- ޖުމްލަ 101،954 އަކަފޫޓުގެ ބިން
- ބައެއް އުސޫލީ ކަންކަމަށް ބަދަލު ގެނައި
- 2000 އާއި 6000 އަކަފޫޓާ ބިން ގަނެވޭނެ
- ލޯނުގެ އިންތިޒާމަށް ދަނީ މަޝްވަރާ ކުރަމުން
ހުޅުމާލޭ ދެވަނަ ފިޔަވަހި، ޔޫތު ސިޓީ އިން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަލުން ހުޅުވާލައިފި އެވެ. އެޗްޑީސީއިން މި ފަހަރުވެސް ބިން ގަތުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭގެ ފޭސް އެކަކައި އެންމެ ކައިރީގައި އޮތް ޒޯން ކަމަށްވާ ބީޗް ފްރަންޓާއި ބީޝް ސައިޑެވެ.
ޔޫތު ސިޓީގެ އިންފްރާސްޓްރަކްޗާ ޑިޒައިން ކުރަން ތުރުކީ ކުންފުންޏަކާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ މި ފަހަރު ހުޅުވާލެވިފައި ވަނީ 101،954 އަކަފޫޓުގެ ބިން ކަމަށާއި ކުރިން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަންތަކުން ފާހަގަވީ ކަންކަމަށް ބަލައި ބައެއް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"ތަނެއް ތަރައްގީވަމުން އަންނަ އިރު އެކި ސެކްޓާތަކަށް ފޯކަސް ވެގެން އަންނަ އެކި ކަހަލަ ޑިވެލޮޕްމަންޓުތައް ރަނގަޅު ބެލެންސްއެއް ގެންގުޅުމަށްޓަކައި އެއް ފަހަރާ ގެނައުމަކީ ވަރަށް މުހިންމު ކަމެއް. ބީޗް ފްރަންޓު އޭރިއާއަކީ އެންމެ ލަގްޒަރީ އޭރިއާ. ހުޅުލެއާ ޖެހިގެން މާލެ ސިޓީއާ އެއްކޮށް ގުޅާލެވޭ ބީޗް އެހާ އަގު ހެވެއް ނުވާނެ. އަގު ހެޔޮވާނެތޯ ނޫންތޯ ނިންމާނީ އޯޕަން މާކެޓުން،" ސައިމަން ވިދާޅުވި އެވެ.
ސައިމަން ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބިންތަކުގެ ސައިޒު ކުޑަވުމުން އެއްފަހަރާ ތަރައްގީކުރަން ދަތިތަކެއް އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ގެނައި ބަދަލުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް 2000 އަކަފޫޓާއި 6000 އަކަފޫޓާ ދެމެދުގެ ބިމެއް ގަތުމަށް ހުށަހެޅޭނެ ކަމަށެވެ.
"މިހާރުވެސް ފޭސް ވަންގައި ހިމެނެނީ 1200، 1100 އަކަފޫޓުގެ ބިންތަކަކީ ތަންކޮޅެއް ކުދި ބިންތަކަަކަށް ވާތީ ބައެއް ފަހަރު އެންމެ ރަނގަޅު ގޮތުގައި އެތަންތަން ޑިވެލޮޕް ކުރަން ދަތިތަކެއް ހުންނަކަން ފާހަގަވޭ. އެހެންވެ ކަނޑައެޅީ މިނިމަމް ސައިޒަކާއި މެކްސިމަމް ސައިޒެއް. ކޮންމެ ފަރާތަކަށް ވެސް 2000 އަކަފޫޓުން ފެށިގެން 6000 އަކަފޫޓާ ދެމެދުގައި ސައިޒު ތަކަކަށް ބިން ގަންނަން ހުށަހެޅޭނެ،" ސައިމަން ވިދާޅުވި އެވެ.
ޔޫތު ސިޓީއިން ބިން ވިއްކުމާ ބެހޭ މައުލޫމާތުތައް ބެންކުތަކާ ހިއްސާ ކުރަމުން އަންނަ ކަމަށާއި އަދި ބެންކުތައް މެދުވެރިކަށް އެބިންތައް ގަންނަ ފަރާތްތަކަށް އުސޫލުތަކުގެ މަތިން ލޯނު ހަމަޖެއްސުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.