ޔޫތު ސިޓީއެއްގެ ކޮންސެޕްޓަށް ތަރައްގީ ކުރާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައޫދީ ފަންޑުން ކުރާ ހުރިހާ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ޑިޒައިން ކުރުމަށާއި ޕްރޮޖެކްޓު މެނޭޖްކުރަން ތުރުކީގެ ޓާކިޝް އިންޖީނިއަރިން ކޮންސަލްޓަންޓް އެންޑް ކޮންޓްރެކްޓިން ކޯ (ޓާމަސް) އާ ހަވާލުކޮށްފި އެވެ. ޓާމަސްއާ މި މަސައްކަތް ހަވާލު ކުރީ ސައުދީ ފަންޑުގެ އެހީގެ ދަށުން ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރަށެވެ.
ހުޅުމާލޭގައި ހުންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައި އޮފީހުގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ ޔޫތު ސިޓީ ދެވަނަ ފިޔަވަހީގެ އިންފްރާސްޓަކްޗާ މަސައްކަތް ކުރަން އިންޓަނޭޝަނަލް ކުންފުންޏެއްގެ ކޮންސަލްޓަންސީ ހޯދަން ސައުދީ ފަންޑުން ވެސް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމަށެވެ. އެގޮތުން މިއަދު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައުދީ ފަންޑުގެ ޕްރޮކިއުމަންޓް ޕްރޮސެސްއާ އެއްގޮތަށް ހޮވުން ތުރުކީގެ ކުންފުންޏާ ކަމަށެވެ.
މި ކުންފުނިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ކަނެކްޓިން ބްރިޖުތަކާއި، ހާބަރާއި، ޓޫރިޒަމް އައިލެންޑު ފަދަ ސަރަހައްދުތަކަށް ޗެނަލިންގެ މަސައްކަތް ކުރާނެ ގޮތުގެ ޑިޒައިންކުރަން އެއްބަސްވެފައިވާ ކަމަށް ސައިމަން ވިދާޅުވި އެވެ.
"ސައުދީ ފަންޑުގެ 80 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް ވެސް މިދަނީ ބާރަށް ހިނގަމުން. އެގޮތުން ލޯކަލީ ކުރަން ޖެހޭ ގިނަ މަސައްކަތްތައް ނިމިއްޖެ. އޭގެ ތެރޭގައި ޝީޓް ޕައިލް ކުރުމާއި ބައެއް އޭރިއާތަކުގެ ޑިޒައިނިން މަސައްކަތް ނިމިއްޖެ،" ސައިމަން ވިދާޅުވި އެވެ. "ތުރުކީގެ މި ކުންފުނިން މައުލޫމާތު ދޭ ގޮތުގައި އެއްބަސްވެފައި އޮތް ތާރީހަށްވުރެ އަވަހަށް އެ މަސައްކަތްކޮށް ނިމޭނެ. އެހެންވެ އުންމީދު ކުރަނީ މިހާރު މި މަސައްކަތް ފަށައި ގަނެވުނީމަ މީގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ހިނގައިގަންނާނެ ކަމަށް،"
ސައިމަން އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ހަ މަސް ތެރޭގައި ކޮންސަލްޓަންސީ ނިމިފައި ހުރި ބޮޑެތި ސަރަހައްދުތަކުގެ އަމަލީ މަސައްކަތް ކުރާނެ ބަޔަކާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށާއި މި އަހަރުގެ ތިންވަނަ ކްއާޓާ ތެރޭގައި އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ.
އެޗްޑީސީއިން ރާވާފައިވާ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ދެމެދު ހަތަރު ބްރިޖު އަޅާނެ އެވެ. އޭގެ އިތުރުން ޓޫރިޒަމް އައިލެންޑާއި މެއިން އައިލެންޑު ގުޅާލެވޭ ދެ ބްރިޖެއް އަޅާއިރު ޔޮޓް މެރިންއާ ކްރޫޒް ޓާމިނަލް ގުޅުވާދޭ ދެ ބްރިޖެއް ވެސް އަޅާނެ އެވެ. އެ ހުރިހާ މަސައްކަތެއް ކުރާނީ ސައުދީ ފަންޑުގެ އެހީގަ އެވެ.