ރިޕޯޓް

ވަޑައިގަތުން ނޫން ގޮތެއް ނެތް، ވަޑައިގަތަސް ގޮތެއް ނެތް!

Jan 10, 2017
13

ދެހާސް ފަނަރަ ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗައް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު އެމްޑީޕީ އޮތީ ވަރަށް ފޯރީގަ އެވެ. އެ ޕާޓީގެ ހަރަކާތްތައް ބަރާބަރަށް ކުރިޔަށް ގޮސް ކޮންމެ ދުވަހަކު މަގުމައްޗައް ނިކުމެ މުޒާހަރާތައް ކުރިޔަށް ދިޔަ އެވެ. ނަމަވެސް މިދިޔަ އަހަރު މާލޭ މަގުތަކުގައި މުޒާހަރާ ނުކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެމްޑީޕީގެ ހަރަކާތްތައް މުޅިން ހުއްޓުނީ އެވެ. ނަމަވެސް ސަރުކާރު "ޒިންމާދާރު" ކުރުމުގެ މަސައްކަތް އާ ސްޓްރެޓަޖީއެއްގައި ކުރިޔަށް ގެންދާނެ އެ ޕާޓީ އިން ހަރުއަޑުން ބުންޏެވެ.

ހަގީގަތުގައި ރައީސް ނަޝީދު ޖަލު ހުކުމްގެ ތެރެއިން "ދެމިގަނެގެން" މައިބަދައިގެ ސާޖަރީއަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ ކަމުގައި ވިދާޅުވަމުން ފުރައިވަޑައިގަތުމުގެ އެއް ސަބަބަކީ ޖަލުގައި ހުންނަވައިގެން އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ ގޮތް ނުވުމާއެކު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ސަރުކާރަށް ޕްރެޝާ ބޮޑުކުރުމުގެ އުންމީދު ވެސް އޮތުމެވެ.

އެމްޑީޕީގެ ތަރުތީބު ގެއްލެމުން ދިއުމާއި ހާއްސަކޮށް އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާ ހަމައަށް ސިޔާސީ ގޮތުން ލާފައިވަ ބޯފާރު ފޫދުއްވާލައިގެން އެހެން ލީޑަރުންތަކެއް އަތުވެދާނެ ކަމުގެ ބިރު ރައީސް ނަޝީދަށް އަބަދުހެންމެ އޮވެ އެވެ. އެހެން ކަމުން ނަޝީދު ބެއްލެވީ އެހަރަކާތްތައް އަލުން ފަށައިގަނެވޭތޯ އެވެ. އަދި ބޭރުގައި އެހީގައި ސަރުކާރަށް ޕްރެޝާ ކޮށް އެމްޑީޕީގެ ސަޕޯޓަރުންނަށް ދެންމެ ދެންމެ ސަރުކާރު ބަދަލުވެދާނެ ކަމުގެ އުންމީދު ގެނެސްފައި އަބަދުމެ ބޭއްވުމަކީ އެމަނިކުފާނުގެ ސިޔާސީ ސްޓްރެޓެޖީ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެފައިވާ ގޮތަށް ރައީސް ނަޝީދުގެ އެކި ގޮތް ގޮތުން ކުރެއްވި މަސައްކަތްތަކާއެކު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ އެއް ގޮތަކަށް ވެސް "މެޑިކަލް ލީވް" އެއްގަ އެއް ނޫނެވެ. ވަޑައިގެންނެވީ "މީޑީއާ ލީވެއް" ގައި ސަރުކާރަށް ކުރެވެން އޮތް ޖެއްސުމެއް ކުރެއްވުމުގެ ބޭނުންފުޅުގަ އެވެ. އަދި ފްލޯ ގެއްލި އޮޅުން ބޮޅުންވަމުން ދިޔަ އެމްޑީޕީ "ހަލާކު" ވެ ނަޝީދަށް އެމްޑީޕީގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެގެން ދެން އެ ނޫން ގޮތެއް ނެތުނީމަ އެވެ. ނަޝީދަށް ވެސް އަދި އެމަނިކުފާނަށް ވާގިދީ ރާވައި ދިން ފަރާތްތަކަށް ވެސް ވިސްނާލެވިފައި ނެތް ކަމަކީ އިނގިރޭސި ސިޔާސީ އަދި ގައުމީ މަސްރަހަށް ކުއްލި ގޮތަކަށް ބޯމަތިވަމުން ދިޔަ ބޮޑު ބަދަލާއި ކޮމަންވެލްތުގައި އޮތް ބާރު ގަދަ ގައުމުތަކެއްގެ ސަބަބުން އެ ޖަމިއްޔާގެ ތެރެއިން ރާއްޖެއަށް އައި ބޭއިންސާފުގެ ފިއްތުންތަކުން ރެެކެން ރާއްޖެ ބޭނުންވެފައިވާ މިންވަރާއި ކޮމަންވެލްތުގެ ރިޔާސަތަށް އައި ބަދަލެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ދުވަސްކޮޅާ ދިމާވީ، އީޔޫ އިން އިނގިރޭސިވިލާތް ވަކިވާންޖެހި ނަޝީދުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ބުނާ އިނގިރޭސިވިލާތުގެ އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން މަގާމު ދޫކޮށްލައްވަން ޖެހި ވަޑައިގެން ހާދިސާ އެވެ. އަދި ހަމަ އެއާއެކު ކޮމަންވެލްތުގައި ރާއްޖެއަށް "ދުއްޕާން" ޖެއްސި ބާރުގަދަ އެހެން ގައުމެއްގެ ސިޔާސީ މަސްރަހު މުޅީން ބަދަލުވުމާއި ކޮމަންވެލްތުގެ ރިޔާސަތު ބަދަލުވެ މަޑުމައިތިރި ބޭފުޅެއްގެ އަތްމައްޗަށް ކޮމަންވެތުލް ދިޔުމަކީ ވެސް، ނަޝީދަށް ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުމެކެވެ. މިކަން ކަމުގެ ނަތީޖާއަކަށްވީ އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމާއެކު ފެއްޓިވި ސިޔާސީ ޕްރެޝަރުގެ ޝޯއަށް ހިނދެމުން ފަނޑުވަމުން ގޮސް މަސްރަހު ސާފުވެގެން ދިއުމެވެ.

