ހަބަރު

ރާއްޖެއިން ބޭރުކުރާ ބޮޑު ކަންނެއްޔަށް އެމްއެސްސީ ސެޓްފިކެޓް ލިބިއްޖެ

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ޅ. ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި ގޮތުގައި ރާއްޖޭން އެކްސްޕޯޓް ކުރާ ބޮޑު ކަންނެއްޔަށް އެމްއެސްސީ ސެޓްފިކެޓް ހޯދުމަށް ކުރަމުން ދިޔަ މަސައްކަތްތަކުގެ ދަށުން މި ސެޓްފިކެޓް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭން އެކްސޯޕޯޓްކުރާ ބޮޑު ކަންނެއްޔަށް ރަނގޅު އަގު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ދެ މަސްކުރިން ޔޫރަޕަށް ގޮސްފަ އެތައް ބަޔަކާ ވާހަކަ ދައްކާފަ. ޒުވާބު ކުރަން ޖެހުނު މީހުންނާ ޒުވާބުވެސްކޮށްފަ މާތް ރަސްކަލާނގެ ރަހުމަތް ފުޅާއެކު ބޮޑު ކަންނެއްޔަށް އެމްއެސްސީ ސެޓްފިކެޓް ލިބިއްޖެ. މިއީ އަނެއްކާވެސް އިތުރު އަގު ލިބޭނެ ކަމުގެ ޔަގީންކަން ލިބުނީ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމަކީ ބޭރުގެ ޝޮކްތަކުން ސަލާމަތްވެފައިވާ ދާއިރާއަކަށް ހެދުން ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރު ނުކުރެވޭހޭ މަސައްކަތް މިއަހަރު ސަރުކާރުން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ ދުވަސްތައް ނިމިގެން ދާއިރު މަސްވެރިކަމަކީ އިގްތިސޯދުގައި ހިފަހައްޓާލެވޭ ވަރުގެ ދާއިރާއަކަށް ހެދުން. ބޭރުގެ ލޮޅުންތަކުން ސަލާމަތްވެފައިވާ ދާއިރާއަކަށް ހެދުން،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި ސަބްސިޑީ ދެނީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. ޝައިނީ ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ދާއިރާއިން މި އަހަރުގެ ތެރޭގައި 1400 ވަޒީފާ އުފެއްދިއްޖެ ކަމަށެވެ.

"މި ވަޒީފާތަކަކީ ފިޝަރީޒް މިނިސްޓްރީގެ ތެރެއިން އުފެއްދުނު ވަޒީފާތަކެއް ނޫން. މި ދާއިރާ ތެރެއިން ހުޅުވާލި ފުރުސަތުތަކުގެ ތެރެއިން އުފެދުނު ވަޒީފާ،" ޝައިނީ ވިދާޅުވި އެވެ.

މަސްވެރިނަށް ދިނުމަށް ސަރުކާރުން ރާވާފައިވާ ބެޔަސް ނުބެޔަސް ސްކީމަށް އަލިއަޅުއްވައި ލައްވަމުން ޝައިނީ ވިދާޅުވި ގޮތުގައި މި ސްކީމް ކުރިއަށް ދާނެ ކަމަށެވެ.