ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އެނބުރި ސަރުކާރުގެ ހިދުމަތަށް ވަޑައިގެންނެވުމާއެކު ސަރުކާރާއި ސަރުކާރު ހިންގާ ޕީއެމްގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި މެންބަރުން އެކަމަނާއަށް މަރުހަބާ ވިދާޅުވެ ގެންދަނީ ހިތްވަރު ދެއްވަމުންނެވެ. އަނެއްކޮޅުން ވަޒީރު ކަމުން އިސްތިއުފާ ދެއްވުމުން އެކަމަނާ އަށް މީގެ ކުރިން ތައުރީފު އޮއްސި އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަމަނާ އަށާއި އާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
-- ދުންޔާ ބޮޑު ބޭބެ ވިދާޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުން އެކަމަނާ އަމިއްލަފުޅަށް އެ އިސްތިއުފާ ދެއްވީ މިދިޔަ ޖުލައި މަހުގެ ފަސްވަނަ ދުވަހު ކުއްލި ގޮތަކަށެވެ. އޭގެ ފަހުން ކުޑަ ދުވަސްކޮޅެއް ވަންދެން ސަރުކާރުގެ ބައެއް ހަފުލާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވި އެވެ. މަގާމު ދޫކޮށްލެވީވެސް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައާ މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވަމުންނެވެ.
ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ފަދައިން މިއަދު ކުއްލި ގޮތަކަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު ގަބޫލު ކުރައްވާ އެ މަގާމަށް ދުންޔާ ވަޑައިގެންނެވުމަކީ ވަރަށް ގިނަ ބަޔަކު ހައިރާން ކުރުވި ކަމެކެވެ. ވަޑައިގެންނެވި މަގާމުގެ ގޮތުންނާއި ހާލަތާއި ވަގުތުގެ ވެސް ގޮތުންނެވެ. ކުއްލި މި ބަދަލަށް ޝޮކް ޖެހުނު މީހުންގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރާ އެއްކޮޅު ފަރާތްތައް ވެސް ހިމެނެ އެވެ. އަދި ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ލިބި ވަޑައިގަތުމުން މީހުން ހައިރާންވެ އެކަން ވަރަށް ބޮޑު ހަބަރަކަށްވި ދުވަހެއް މި އައީ ފުރަތަމަ ފަހަރެވެ.
ދުންޔާ އާއެކުގައި ކެބިނެޓުގައި ހުންނެވުމަށް ފަހު ސަރުކާރާ ފެއަށްޖެހި ވަޑައިގެންނެވި އުމަރު ނަސީރާއި އެހެން ބައެއް ބޭފުޅުންވެސް ދުންޔާގެ އެނބުރި ވަޑައިގަތުން ސިފަ ކުރީ"ޝޮކެއް" ގެ ގޮތުގަ އެވެ.
ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އަދި ތައުރީފު ވެސް އޮހެމުން އަންނަ އިރު އެކަމަނާ ވިދާޅުވެފައި ވަނީ އަލުން ސަރުކާރާ ގުޅިވަޑައިގެންނެވީ ސަރުކާރާއެކުގައި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ބޭނުންފުޅުވެ ވަޑައިގެން ނިންމެވި ނިންމެވުމެއްގެ ގޮތުގައި ކަމަށެވެ. އެކަމަނާގެ އެ ނިންމެވުމަށް ބައްޕާފުޅު، އަދި ކުރީގެ ރައީސް މައުމޫނާއި އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކީ ނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކުން ގެންދަނީ އެކަމަނާ އަށް ވަރަށް ބޮޑަށް ތައުރީފު ބަންޑުންކޮށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދުވެސް ދެމުންނެވެ.
ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވާ ވަރަށް ގިނަ ބޭފުޅުން ޓްވިޓާ އާއި ފޭސްބުކު މެދުވެރިކޮށް ވިދާޅުވެފައި ވަނީ ދުންޔާގެ ނިންމެވުމަކީ "އެކަމަނާގެ ހިތްވަރުގަދަކަން ހާމަވެގެންދިޔަ ބޮޑު ނިންމެވުމެއް" ކަމަަށެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ އެއީ ގައުމު އިސް ކުރުމުގައި މިސާލު ދައްކަވައި، ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ދުންޔާ ނެންގެވި މުހިއްމު ނިންމެވުމެއް ކަމަށެވެ.
ދުންޔާއަށް ތައުރީފުގެ މެސެޖުތައް ވެދުންކުރި ބައެއް ޕީޕީއެމްގެ އިސް ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ފަދަ ބޭފުޅުންނާއި މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ އިރު ޕީޕީއެމްގެ ވަރަށް ގިނަ އާންމު މެންބަރުން ވެސް އެކަމަނާގެ ނިންމެވުމަށް މަރުހަބާ ކިޔާފައިވެއެވެ.
ސަރުކާރާ ގުޅިވަޑައިގަތުމަށް ދުންޔާ ނިންމެވި ނިންމެވުން އެކަމަނާގެ އާއިލާގެ އިތުރަށް އެކި ފަންތީގެ ސިޔާސީ ބޭފުޅުން ހައިރާންކޮށްލާފައިވާއިރު އެކަމަނާގެ ކޮއްކޯފުޅު ޣައްސާނު މައުމޫން މިވަގުތު ވެސް ހުންނެވީ ސަރުކާރުގަ އެވެ. އެހެން ނަމަވެސް ދުންޔާގެ ކޮއްކޮ ފާރިސް މައުމޫނާއި އެއްމާބަނޑު ޔުމްނާ މައުމޫނާއި ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އަދި ބައްޕާފުޅު، ރައީސް މައުމޫން ވެސް ވަނީ ސަރުކާރަށް ކުރައްވާ ތާއީދު ގެންދަވާފައެވެ.