ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ފުރަތަމަ ގޯލްކީޕަރު، ނިއުގެ ވައިސް ޗެއާމަނަށް

ނިއުރޭޑިއަންޓުގެ އިންތިހާބުގައި އެ ކުލަބުގެ ވައިސް ޗެއާމަންކަމަށް ވަޑައިގެނެވި ދެ ބޭފުޅުންގެ ތެރެއިން އެންމެ ހާއްސަ ބޭފުޅާކީ ސައްޔިދު އަލީ އެވެ. ދެވަނަ ވައިސް ޗެއާމަން އަކީ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފެވެ. ސައްޔިދު އަލީ ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ ޓީމްގެ ފުރަތަމަ ގޯލް ކީޕަރެވެ. މީގެ 40 އަކަށް އަހަރު ކުރިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ޓީމުގެ ގޯލްކީޕަރަކީ ސައްޔިދު އަލީ އެވެ.

ރީޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަ ކުރި ޓީމުގެ ގޯލް ބެލެހެއްޓީ ސައްޔިދު އަލީ އެވެ. އެއީ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތެވެ. އެހާ ހިސާބުން ފެށިގެން 1990 އިގެ ކުރީ ކޮޅާ ހަމަޔަށް އޭނާ ވަނީ ގައުމީ ޓީމުގެ ގޯލް ބަލަހައްޓާފަ އެވެ.

ނިއު ރޭޑިއަންޓްގެ ގޯލް ބެލެހެއްޓި ސައްޔިދު އަލީ އޭނާގެ ކީޕަރު އެންގި ބޭލިޔަސް އެކުލަބާއި އަދި ރާއްޖޭގެ ފުޓްބޯޅާއާ ދުރު ނޫން ކަން ހާމަ ކޮށްދިނީ ނއިުގެ މެނޭޖްމެންޓަށް އަލުން ވަޑައިގެން ނެވުމުން ނެވެ. ދެހާސް ތިން ވަނަ އަހަރާއި ހަތަރު ވަނަ އަހަރު ނިއުގެ މެނޭޖަރުގެ ގޮތުގައި އޭނާ ވަނީ ދަނޑަށް ވަޑައިގެންފަ އެވެ. މިފަހަރު ބޯޑުގެ ވައިސް ޗެއާމަން ކަމުގެ މަގާމާއެކު އޭނާ އަލުން ނިއުއަށް އެނބުރި އައީ އެ ކުލަބަށާއި ދިވެހި ފުޓްބޯޅައަށް އާ ބަދަލެއް ގެންނެވުމުގެ އަމާޒުގަ އެވެ.

"ވަރަށް އުފާވޭ އަލުން ކުލަބަށް ހިދުމަތް ކުރަން އާ ދެވުނީމަ މި ދޭތެރެއިން ރާއްޖޭއިން ބޭރުގައި އުޅެން ޖެހުމުން ކުލަބުގެ ކަންކަމާ ވަރަށް ދުރުކޮށް ދިޔައީ އެހެން ނަމަވެސް ގަވައިދުން ވާނުވާ ބަލަން،" ރޭ ބޭއްވި ނިއުގެ ކޮންގްރެސްއަށް ފަހު އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުގައި ސައްޔިދު އަލީ ވިދާޅުވި އެވެ.

ކޮންގްރެސް އަށް ފަހު އޭނާ ވަނީ ނިއުގެ މެންބަރެއް ކަމަށްވާވާ ކުރީގެ ގޯލްކީޕަރު އަދި ކުރީގެ ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) ގިނަ އިރުތަކެއް ވަންދެން ވާހަކަ ދައްކަވަން މަޑު ކުރައްވާފަ އެވެ.

އިންޓަވިއުގައި އޭނާ ވަނީ އޭރު ގައުމީ ޓީމުގެ ގޯލްކީޕަރު އިހްތިޔާރު ކުރާ އުސޫލު ހިއްސާ ކޮށްފައެވެ. މިހާރު ކީޕަރު އިހްތިޔާރު ކުރާ ގޮތާއި އޭރު އޮންނަ ގޮތް ތަފާތެވެ.

"އަޅުގަނޑާއި މާއްޓޭ (މައުރޫފް އަހްމަދު) އޭރު ހުންނާނީ ނިއުރޭޑިއަންޓް އެ ސީޒަނެއްގައި އެއް ވަނަ އަށް ގޮސްފިއްޔާ އަޅުގަނޑު ހުންނާނީ ގައުމީ ޓީމުގެ އެއް ވަނަ ގޯލް ކީޕަރަކަށް ވިކްޓްރީ އެއް ވަނަ އަށް ގޮސްފިއްޔާ މާއްޓޭ ހުންނާނީ އެއް ވަނަ ގޯލް ކީޕަރަކަށް އެހެންވެ ކޮންމެ އަހަރަކުވެސް އެއްވަނަ ކީޕަރުގެ މަގާމު އަބަދުވެސް ބަދަލު ވާނެ" އޭނާ ވިދާޅު ވިއެވެ.

މިހާރު ދިވެހި ކީޕަރުން މަދެވެ. އެކަމާ ބެހޭގޮތުން ދެއްވީ ވަރަށް ސާދާ ޖަވާބެކެވެ. "ވޮލީގައި ސެޓަރުން ނުއުފެދޭހެން އަޅުގަނޑަށްވެސް ފާހަގަ ކުރެވުނީ ފުޓްބޯޅާއިގައި ކީޕަރުން އުފެދުން މަދުކަން ވޮލީ އަށް ބަލައިފިއްޔާ ދިވެހި ސެޓަރުން ހޯދަން އުނދަގޫ މިހާރު ބެޓިސް އެކަނި، އެގޮތަށް ކީޕަރުންނަށް މިވަނީވެސް އެއީ ތަންކޮޅެއް ޓެކްނިކަލް ދެ މަގާމު ވީމަ ކަމަށް ބެލެވެނީ." ސައްޔިދު އަލީ ވިދާޅުވި އެވެ.