ޑރ. މުހައްމަދު އާސިމް

ކުރިމަގުގައި ޗައިނާއިން ރާއްޖޭގައިކުރާ އިންވެސްޓަމަންޓުތައް ގިނަވާނެ: އާސިމް

ކުރިޔަށް އޮތް އަހަރުތަކުގައި ޗައިނާއިން ރާއްޖެއަށް ކުރާ އިންވެސްމަންޓުތައް ގިނަވާނެ އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ޖެން ހޮޓަލުގައި މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޗައިނާއާއެކު އޮތް ބަދަހި، އަދި ގާތްކަމާއެކު އެ ގައުމަށް ކުރެއްވި ދަތުރުފުޅުތަކުން، ރާއްޖެއާ ޗައިނާގެ ގުޅުން މީގެ ކުރިން ގުޅިގެން ނުދާ މިންވަރަށް ބަދަހިވެ ގުޅިފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާގެ ރައްޔިތުންނާއި ދިވެހިންގެ ދެމެދު އޮތް ގުޅުން ބަދަހިވެ ވިޔަފާރީގެ ގޮތުން ދެ ގައުމުން ގިނަ ކުރިއެރުންތަކެއް ހޯދައި ހުރިހާ ގޮތަކުން ރަނގަޅު ގުޅުމެއް ގާއިމުވެފައިވާ ކަމަށެވެ. ކުރިޔަށް އޮތް އަހަރުތަކުގައި ޗައިނާ އިން ރާއްޖެއަށް ކުރާ އިންވެސްމަންޓުތައް އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ރާއްޖެއާ ޗައިނާ ދެމެދު އޮތް ގުޅުން މީގެ ކުރިން މިހާ ބަދަހިވެފައި ނުވާ ކަން އެއްވެސް ޝައްކެއް ނެތް. މިދިޔަ އަހަރު ވެސް 310،000 ޗައިނާ ފަތުރުވެރިނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައި. އަދި ގިނަ އިންވެސްޓްމަންޓުތަކަކަށް ވެސް ރާއްޖެއިން ފުރުސަތު ދިން. ކުރިޔަށް އޮތް އަހަރުތަކުގައި ޗައިނާއިން ރާއްޖެއަށް ކުރާ އިންވެސްމަންޓުތައް އިތުރަށް ގިނަ ވާނެ،" އާސިމް ވިދާޅުވި އެވެ.

މިދިޔަ ތިން އަހަރު ތެރޭގައި ޗައިނާއިން ވަނީ ބޮޑު ދެ މަޝްރޫއު ކަމަށްވާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ރާއްޖެއަށް ބޮޑު އެހީތެރިކަމެއްވެފަ އެވެ. އަދި ލާމް ލިންކުގެ މަސައްކަތް ފުރިހަމައަށް ނިންމާލާފައިވާ އިރު ޗައިނާއާ ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރުމުގެ މަޝްވަރާތައް ވެސް މިހާރު ގެންދަނީ ކުރަމުންނެވެ.