ރާއްޖެ ކުޅިވަރު

ނިއުއިން އިނގިރޭސި ޗެމްޕިއަންޝިޕްގެ ޓީމެއް ގެންނަނީ

Jan 7, 2017

އޮފް ސީޒަންގައި މެޗެއް ކުޅުމަށް އިނގިރޭސި ޗެމްޕިއަންޝިޕްގެ ޓީމެއް ރާއްޖެ ގެނައުމަށް ނިއު ރޭޑިއަންޓުން މަސައްކަތް ކުރަމުންދާ ކަމަށް ނިއުގެ އާ ޗެއާމަން ކާނަލް ރިޓާޔާޑް މުހައްމަދު ޒިޔާދު ވިދާޅު ވެއްޖެ އެވެ.

ޒިޔާދު ވިދާޅުވީ ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ނިއު އަށް ސޮއި ކުރުމަށް މި މަހު މެދުތެރޭ ބާއްވާ ރަސްމިއްޔާތުގައި އެ ޓީމުގެ ނަން އިއުލާން ކުރާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު މިދަނީ އެކުލަބާ ވާހަކަ ދައްކަމުން އެކުލަބުގެ ޗެއާމަނާ ބައްދަލު ކުރުމަށް އަޅުގަނޑު ވަރަށް އަވަހަށް ފުރާނަން މިމަހު 15 ނުވަތަ 16 ގައި ހާއްސަ ކުޅުންތެރިޔާ ސޮއި ކުރަން ބާއްވާ ރަސްމިޔާތާ ހަމަޔަށް އެޓީމުގެ ފަރާތުން ކޮންފަމޭޝަން ލިބޭނެ އެ ރަސްމިއްޔާތުގައި އެޓީމުގެ ނަން އިއުލާން ކުރާނަން،" ޒިޔާދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ޓީމަކަސް އެއީ އަޅުގަނޑުމެންގެ ރާއްޖެ އަށް ރަނގަޅު ފެންވަރަކަށް ވާނެ ހެން."

ފުޓްބޯޅަ ފޯރިގަދަ ކޮށް ނިއުގެ ސަޕޯޓަރުން އަލުން ދަނޑަށް ވެއްދުމަށް މަސައްކަތް ކުރާނެ ކަމަށާއި ނިއު އަށް ކާމިޔާބު ހޯދައި ދިނުމުގައި ބޯޑާއި ސަޕޯޓަރުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.