ބޮލީވުޑް

ޝާހްރުކް ހާން ބޭނުންވަނީ އެކްޝަން ހީރޯ އަކަށްވާން

Jan 6, 2017

ޝާހްރުކް ހާންގެ ފޭނުން މިހާރު އެންމެ ބޮޑު އިންތިޒާރެއް ކުރަމުންދަނީ ޝާހުގެ "ރައީސް" ރިލީޒްކުރާނެ ދުވަހަކަށެވެ. އެފިލްމުގައި ފެނިގެންދާނެ ކަމަށްވަނީ ޝާހުގެ ވަރަށް ތަފާތު ރޯލެކެވެ. މިއި ގުޖްރާތުގައި 1980 ވަނަ އަހަރު ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ނަމަވެސް މިއީ އާންމު ދިރިއުޅުމުގައި ޝާހު ދިރިއުޅޭ ގޮތާއިވެސް ތަފާތު ރޯލެކެވެ.

ރައީސް ރިލީޒްކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ދާދިފަހުން ޝާހު މިވަނީ އިންޑިއާގެ ލޯކަލް ނޫހަކަށް އިންޓަވިއު އެއް ދީފަ އެވެ. އެއިންޓަވިއުގައި ޝާހު ބުނެފައިވަނީ އޭނަ އަބަދުވެސް ވާން ބޭނުންވީ އެކްޝަން ހީރޯ އަކަށްވާން ކަމަށެވެ. އަދި ފިލްމަކުން އެފަދަ ރޯލެއް ނުކުޅުނަސް އޭނާގެ ހިތުގައި އެކަހަލަ ރޯލެއް ކުޅުމުގެ ޝައުގުވެރިކަން އޮންނަ ކަމަށެވެ.

"އަހަރެން އަަބަދުވެސް ބޭނުންވަނީ އެކްޝަން ހީރޯ އަކަށްވާން. އެކަހަލަ ރޯލުތައް ކުޅެން. އެކަމަކު ފިލްމުތައް ހަދާ މީހުން ދުވަހަކުވެސް އަހަންނަކަށް އެކަހަލަ ރޯލެއް ނުދޭ." ޝާހު ބުނެފައިވެ އެވެ.

ބޮލީވުޑްގައި ޝާހު ސިފަކުރަނީ " ކިންގް އޮފް ރޮމޭންސް" ގެ ގޮތުގަ އެވެ.

ޝާހު އިތުރަށް ބުނެފައިވަނީ ރައީސް ޝޫޓު ކުރަން އެކްޝަން ފަސް ސެޓު ތައްޔާރުކުރި ކަމަށެވެ. އަދި އެ ސެޓުތައް ބޮޑެތި ތަޅާފޮޅުންގަނޑުތައް ދައްކައިދޭ މަންޒަރުތައް ނަގާފައިވާ ކަމަށެވެ. އަދި މި ފިލްމުގައި އެކި ވަރުގެ ތަޅާފޮޅާ މަންޒަރު ފެނިގެންދާއިރު އެއިން ކޮންމެ މަންޒަރެއްވެސް ތަފާތު ވާނެ ކަމަށާއި ކޮންމެ ތަޅާފޮޅުމެއް ނުވަތަ ހަމަނުޖެހުން ގަނޑަކީ ތަފާތު ކަންކަމާއި ގުޅިގެން ހިނގާ ކަމެއް ކަމަށް ޝާހު ބުނެފައިވެ އެވެ.

"ރައީސް" ޑައިރެކްޓް ކޮށްފައިވަނީ ރާހުލް ދޯލާކިޔާ އެވެ. ޝާހު އާ އެކު މި ފިލްމުން ދެން ފެނިގެން ދާނީ ޕާކިސްތާންގެ މަޝްހޫރު ބަތަލާ މާހިރާ ހާން އަދި މުހިއްމު ރޯލަކުން ނަވާޒުއްދީން ސިއްދީގީ އެވެ.