ތަރައްގީއަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބި ވަޑައިގަންނަވާނެ ކަމަށާއި ރާއްޖޭގައި ރައީސް އަބްދުﷲ ޔާމީން އެކަން ސާބިތުކޮށް ދެއްވާފައިވާއިރު ފެއިލްވެފައިވާ ސިޔާސީ ބޭފުޅުންގެ ތާއީދު ރައީސް ޔާމީނާއި މިހާރުގެ ސަރުކާރަށް ބޭނުން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އަވަސް އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ރައްޔިތުންނަށް އަމާން ކަމާއި ތަރައްގީ ގެނެސް ދެއްވާ އެކަން ސާބިތުކޮށް ދެއްވައިފި ކަމަށާއި އެފަދަ ތަރައްގީ އާއި އަމާންކަން ގެނެސް ދެއްވި ލީޑަރަކަށް އަދި އަބަދުވެސް ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބޭ ގޮތަށް ރައީސް ޔާމީން ތާއީދާއި ލޯބި ހޯއްދަވާފައިވާ ކަމަށެވެ.
"ރައީސް ޔާމީން ތަރައްގީ ގެނެސް ދެއްވައިފި، އަމާންކަން ގެނެސް ދެއްވައިފި، އޭގެ ސަބަބުން ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ހޯއްދަވައިފި، މިހެން އޮއްވާ ފެއިލްވެފައިވާ ބޭފުޅަކު ނޫނީ ދެ ބޭފުޅަކު މި ސަރުކާރަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދެއް ނުކުރާނަމޭ ވިދާޅުވުމަކުން ރައީސް ޔާމީނަށް މި ސަރުކާރަކަށް ގެއްލޭނެ އެއްޗެއް ނެތް. ފެއިލްވެފައިވާ ބޭފުޅުންގެ ތާއީދު ރައީސް ޔާމީނަކަށް ބޭނުންފުޅެއް ނުވޭ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންކަމުގައި ގޮތް ނިންމެވި ޒަމާން މާޒީއާ އެކުވެގެން ހިނގައްޖެ ކަމަށާއި ދިވެހިން ދެކެން ބޭނުންވަނީ ވެށި އަމާން، އަދި ވެށި ތަރައްގީވާ ޒަމާނެއް ކަމަށެވެ.
"އެ ޒަމާނާއި އެ ވެށި މި އޮތީ ރައީސް ޔާމީން ގެނެސް ދެއްވާފައި. އެހެންވީމާ ފެއިލްވެފައިވާ ބޭފުޅުންގެ ތާއީދެއް މިފަދަ ޒަމާނެއްގައި ރައީސް ޔާމީނަކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވާނެ،"
މޫސަ އެހެން ވިދާޅުވި އިރު މި ސަރުކާރަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް މައުމޫން ގެންދަވަނީ ވާހަކަފުޅުތައް ދައްކަވަމުންނެވެ. އަދި ރައީސް ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްވެސް ސަރުކާރަށް ފާޑު ވިދާޅުވެ އެވެ.