ރާއްޖެ ކުޅިވަރު

އިމްރާނާއި ދަނގަޑޭ ނެތް ތަން ނުދައްކާނެ: މާޒިޔާ

Jan 7, 2017
1

މިދިޔަ އަހަރު މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަދި ޓީމު ދޫކޮށްލި އެހެން ކުޅުންތެރިން ނެތް ތަން އެ ޓީމަށް ނުދައްކާނެ ކަމަށް ބުނެފި އެވެ.

މިއަދު މާޒިޔާއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ، ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑް މިއަހަރު ވެސް އޮތީ މާޒިޔާގައި ކަމަށާއި މާޒިޔާއިން ބޭނުންނުވާ ކުޅުންތެރިން ޓީމު ދޫކޮށްލައިފި ކަމަށެވެ.

"ސަތޭކަ ޕަސަންޓް އެބަ އޮތް ކީޕަރު ނެތްތަނެއް ވެސް ނުދައްކާނެ، ފޯވަޑް ނެތް ތަނެއްވެސް ނުދައްކާނެ، މިޑްފީލްޑަރެއް ނެތް ތަނެއްވެސް ނުދައްކާނެ، އެހާ ކޮންފިޑެންސް އެބަ އޮތް މި ޓީމާ ދޭތެރޭ އެހެންވެގެން މާޒިޔާއިން ބޭނުންވި ގޮތަށް މިހާރު މިއޮތީ ޓީމު އެކުލަވާލާފަ،" ވައްކޭ ވިދާޅުވި އެވެ.

"ކޮންމެހެން މާޒިޔާއިން ބޭނުންވެފަ ހުއްޓައެއް ނޫން ކުޅުންތެރިޔެއް ނިއުރޭޑިއަންޓަށް ވިކްޓްރީ އަށް ވެލެންސިއާ އަށް ދިޔައީކީ، މާޒިޔާއިން ބޭނުން ނުވި ކުޅުންތެރިން މިތިބީ ޓީމު ދޫކޮށް ގޮސްފަ މާޒިޔާއިން ބޭނުން ވިނަމަ އެ ކުޅުންތެރިން ތިބޭނީ މާޒިޔާ ގައި،"

މިދިޔަ އަހަރު ތިން ތަށި ކާމިޔާބު ނުވުމުގައި އޭރު މާޒިޔާގެ ކޯޗަކަށް ހުރި އަލީ ސުޒޭން އާއި ސީނިއާ ބައެއް ކުޅުންތެރިންގެ ޒިންމާ ވެސް އެބަ އޮތް ކަމަށާއި މެނޭޖެމެންޓުން ފުރިހަމަ ކޮށްދޭންޖެހޭ ކަންކަން ވާނީ ފުރިހަމަ ކޮށްދީފައި ކަމަށް ވެސް ވައްކޭ ވިދާޅުވި އެވެ.

"ޕްލޭޔަރުންގެ އެބަހުރި ބައެއް މައްސަލަތައް އެހެންވެ ކަންނޭނގެ ބައެއް ކުޅުންތެރިން ކުލަބު އެ މޫވް ކުރީ، މައްސަލަ ނެތް ކުޅުންތެރިން ކުލަބުގައި އެ ތިބީ މިހާރު،" ވައްކޭ ވިދާޅުވި އެވެ.

މާޒިޔާއިން ވަނީ އިމްރާން އެ ޓީމު ދޫކޮށްލުމުން ކިރިގިސްތާންގެ އެއްވަނަ ކީޕަރު ޕަވެލް މަޓިއަޝް އެޓީމަށް ގެންނަން ނިންމާފަ އެވެ. މަޓިއަޝް އަކީ 2015 ވަނަ ވަނަ އަހަރު މާޒިޔާ ޕްރެޒިޑެންޓް ކަޕް ހޯދިއިރު އެޓީމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ. އައްޑޫ އާއި ކުޅުދުއްފުށީގައި ބޭއްވި މުބާރާޓުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އީގަލްސް ބަލި ކުރިއިރު، އޭނާ ވަނީ ޕެނަލްޓީ ވެސް ދިފާއު ކޮށްފަ އެވެ. އެ އަހަރު އޭނާ މާޒިޔާ އަށް ގެނައީ ސީޒަންގެ މެދު ތެރެއިން އިމްރާން އަށް އަނިޔާ ވުމުންނެވެ.