ކޮންމެ އަހަރަކު އެބައިވެރިއެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ޖުމްލަ އަދަދުގެ އެއް ޕަސެންޓް ކަމަށާއި އެ އަދަދު ޖެނުއަރީ 1، 2015 އިން ފެށިގެން 0.9 ޕަސެންޓަށް ކުޑަ ކުރުމަށް ފަހު، މި މަހުން ފެށިގެން 0.8 ޕަސެންޓަށް ކުޑަކުރުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެމްއާރްޕީއެސްގެ ބައިވެރިންގެ އަތުން ނަގާ އެ ފީއަކީ ޕެންޝަން އޮފީސް ހިންގުމަށާއި، ކަސްޓޯޑިއަންގެ ފީ އަށާއި، އަދި ސްކީމް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްގީ ގެނައުމަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސަން ނަގާ ފީއެކެވެ.

އެ ފީއަކީ އަހަރަކު އެއްފަހަރު މުރާޖައާ ކުރަމުން އަންނަ ފީއަކަށް ވާތީ ކުރިއަށް އޮތް ތަނުގައިވެސް ފީއަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ބަދަލު ގެންނާނެ ކަމަށް ވެސް ބުންޏެވެ.