"ވަރަށް ބޮޑު އެހެން އިއްތިފާގެއް ވެސް އޮތް އެއީ ހަމަ އެދަނޑިވަޅާ ދިމާގޮތަށް އިނގިރޭސިވިލާތާއި ރާއްޖޭގެ ހާރިޖީ ގުޅުމުގައި އޮތް ބީރައްޓެހިކަން ވެސް ދިޔައީ ގާތް ކަމަށް ބަދަލުވަމުން، އެކަން އެހެން ދިމާވާން ޖެހުނު އެހެން ސަބަބުތަކެއް ވެސްހުރުމާއެކު. އޭގެ ނަތީޖާއަކީ ނަޝީދުމެން އެމްޔޫއޯ އުފައްދަން ބޭނުންވެ އެ މަގަށް މަސައްކަތް ފެށީ،"

އެ މަސައްކަތުގެ ތެރެއިން ސަރުކާރު ވައްޓާލަން އިއުލާންކޮށް ސަރުކާރާއި އިދިކޮޅު ހުރިހާ ފަރާތެއް އެއް ތަނަކަށް ޖަމާކޮށްގެން ފެށި ސިޔާސީ މަސައްކަތް ސަރުކާރުން ފަނުފުލުން ދުއްވާލިއިރު ކޮމަންވެލްތުން ވަކިވުމަކީ މުޅި ދުނިޔެވެސް ހީނުކުރާފަދަ ގޮތަކަށް ރާއްޖެ އެޅި ފިޔަވަޅެކެވެ. އެއީ މިހާތަނަށްވެސް ރާއްޖެއާ މެދު ބޭއިންސާފުން އަމަލުކޮށް ސިޔާސީ ބޮޑެތި ޕްރެޝަރުތަކެއް ކުރަމުން އައި ކޮމަންވެލްތާއި އެމެރިކާ އަދި އިނގިރޭސީންނާއި ޑެންމާކު ފަދަ ގައުމުގެ ތަކުގެ ހިތަށް ރައީސް އަބްދުﷲ ޔާމީން ޖެއްސިވި ސިޔާސީ އަދި ގައުމީ ހަންޖަރެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރެ އެވެ.

