ރާއްޖެ ކުޅިވަރު

ނިއުގެ ޖަޕާން ކީޕަރު ގްރީން ސްޓްރީޓަށް!

މިދިޔަ ސީޒަންގެ މެދުތެރެއިން ނިއުގެ ޓީމަށް ގެނައި ޖަޕާނުގެ ކީޕަރު ޔުން ކޮޗީ މި ސީޒަންގައި ގްރީން ސްޓްރީޓަށް ގެންނަން ނިންމައިފި އެވެ.

ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރާ ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު (ސޮބާ) ބުނީ ކޮޗީ ގެންނަން ނިންމީ މިދިޔަ ސީޒަންގައި އޭނާ ދެއްކި ކުޅުމާއި ޑިސިޕްލިން ރަނގަޅު ކުޅުންތެރިއަކަށް ވުމުން ނެވެ.

"ނިއު ކުޅުނު ބައެއް މެޗްތައް ބަލަން އަޅުގަނޑުވެސް ދިޔައިން. ހުނަރުގެ އިތުރުން ޑިސިޕްލިން ކީޕަރެއް ކޮޗީ އަކީ." ސޮބާ ބުންޏެވެ.

މިގެ އިތުރުން ޔޫކްރޭންގެ ޓޮޕް ލީގްގައި ކުޅެފައިވާ ތިން ކުޅުންތެރިއަކު ގެނައުމަށް އެ ޓީމުން ވަނީ ނިންމާފަ އެވެ.

ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ފުރަތަމަ ޑިވިޝަންގައި ކުޅުނު ހަތަރު ކުޅުންތެރިއަކު އެޓީމުން ވަނީ ގެންގޮސްފަ އެވެ. އެއީ ވިކްޓްރީ އަށް ކުޅުނު ފަރުހާދު އިސްމާއިލް (ފަރޭ) އާއި ސައިފް އާއި މާޒިޔާ އަށް ކުޅުނު އަހްމަދު ރަޝީދު އާއި ޓީސީގެ އަހްމަދު ނިޒާމް އާއި މުހައްމަދު ޝައްފާޒު (ޝައްޕެ) އެވެ.