ރާއްޖެ ކުޅިވަރު

ގްރީން ފާމާ ކިންގް ކަޕްގެ ޗެމްޕިއަންކަން ބްރައުން އަށް

Jan 7, 2017

ގްރީން ފާމާ އިން ގދ. ތިނަދޫގެ ޒުވާނުންނަށް އަމާޒު ކޮށްގެން މާފަންނުގައި ހުންނަ ބީޖީ ފުޓްސަލް ދަނޑުގައި ބޭއްވި ގްރީން ފާމާ ކިންގް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ބްރިޓީޝް ޕެއިންޓްގެ މައްޗަށް 8-3 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ބްރައުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެއް ދުވަހަށް ގެންދިޔަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗް ބްރައުން ކާމިޔާބު ކުރީ ބްރިޓީޝް ޕެއިންޓް ދެ ލަނޑު ޖަހައި ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން ނެވެ.

ބްރިޓީޝް ޕެއިންޓްގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކުރީ މިދިޔަ ސީޒަންގައި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުނު މުހައްމަދު ލިޔާހް އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އިސްމާއީލް މުހައްމަދެ ވެ.

ބްރައުންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހިމް ޙަސަން (އިއްބެ) އެވެ. އެ ޓީމުން ޖެހި އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ ހުސައިން ޝަރީފެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

އަދި އިބްރާހިމް ޝާހިދު (ޝާޑް) ވެސް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ އިބްރާހިމް އަބްދު ސޮމަދެވެ.

މުބާރާތުގެ ޓީމު ތަކަށް ނަން ދީފައިވަނީ ގްރީން ފާމާގެ ބްރޭންޑްތަކަށް ނިސްބަތް ކޮށެވެ. މުބާރާތުގައި ހަ ޓީމު ވަނީ ވާދަ ކޮށްފަ އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ޑާވޯ އިލެކްޓްރޯނިކްސް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ލިޔާހް އެވެ. އޭނާ ވަނީ އަށް ލަނޑު ޖަހާފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

- މުހައްމަދު ލިޔާހް (ބްރިޓީޝް ޕެއިންޓް)
- އަހްމަދު އަބްދުލް އަޒީޒު (ސިގްމާ)
- އަހްމަދު ޒައިދު (ބްރިޓިޝް ޕެއިންޓް)
- ހުސައިން ޜަޗީދު (ބްރައުން)
- އިބްރާހިމް މުނައްވަރު (ޕްރިޓީ)

މުބާރާޓުގެ ރަނަރަފް ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 5500 ރުފިޔާ ވަނީ ދީފައެވެ. ޗެމްޕިއަންޓީމަށް ދީފައިވަނީ 10000 ރުފިޔާ އެވެ. މުބާރާޓުގެ ރަނަރަފް ޓީމާއި ޗެމްޕިއަން ޓީމަށް އިނާމު ހަވާލު ކޮށްދެއްވީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.