މިދިޔަ ބުދަ ދުވަހު އެފްއޭއެމުން އަހަރުގެ ފުޓްބޯޅަ ކަލަންޑަރު އާންމު ކުރީ ބޮޑު ބަދަލެއް މަލަމަތި ދައްކަމުން ނެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން ރާއްޖޭފެ ފުޓްބޯޅައަށް ގެނެވޭ އެންމެ ބޮޑު ބަދަލެވެ. މި ބަދަލާއެކު އުތުރާއި މެދު ރާއްޖެތެރޭ އަދި ދެކުނު ފުޓްބޯޅަ ހެއްވަމުން އާއިރު ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް އައީ ކެކެމުންނެވެ.
ބަދަލު ގެންނަށް ލިޔެ އެކަށަ އެޅިއްޖެއެވެ. ދެން އޮތީ މި ބަދަލަކީ ރަނގަޅު ބަދަލަކަށް ވާނެތޯ ކުރާ ސުވާލެވެ. އަތޮޅުތަކުގެ ތެރެއިން ހަތަރު ޓީމަށް ދިވެހި ލީގުން ފުރުސަތު ލިބޭ ގޮތަށް ގެނައި ބަދަލަކީ ގިނަ ބަޔަކަށް ކަމުދިޔަ ބަދަލެކެވެ.
ސްޕޯޓްސް މެނޭޖްމެންޓް ދާއިރާއިން ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން މާސްޓާސް ހާސިލު ކުރެއްވި ކުރީގެ ކޯޗް އަދި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ މައުރޫފް އަހްމަދު (މާއްޓޭ) ވަނީ މިބަދަލަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް މާއްޓޭ ގަބޫލު ކުރާ ގޮތުގައި މިފަދަ ބޮޑު ބަދަލެއް ގެންނަން ޖެހޭނީ އެފްއޭއެމްގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށް ފަހު އެވެ.
ސްޓްރެޓެޖިކް ޕްލޭންގައި އެކަމެއްގެ އޯވާވިއު ނުވަތަ އާންމު ހާލަތާއި އެކަމެއް ހަރުދަނާ ކޮށް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ލާންޖެހޭ ހިތްވަރާއި ބޭނުންވާ ހަރަކާތްތެރިކަން ގެނައުމާއި ހާސިލު ވާން ޖެހޭ މިންވަރާއި ދުރުމިން ވެސް ހިމެނެއެވެ.
"އެ ބަދަލަކީ ރަނގަޅު ބަދަލެއް ނަމަވެސް ހިތަށް އަރަނީ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ނޫނީ އެ ބަދަލު ގެންނަނަމަ އެބަދަލަށް ދެން ވާނީ ކިހިނެއްތޯ؟" މާއްޓޭ ސުވާލު ކުރެއްވި އެވެ. "އެފްއޭއެމް އަށް ދެން އަންނަ ބަޔަކު ބޭނުން ވެދާނެ އެހެން ގޮތަކަށް ބަދަލު ކޮށްލަން އެހެންވެ މިދަންނަވަނީ ސްޓްރެޓެޖިކް ޕްލޭނެއްގެ ތެރެއިންނޭ އެބަދަލު އަންނަން ޖެހޭނީ،"
ލީގް ސިސްޓަމަށް ބަދަލު އައިރު، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި އިންފްރާސްޓްރަކްޗާ މިބަދަލަށް ފަރިތަ ވެފައި އޮތްތޯ ވެސް ސުވާލު އުފައްދަން ޖެހެއެވެ. ފުޓްބޯޅަ އިންފްރާސްޓްރަކްޗާގައި މާލެ އާއި އަތޮޅުތަކުގެ ތެރެ ހާސްބައި ތަފާތެވެ. ޓާފް އެޅި އެންމެ ދަނޑެއްވެސް އަތޮޅުތަކުގެ ތެރެއަކު ނެތެވެ. ނުވަތަ ގައުމީ ފުޓްބޯޅަ ދަނޑާ ގާތްކުރާ ވަރަށްވެސް ވިނަ ހެއްދި ބެލެހެއްޓޭ އެއްވެސް ދަނޑެއް މާލެ ފިޔަވައި ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތެވެ. މާލޭގެ ދަނޑުތައް އޮތް ހާލަތުވެސް އެހާ ދެރައެވެ.
އަތޮޅު ތެރޭގެ ޓީމުތައް ރަށްރަށުގެ ވެލި ދަނޑުތަކުގައި ކުޅެފައި އައިސް މާލޭގައި ގަލޮޅު ދަނޑުގައި ކުޅެން ޖެހުން އެބަދަލަށް ކުއްލިއަކަށް ހޭނެން ޓީމުތަކަށް އުނދަގޫ ވާނެ އެވެ. ރަށްރަށުން އަންނަ ޓީމު ތައް ދަނޑަށް ހޭނޭއިރު އެޓީމުތަކަށް ލީގްގައި އޮންނާނީ ސަލާމަތް ނުވާ ހިސާބު ގައެވެ.
