ބޮލީވުޑް

މިއަހަރު އާލިއާ ފެންނާނީ "ބަދްރިނާތް ކީ ދުލްހަނިޔާ" އިން އެކަނި

Jan 6, 2017

ނިމިގެން ދިޔަ 2016 ވަނަ އަހަރު އާލިއާ ބަޓްގެ ހިޓް ތިން ފިލްމަށްފަހު މިހާރު އޭނާގެ ފޭނުން ކަޅި އަޅަމުންދަނީ އާލިއާގެ އިތުރު ފިލްމުތަކެއް މިއަހަރު ފެނިގެންދާނެ ކަމަށެވެ. "އުޑްތާ ޕަންޖާބް"، "ކަޕޫރް އެންޑް ސަންސް" އަދި "ޑިއާ ޒިންދަގީ" އިން އާލިއާ އަށްވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ. އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް އޭނަ ވަނީ ވާދަކޮށްފަ އެވެ.

އަލިއާ މިވަނީ މިއަހަރު އޭނާ ފެނިގެންދާނެ ފިލްމުތަކާއި އޭނާގެ ޕްލޭން އިއުލާނުކޮށްފަ އެވެ. އާލިއާ ބުނީ މިހާރު ނިންމާފައި އޮތް ގޮތުން މި އަހަރު އޭނާ ފެންނާނީ އެންމެ ފިލްމަކުންނެވެ. އެއީ "ބަދްރިނާތް ކީ ދުލްހަނިޔާ" އިންނެވެ.

"އަދި އޮތް ގޮތުން ފެނިގެންދާނީ ބަދްރިނާތް ކީ ދުލްހަނިޔާ އެކަނި. ފަހަރެއްގައި އިތުރު ފިލްމެއް ވެސް ފެނިދާނެ. އެކަމަކު ބޮޑަށް ހީވަނީ މިއަހަރު ފެންނާނީ އެންމެ ފިލްމަކުން ހެން. މިއީ ވަރަށް ބޮޑު މެއިންސްޓްރީމް ފިލްމެއް،" އާލިއާ ބުނެފައިވެ އެވެ.

ފިލްމުތަކާއި ދުރަށް ޖެހިލާ، އާލިއާ މިއަހަރު ހޭދަކޮށްލަން ބޭނުންވަނީ އިޖުތިމާއީ މަސައްކަތްތަކުގަ އެވެ. މިހާރުވެސް އޭނަ ދަނީ ޖަނަވާރުން ހިމާޔަތް ކުރުމާބެހޭ ކެމްޕޭނެއްގައި މަސައްކަތް ކުރަމުންނެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ "ބަދްރިނާތް ކީ ދުލްހަނިޔާ" ގައި އާލިއާ އާއެކު ދެން ފެނިގެންދާނީ ވަރުން ދާވަން އެވެ. އާލިއާ ވަނީ ވަރުން އާ އެކު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.