ޑރ. މުހައްމަދު އާސިމް

ރާއްޖެއާ ޗައިނާގެ ގުޅުމުގެ މައްޗަށް މިނިސްޓަރު އާސިމް ތަގުރީރު ކުރައްވައިފި

ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ އެކުވެރިކަމާއި ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތާބެހޭ ގޮތުން ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ތަގުރީރު ކުރައްވައިފި އެވެ.

އާސިމް މި ތަގުރީރު ކުރެއްވީ މިދިޔަ އަންގާރަ ދުވަހު ޗައިނާއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ބީއެފްއެސްޔޫއަށް ޒިޔާރަތް ކުރައްވައެވެ. މިއީ ހާރިޖީ ވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އާސިމް ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ބީއެފްއެސްޔޫގައި އާސިމް ދެއްވި ތަގުރީރުގައި ޒަމާނުއްސުރެއް ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލި އަޅުވައިލެއްވި އެވެ. އަދި މި އަހަރަކީ ދެ ގައުމު ދެމެދު އޮންނަ ގުޅުމަށް 45 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރެއްވާ މިހާ ހިސާބަށް އައި އިރު ޗައިނާއާ ރާއްޖޭގެ ހާރިޖީ ގުޅުން އިންތިހާއަށް ބަދަހިވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާ ކާމިޔާބު ކަމާއެކު ހާސިލް ކުރުމަށް ޗައިނާއިން ދެއްވާ އެހީތަކުގެ މައްޗައް މިނިސްޓަރު އަލިއަޅުވާލެއްވި އެވެ.