ލައިފްސްޓައިލް

ހަލަބުގެ ތުއްތު މަރަމްގެ ޒަހަމްތައް ޑޮކްޓަރުގެ މޭ ގުޑުވާލައިފި!

ޑޮކްޓަރުންނަކީ ދުވާލަކު އެތައް ބަޔަކަށް ފަރުވާކުރާ ބައެކެވެ. އެކިވަރުގެ އަނިޔާތައް ލިބި އެކިކަހަލަ ބަލި މީހުންނަށް ފަރުވާ ކުރުމުގައި އެމީހުންގެ ހުރިހާ ވަގުތެއް ހޭދަ ކުރެ އެވެ. އެކި އުމުރުގެ މީހުންގެ އެވެ. ބަލި މީހުންނަކީ އެމީހުންނަށް ހާއްސަ ބައެކެވެ. ވަކި މީހަކަށް ބޮޑަށް ފަރުވާކޮށް ހާއްސަ ސަމާލުކަމެއް އެމީހުން ދޭނީ އެމީހެއްގެ ބަލި ހާލަތަށް ބަލާފަ އެވެ. ބަލި މީހާއަށް ފަރުވާކުރުމަށްފަހު ދޫކޮށްލުމާއެކު އެމީހާގެ މަތިން ގިނަ ފަހަރަށް ޑޮކްޓަރުން މާބޮޑު ހަނދާނެއް ނުހުރެ އެވެ. އެތައް ބަޔަކާއި ކޮންމެ ދުވަހަކު އަލަށް ދިމާވުމުގެ ސަބަބުން ހަނދާން ކުރަން އުނދަގޫ ވަނީ އެވެ.

ނަމަވެސް އިނގިރޭސި ވިލާތުގެ ޑރ. ޑޭވިޑް ނޮޓް ވަރަށް ތަފާތެވެ. ސީރިއާގެ ހަލަބުގައި ދިން ހަމަލާއެއްގައި ޒަހަމްވި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމަށްފަހު އަދިވެސް އެކުއްޖާގެ މަތިން މި އޮޕަރޭޝަން ކުރި ޑޮކްޓަރު ހަނދާނެއް ނުނެތެ އެވެ. އެނބުރި ގައުމަށް ދިޔަ ނަމަވެސް އުމުރުން އެންމެ ފަސް މަހުގެ މަރަމްގެ މަތިން ޑރ. ޑޭވިޑް ހަނދާން ނުކުރާ އެންމެ ދުވަހެއް ނުދެ އެވެ. ހެނދުނު ހޭލައިގެން ރޭގަނޑު ނިދަންވަންދެން ވެސް ޑޭވިޑް އަށް އުނދަގޫ ކުރަނީ އެތުއްތު ކުއްޖާގެ ހިޔާލެވެ.

ސީރިއާގެ ހަލަބަށް ދިން ބޮމުގެ ހަމަލާތަކުގެ ތެރެއިން މަތިންދާބޯޓަކަށް ދިން ހަމަލާގައި ތުއްތު މަރަމް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އެ ހަމަލާގައި މަރަމްގެ މަންމަ އާއި ބައްޕަ އަދި އާއިލާ އެންމެންވަނީ މަރުވެފަ އެވެ.

މަރަމްގެ ފައިން ވަނީ އޮޕަރޭޝަންގައި މަތިންދާ ބޯޓުގެ ދަގަނޑު ކޮޅެއްވެސް ނަގާފަ އެވެ. ފަރުވާ ކުރަން މަރަމްގެ ފައިގެ ބައެއް ބުރިކޮށްލަން ވެސް ޖެހުނެވެ. އަދި މަރަމްގެ ތުންފަތްވެސް ވަނީ ވަރަށް ބޮޑަށް ފަޅައިގެންގޮސް ގެއްލުންވެފަ އެވެ. މަރަމްގައި ފައިގައި އުފެދިފައި ހުރި އިންފެކްޝަނުގެ ސަބަބުން އެ ތުއްތު ތުއްތު ފުރާނައަށްވަނީ ނުރައްކާވެފަ އެވެ. ޑޭވިޑް ވިދާޅުވީ އެންމެ އެކަށީގެންވާ ފަރުވާ ނުކުރެވިއްޖެނަމަ މަރަމްގެ ފައި އެއްކޮށް ބުރިކޮށްލަން ޖެހޭނެ ކަމަށެވެ.

"މަރަމް ގެ އުމުުރުން އެންމެ ފަސް މަސް. އެ ތުއްތު ކުއްޖާގެ ހަށިގަނޑުގައި ވޭންއަޅާނެ ވަރު އިހުސާސް ނުކުރެވޭނެ." ޑޭވިޑް ބީބީސީއަށް ދިން އިންޓިވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ޑޭވިޑްއަށް އެންމެ ފަހުން މައުލޫމާތު ލިބުނު ގޮތުގައި އިތުރު ފަރުވާއަށް މަަރަމްވަނީ ތުރުކީއަށް ގެންގޮސްފަ އެވެ.

"އަހަންނަށް ކޮންމެ ދުވަހަކު ނިދާހެލެވޭއިރުވެސް ވިސްނެނީ އެކަމާ. ހިތަށް އަރަނީ ކާކުބާ އޭ އެކުއްޖާއަށް އަޅާލަނީ. ކާކުބާއޭ އެކުއްޖާދެކެ ލޯބިވެ ލޯބިދެނީ. ކާކުބާއޭ އެކުއްޖާއަށް ކާން ދެނީ. ކާކުބާއޭ އެކުއްޖާ ބަލަހައްޓަނީ. އެކުއްޖާ ގެންދިޔައީ ތުރުކީގެ ކޮން ހޮސްޕިޓަލަކަށް ކަމެއްވެސް ނޭނގޭ. ދުނިޔޭގައި ހުރި ކަމެއްވެސް ނޭނގޭ" ވިދާޅުވެފައިވެ އެވެ.

ސީރިއާގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމައިގެ ހަމަލާ ބަދަލުކުރުން މިހާރުވަނީ ހުއްޓާލާފަ އެވެ. މި ހަނގުރާމައިގައި އެތައްހާސް ކުޑަކުދިންނެއްވަނީ ޔަތީމުވެ ހާލުގައި ޖެހިފަ އެވެ. އެތައް ހާސް ކުދިންނެއް ހަމަލާތަކުގައި މަރުވިއިރު އެތައްހާސް ކުދިންނެއްވަނީ އެކިވަރުގެ އަނިޔާތައް ލިބި ހާއްސަ އެހީއަށް ބޭނުންވެފަ އެވެ.