އިންޓަނޭޝަނަލް ޕޮލިޓިކްސް މެދުވެރިކޮށް ނަޝީދަށް ދިވެހި ސަރުކާރަށް ޕްރެޝާ ކުރެވެން އޮތް ހުރިހާ މަގެއް ބަންދުވީ އެވެ. އަދި އިނގިރޭސިވިލާތުގައި ހުންނަވައިގެން ސަރުކާރަށް ޕްރެޝާ ކުރުމަށް ކުރެވޭނެ އިތުރު ގޮތެއް ނެތުނީ އެވެ. އެމްޔޫއޯ ޕްލޭން ފެއިލްވީ އެވެ. އޭގެ ތެރޭގައި ތިބި ރިޔާސީ އުންމީދުގެ ބޭފުޅުން ގިނަ ކަމުން އެތެރެއަށް ފަޅައިގެން ދިޔައީ އެވެ. އެމްޔޫއޯ އާއި ރައީސް ނަޝީދު ދައްކަމުން އައި ވާހަކަތަކުގެ ރާގު ވެސް މުޅިން ބަދަލުވީ އެވެ. ރައީސް ނަޝީދު އެންމެ ފަހުން ރާއްޖެ ޓީވީއަށް ދެއްވާފައިވާ އިންޓަވިއު ރަނގަޅަށް ދިރާސާ ކޮށްލުމުން ބަލި ވެއްޖެކަން، ހަދާނެގޮތް ހުސްވެފައިވާކަން އަދި ވެރިކަމުގެ އުންމީދު ބޮޑުކަމުން އަދި އެއް ފުރުސަތު ދެއްވައި ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ނަން ބާއްވައި ދެއްވާށޭ ވިދާޅުވާ ކަން ދޭހަވެ އެވެ. އަދި އެމްޑީޕީގެ ތެރޭގައި ނަޝީދު ރައްކާތެރިކުރުމަށް ލާފައިވާ ފާރުގައި ރެނދުލައިފިކަން އެނގެ އެވެ.

"ސަރުކާރު ވައްޓާލާ ވާހަކަދައްކާ ނަމަ އިތުރު ފޮނިތޮއްޓެއް ލައިގެން ނުބުނާނަން. ސަރުކާރު ވައްޓާލަން ބޭނުން ނަމަ ވަރަށް ސާފުކޮށް ބުނާނަން ވައްޓާލާނަމޭ. ނަމަވެސް އަޅުގަނޑުމެން މި އުޅެނީ މިނިވަން އިންތިހާބެއް ބާއްވަން. ސަރުކާރު ވައްޓާލާ ވާހަކައެއް ނުދައްކަން. އަޅުގަނޑު ދެކޭ ގޮތުގައި އިންސާފު ވެރި އިންތިހާބެއް އަޅުގަނޑުމެން ހޯދަން ޖެހޭނީ،" ރާއްޖެ ޓީވީގެ ހަވަނަ އަހަރީ ދުވަހު އެ ޓީވީއަށް ނަޝީދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރު ވައްޓާލާނެ ކަމަށާއި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އިދިކޮޅު އިއްތިހާދެއް އުފައްދައި ބޭރު މީޑިއާތަކުގައި ދެއްކެވި ވާހަކަތައް އެއީ ކޮން ވާހަކައެއް ހެއްޔެވެ؟ އިންތިހާބުގައި މަކަރެއް ނުހެދޭނެ ކަމަށާއި ބޭނުންވަނީ ވާދަވެރި އިންސާފުވެރި އިންތިހާބެއް ކަމަށް މިހާރު މި ވިދާޅުވީ ކޮން ވާހަކައެއް ހެއްޔެވެ؟ ސަރުކާރު "ވެއްޓެނީއޭ ވެއްޓެނީއޭ" ވިދާޅުވަމުން ލަންކާއަށް ގޮސް ސިއްރު ބައްދަލުވުންތައް ބޭއްވި އިރު ރައީސް ނަޝީދު މިހާރު ވިދާޅުވަނީ އެއީ "ލަންކާގެ އެކުވެރި ޑިޕްލޮމެޓުންނާ ދިމާނުވާތީ ބައްދަލުކޮށްލަން ދިޔަ" ދިއުމެކޭ އެވެ. -- އެއީ އެހެން ރޭވުނު ކަމެއްނޫނެވެ. އެކަމާ ބެހޭ ގޮތުން ފަހުން އެހެން ރިޕޯޓެއް ލިޔާނީ އެވެ.

