ރާއްޖެ ކުޅިވަރު

"ދަގަނޑޭއަށް ކުރި ހަރަދާ އެއްވަރު ނަތީޖާއެއް ނުނެރެވުނު"

7

މިދިޔަ ސީޒަންގެ މެދު ތެރެއިން މާޒިޔާއަށް ގެންދިޔަ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ހޯދަން މާޒިޔާއިން ކުރި ބޮޑު ހަރަދާ އެއްވަރަށް ނަތީޖާ ނެރެދެވިފައިނުވާ ކަމަށް މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވެއްޖެ އެވެ.

ދަގަނޑޭ މާޒިޔާ އަށް ގެންދަން އެ ކުލަބުން ވަނީ ރާއްޖޭގެ ރެކޯޑް އަދަދެއް ހޭދަ ކޮށްފަ އެވެ.

ވައްކޭ ވިދާޅުވީ ދަނގަޑޭ އަށް ކުރި ހަރަދު "ވޯތު" ނުވަނީ މާޒިޔާ އަށް ތިން ތަށި ނުލިބުމުން ކަމަށެވެ.

"އަޝްފާގް ގޯހަކީ އެއް ނޫން، އަޝްފާގް ނުކުޅެނީކީ ނޫން، ނަމަވެސް އަޅުގަނޑުމެންނަށް އެ އިންވެސްޓް ކަމު ނުދަނީ،" ވައްކޭ ވިދާޅުވި އެވެ.

އޭނާ މިއަދު ވިދާޅުވީ ދަނގަޑޭ ނެތް ތަން އެ ޓީމުން ނުދައްކާނެ ކަމަށާއި އެ ޖާގަތައް ފިލް ކުރަން ބިދޭސީ ކުޅުންތެރިން ގެންނާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ސީޒަންގައި މާޒިޔާ އަށް ތިން ތަށި ނުލިބުމުގައި އެ ޓީމުގެ ކޯޗް އަލީ ސުޒޭން އާއި ބައެއް ސީނިއާ ކުޅުންތެރިންގެ ޒިންމާވެސް އެބަ އޮތް ކަމަށެވެ.