އަތޮޅުތަކުގެ ފުޓްބޯޅައިގެ އިންފްރާސްސްޓްރަކްޗާ ގާއިމު ކުރުމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ވައުދެ ކެވެ. އަތޮޅުތަކުގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް އަހަރަކު 15 މިލިއަން ރުފިޔާ ހޭދަ ކުރައްވަން ބައްސާމް ވަނީ ނިންމަވާފަ އެވެ. އެހެންވެއްޖެނަމަ ކުރިއަށް އޮތް އަހަރު ތަކުގައި އެ މައްސަލައަށް ފިނި ކަމެއް ލިބެން އެބައޮތެވެ.
ނަމަވެސް ދިވެހި ޕްރިމިއާ ލީގް އޮތީ މާލޭގަ އެވެ. މާލޭގެ ވަސީލަތްތަކުގެ މަދުކަމާއި ހުރި ފެންވަރު އިތުރަށް ސިފަ ކޮށްދޭކަށް ނުޖެހެ އެވެ.
ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުލަބެއްގެ ސީޒަންގައި ބިޒީކޮށް ދަނޑުތައް ބޭނުން ކުރާއިރު، އަތޮޅުތަކުން އަންނަ ހަތަރު ޓީމާއެކު 12 ޓީމަށް މާލޭގެ ވަސީލަތް ބަހާލަން ޖެހުމަކީ އިންތިހާއަށް އެކަމުގެ ދަތިކަން ކުރިމަތިވާނެ ކަމެކެވެ. އެހެންކަމުން މާލެއަށް ވެސް ކުޅިވަރުގެ އިންފްރާސްޓްރަކްޗާގައި އިންވެސްޓްމަންޓްތަކެއް އަންނަންޖެހެ އެވެ.
ފުރަތަމަ ޑިވީޝަން ކުލަބުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުވެފައި އަތޮޅުތަކުންއަންނަ ޓީމުތަކަށް ދޭ ފައިސާގެ އަދަދު ކުޑަ ވުމަކީ ޓީމުތަކުގެ ފެންވަރަށް ދިމާވެ ދާނެ މައްސަލައެކެވެ.
އެފްއޭއެމްގެ ރައީސް ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަން ކުލަބުތަކަށް ދޭ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް ނުދެވުނަސް އަތޮޅުތަކުން އަންނަ ޓީމުތަކަށް ވެސް ފައިސާގެ އަދަދެއް ލިބޭނެ އެވެ.
މިހާރު އަތޮޅު މުބާރާތުގައި ބައިވެރިވާ ޓީމުތައް ދެ ވަނަ ބުރަށް ދާއިރު ޖެހެނީ އެ ދާއިރާގެ މަޖިލިސް މެންބަރު ގާތު "ސަލާން ޖަހައިގެން" މުބާރާތަށް ބޭނުންވާ ފައިސާ ހޯދާށެވެ. މިނިވަން ފަސްސާސް ޗެމްޕިއަންޝިޕްގައި ފެނުނު ވަރުގަދަ ޓީމުތަކަށް ކުރިމަތިވި ފައިސާގެ މައްސަލަތަކާ ހުރެ މިދިޔަ އަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގައި ވާދަ ކޮށްފައެއް ނުވެ އެވެ.
އާ ބަދަލުގެ ސަބަބުން ފުޓްބޯޅަ ފޯރި މިހާރަށްވުރެ ގަދަ ވާނެއެވެ. މާލޭގައި ތިބި މީހުން ރަށު ޓީމަށް ސަޕޯޓް ކުރަން ދަނޑަށް ވަންނާނެއެވެ. ނަމަވެސް ޓީމުތަކުގެ ފެންވަރަށް ބަލައިފިނަމަ، އަތޮޅުތަކުން އަންނަ ޓީމުތަކުގައި ފުރަތަމަ ޑިވިޝަންގެ ޓީމުތަކާ ވާދަ ކުރެވޭނެ ކޮލިޓީ ހުރި ޓީމެއް އަތޮޅު ތެރެއިން އައުމަކީ ނާދިރު ކަމެކެވެ. އަންނަ ޓީމުގައި ހުރި މޮޅު ކުޅުންތެރިޔަކުވެސް ޖެހިގެން އަންނަ ސީޒަންގައި ބޮޑު އަގު ދީފައި ގެންދާނީ މާލޭގެ ޓީމަށެވެ. އެ ކުޅޅުންތެރިޔާ ޓީމުގައި ހިފަހައްޓާ ލެވޭވަރުގެ ބަޖެޓެއްވެސް ކުޑަ ޓީމުގައި ނުހުންނާނެ އެވެ.
ކޮންމެ ބަދަލެއްގައިވެސް ބޮޑެތި ބާގަނޑުތައް ހުންނާނެ އެވެ. އެފްއޭއެމް ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލުގައިވެސް އުންޏާއި ރަނގަޅު އެބަހުއްޓެވެ. އޮތީ އަހަރަކުން އަހަރަކުން ގޮސް އެ އުނިކަމުގެ ފޫބެއްދުމެވެ.
"އަޅުގަނޑު ދަންނަވާނީ ސީޒަން ނިމި ދެން އަންނަ ސީޒަނަކާ ކުރިމަތިލާއިރު ގެނައި ބަދަލާއެކު ހުރި މައްސަލަތަކުގެ 50 ޕަސެންޓް ހައްލު ކުރެވުނަސް އެއީ ކާމިޔާބެއް،" މާއްޓޭ ބުންޏެވެ.