"މިހާރު ރައީސް ނަޝީދުގެ ވާހަކަތައް ހުންނަ ގޮތުން ބޮޑަށް ބެލެވެނީ ސަރުކާރަށް ޕްރެޝާ ކުރާނެ އިތުރު ގޮތެއް ނެތިގެން ރާއްޖެ އަންނަން އުޅުއްވަނީ ކަމަށް. ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ވަޑައިގެންފިއްޔާ ވަދެވަޑައިގަންނަވަންޖެހޭނީ ޖަލުން އެއާޕޯޓަށް ވަޑައިގެންނެވި ގޮތަށް އެއާޕޯޓުން ސީދާ ޖަލަށް ކަން. ނަމަވެސް ބޭރުގައި ހުންނެވުމަށްވުރެ ޖަލަށް ވަޑައިގެން ކުރެވޭ ޕްރެޝަރުތައް ބޮޑުވާނެ ކަމަށް ބައްލާފައްި ވެސް އަނބުރާ ވަޑައިގަންނަވަން ބޭނުން ފުޅުވެދާނެ. އެގޮތް ބޭނުންފުޅުވާތީ ޖަލުގައި ސިޔާސީ މީހުން ނެތުމުން ޕްރެޝަރެއް ނެތޭ ވިދާޅުވެ ވާހަކަފުޅު ދެއްކެވީވެސް. އަދި އެހެންވެއްޖިއްޔާ އޭރުން ހުއްޓިފަ އޮތް އެމްޑީޕީއަށްވެސް އަލުން ފޯރިއެއް އަންނާނެ، އެކަމަކު އެމްޑީޕީގެ ސިޔާސީބާރުވެރި ފަރާތްތައް މިވަގުތު ތިބީއަކީ ރައީސް ނަޝީދު އެއީ ޕްރެެޒިޑެންޝަލް ވޯތް މެޓީރިއަލްގެ ބޭފުޅެއް ކަމަށް ބަލައިގެނެއް ނޫން. އަދި ގާނޫނީ ގޮތުން އެ މަގު ބަންދު ވެފައިއޮތުމާއެކު އުންމީދު ގައިތިބި ލީޑަރުންތަކެއްދަނީ އެމްޑީޕީ ތެރޭގައި ލާފައިހުރި ރެނދުތައްފޭކޮށް އެތެރެއަށްޖެހެމުން،" އަވަސްއާ ވާހަކަ ދެއްކެވި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރެއް ވިދާޅުވި އެވެ.

ގާނޫނުގެ ތެރެއިން އިންތިހާބުގައި ބައިވެރިވުމުގެ ހުރިހާ ދޮރެއް ރައީސް ނަޝީދަށް ވަނީ ބަންދުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ ފަރާތުން އިންތިހާބު ކުރިމަތިލުމަށް އިތުރު ބޭފުޅަކަށް ފުރުސަތު ދިނުމުގެ ވިސްނުމެއް ނަޝީދު ގެންގުޅުއްވަންތޯ ރާއްޖެ ޓީވީގެ ނޫސްވެރިއަކު ރައީސް ނަޝީދާ ސުވާލު ކުރެއްވުމުން އެ ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވީ ގާނޫނުގެ ތެރެއިން އަދިވެސް ފުރުސަތު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ވާހަކަ އެވެ.

އެއީ ނަޝީދު ގަބޫލް ކުރައްވާ ގޮތެވެ. އެއީ އެންމެ ނާދިރު އެއް ގޮތަަކަށް ވެސްވާން ނެތް ހާލަތެވެ. ނަޝީދަށް ފުރުސަތު ނުލިބިއްޖެ ނަމަ އެމްޑީޕީއިން އިތުރު ކެނޑިޑޭޓަކު ނެރޭނެ ހެއްޔެވެ؟ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރެއް ކަމަށްވާ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރުއާ ސުވާލުކޮށްލީމެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ރައީސް ނަޝީދަށް ކުރެއްވީ ބޭއިންސާފުން ކުރެވުނު ހުކުމެއް ކަމަށް. އެއާ ގުޅިގެން ރައީސް ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭން އޮންނަ ހުރަސް ނައްތާލެވެން ޖެހޭނެ. ވަކި މީހަކު ވެއްޖެއާ އިންތިހާބަށް ކުރިމަތި ނުލެވޭ ގޮތަށް އޮތުމަކީ އެއީ އިންސާފެއް ނޫން. އެންމެނަށް ބައިވެރިވެވޭނެ އިންތިހާބަކަށް ދެވޭތޯ މި މަސައްކަތް ކުރަނީ،" ނިޒާރު ވިދަޅުވި އެވެ. "އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި އެކި އުމުރުގެ ތަޖުރިބާ ހުރި ބޭބޭފުޅުންނާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ތަޖުރިބާ ހުރި ބޭބޭފުޅުންނާއި ޒުވާން ބޭފުޅުންނާއި އަރަމުން އަންނަ ސިޔާސީ ފަރާތްތައް އެބަތިބި. އެހެންވެ އަޅުގަނޑު ގަބޫލު ކުރާ ގޮތުން ނަޝީދަށް ކުރިމަތި ނުލެވޭ ހާލަތެއް އަތުވެއްޖެ ނަމަ އަޅުގަނޑުމެންގެ ތެރެއިން ނިކުންނާނެ ބޭފުޅަކު،"

