ޓޫރިޒަމް

މިދިޔަ އަހަރު ލަންކާއަށްދިޔަ ދިވެހިން ފަސް ޕަސެންޓް އިތުރު

Jan 7, 2017

މިދިޔަ އަހަރު ސްރީލަންކާއަށް ދިޔަ ދިވެހިންގެ އަދަދު 2015 ވަނަ އަހަރާއި އަޅާ ބަލާއިރު ފަސް ޕަސެންޓް އިތުރުވެފައިވާ ކަމަށް ސްރީލަންކާއިން ބުނެފި އެވެ.

ސްރީލަންކާގެ ޓޫރިޒަމް ތަފާސް ހިސާބު ބަލަހައްޓާ ވުޒާރާ އިން ބުނި ގޮތުގައި 2016 ވަނަ އަހަރު ނިމުނުއިރު ރާއްޖެއިން ސްރީލަންކާ އަށް 95,167 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ރާއްޖެއިން ޒިޔާރަތްކުރި 90,617 މީހުންނަކީ ދިވެހިންނެވެ.

އެއީ ކުރީ އަހަރު ރާއްޖެއިން އެ ގައުމަށް ދިޔަ މީހުންނާ އަޅާބަލާ އިރު ފަސް ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އާންމު ކުރި ހިސާބުތަކުން ދައްކަ އެވެ.

ސްރީލަންކާ ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ ހިމެނެނީ އެ ގައުމަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރި ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގަ އެވެ. މިދިޔަ އަހަރު އެންމެ ގިނަ މީހުން ސްރީލަންކާއަށް ގޮސްފައިވަނީ އިންޑިޔާއިންނެވެ.

ސްރީލަންކާއަކީ ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ އަދި ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާ އަށާއި ޗުއްޓީ ހޭދަ ކުރުމަށްދާ ގައުމެކެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭ ކުރި ސާވޭ އިން ދެއްކި ގޮތުގައި ޑިސެމްބަރު މަހު 18 އިން 24 އަށް ސްރީލަންކާއަށް 1،574 ދިވެހިން ދަތުރުކޮށްފައިވެ އެވެ.