އުރީދޫ

އުރީދޫ ސަބްމެރިން ކޭބަލުން މުޅި ރާއްޖެ ގުޅާލައިފި

Jan 5, 2017

އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް، ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިފާ ލޭންޑިން ސްޓޭޝަނާއި ގުޅުވުމަށްފަހު، ރާއްޖޭގެ ދެކުނުން އުތުރަށް ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.

އުރީދޫ އިން ބުނީ ސަބްމެރިން ކޭބަލުން މުޅި ރާއްޖެ ގުޅުވާލީ ވީހާ ވެސް އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އެއް ފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ވިޔަފާރިތަކާއި މުޖުތަމައުއަށް ޒަމާނީ ޑިޖިޓަލް ފައިދާތައް ހޯދައިދޭން ކަމަށެވެ. އަދި މިއީ މަލްޓިމިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް ވެސް އުރީދޫއިން ބުނެ އެވެ. ސަބްމެރިން ކޭބަލް އިން ރާއްޖެ ގުޅާލުމުގެ މަސައްކަތް އުރީދުން ފަށާފައިވަނީ އެ ކުންފުންޏަށް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބުމާ އެކުގަ އެވެ.

މި ހިދުމަތާއި ބެހޭގޮތުން އުރީދޫގެ ސީއޯ ވިކްރަމް ސިންހަ ވިދާޅުވީ ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

އުރީދޫއިން ބުނީ ހުއާވޭ މެރިން އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ ބޭނުންކުރާ ސަބްމެރިން ކޭބަލް މެދުވެރިކޮށް، އުރީދޫގެ 4G+ ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރެވިފައިވާ ކަމަށާއި ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިހާރު މުޅި ރާއްޖޭގައި އުރީދޫ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އުރީދޫއިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މުޅިން އަލަށް 40 ރަށެއްގައި 4G+ގެ ހިދުމަތް ދޭން ފަށާފަ އެވެ.