ކަން މިހެން އޮތް އިރު ދާދި ފަހުން އެމްޑީޕީގެ ޗެއާ ޕާސަންގެ މަގާމް ހުސްވުމުން ހަމައެކަނި ކުރިމަތި ލެއްވީ ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފެވެ. ހަގީގަތުގައި މިއީ ވަރަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވިދާނެ ކަމެކެވެ. ނަޝީދު ވެރިކަމުގަ ކެބިނެޓް ޖާގައެއް ހަސަންއަށް ލިބިވަޑައިގަތީވެސް އޭރު ކޯލިޝަން ހަދައިގެން އޮތް ސޯޝަލް ލިބަރަލް ޕާޓީގެ ސްލޮޓެއްގެ ގޮތުގަ އެވެ. ހަސަން ލަތީފަކީ އެއް އިރެއްގައިވެސް ނަޝީދު ބޭފުޅެއް ނޫނެވެ. އެއީ ސީދާ " ސްކޫލް އޮފް އިބްރާ" އެވެ. މިހަގީގަތް ބަދަލެއް ނުވާނެ އެވެ.

އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާއިރު ސިޔާސީ މައިދާނަށް ކުއްލިއަކަށް މިހާރުވެސް ވަނީ އިބްރާ ފާޅުވެފަ އެވެ. މިހާރު ރާއްޖެ ޓީވީ ފަޅުފިލުވައިދޭ އެއް ބޭފުޅަކީ އިބްރާ އެވެ. އަނެއް ކަމަކީ ހަސަން ލަތީފު ވާދަ ކުރައްވާކަން އިއުލާންވުމާއެކު އަބްދުﷲ ޝާހިދު އޭނާގެ ޓީމުން ހަސަން ލަތީފު އެންޑޯސްކޮށްފައި ވުމެވެ. އެހެންކަމުން މިއީ އެމްޑީޕީގެ ރެނދު ފޭވެގެންދާ ދިމާ އެވެ. އެކަން ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. އެއްކަމަކީ ބާރު ކެނޑިއްޖެކަން ގަބޫލު ކުރެއްވުމެވެ. އަނެއް ކަމަކީ އެމްޑީޕީން އެމަނިކުގެ ބާރު ކެނޑުމުގެ ފުރުސަތު ބޮޑުވެއްޖެކަން ގަބޫލު ކުރެވުމެވެ. ރާއްޖެވަޑައިގަތުމަށް، އަދި ޖަލަށް ވަޑައިގަތުމަށް ބޭނުންފުޅުވަނީ އެހެންވެގެނެވެ.

"ރާއްޖެއަށް ކުރަމުން އަންނަ ޕްރެޝަރުތައް ވަނީ ވަރަށް ބޮޑަށް ކުރެވިފައި. އެހެންވެ ބޭރުގައި ތިބެގެން ރާއްޖެއަށް ޕްރެޝާ ކުރާ ގްރޫޕުތައް މިވަގުތު ތިބީ ކުޑަވެފައި. އަދި އެ ވަގުތަށް ޗެއާ ޕާސަން ކަމަށް އެ އަންނަ ބަދަލުން ނަޝީދަށް ވާގިލިބޭނެ ކަމަށް ނުބެލެވޭ. އެއީ ހަސަން ލަތީފްއައުމާއެކު މުޅި ޕާޓީގެ ލީޑާޝިޕް މިސްރާބު ހުންނާނީ އެހެން ކެނޑިޑޭޓަކު ނެރުމަށް ކަމަށް ބެލެވޭ. އެއީ ނަޝީދަށް ބަރޯސާވެގެން ދެކޮޅު ނުޖެހޭނެތީ،" ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ކުރީގެ ނޫސްވެރިއަކު ބުންޏެވެ.

ކޮންމެއަކަސް ރައީސް ނަޝީދު ރާއްޖެ އަނބުރާ ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބެލެވޭ ދެ ކަމެއް މިހާރު އެބައޮތެވެ. އެއީ ބޭރުން ޖައްސަން އުޅުން ޕްރެޝާތައް ނުހިނގުމެވެ. އޭގެ އިތުރުން ރައީސް ނަޝީދު އަތުން އެމްޑީޕީ ގެއްލިދާނެކަމުގެ ބިރު އޮތުމުން އަލުން ރީ އޯގަނައިޒް ކުރެއްވުމެވެ. މިއިން އެއްކަމެއް އެގޮތަށް ނުހިނގާނެ ސިޔާސީ ސަބަބުތައް ތިލަވަމުން އެބައާދެ އެވެ. ރައީސް ނަޝީދުގެ މިލަފާ ކުރުމަކީ ވަރަށް އާދައިގެ ސިޔާސީ ގޮތުން ދަށް ލަފާ ކުރުމެއް ކަމަށް ވެދާނެ އެވެ.