އިއްޔަ މާޒިޔާގެ ކޯޗް ކަމަށް ހަމަޖެއްސި މަރުޖޮން ސްކޮލޮސްކީ އަކީ އެޓީމުގެ ފުރަތަމަ ބިދޭސީ ކޯޗެވެ. ދިވެހި ދެ ކޯޗުންނާއެކު ކުރި ތަޖުރިބާ އަށް ފަހު މާޒިޔާގެ ކޯޗުގެ ގޮނޑި އެޓީމުން ވެސް އަނބުރާލީ ޔޫރަޕާ ދިމާލަ ށެވެ. ނަމަވެސް އޭނާއަކީ އޭޝިއާގެ ސިލްވާ ފުޓްބޯޅަ މުބާރާތް އޭއެފްސީ ކަޕްގައި މިޔަންމާގެ ޓީމުތައް ގޮވައިގެން ނިކުތް ކޯޗެކެވެ.
މާޒިޔާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މެސަޑޯނިއާއަށް އުފަން ސްކޮލަސްކީއަށް ދިވެހި ފުޓްބޯޅަ އެނގުމެވެ. އޭނާ ވަނީ މިޔަންމާގެ ޔޮންގޮން ޔުނައިޓަޑާއި އަޔަވެދީ ޔުނައިޓަޑް ގޮވައިގެން ދިވެހި ޓީމުތަކާ ދެކޮޅާށް ނިކުމެފަ އެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ޔޮންގޮން ޔުނައިޓަޑް ގޮވައިގެން މާޒިޔާއާ ދެކޮޅަށް ވެސް ނިކުތެވެ. މާލޭގައި ކުޅުނު މެޗް ނިމުނީ އެއް ވަރުވެގެންނެވެ. މިޔަންމާގައި ކުޅުނު މެޗް ޔަންގޮން ކާމިޔާބު ކުރީ 3-2 ން ނެވެ. އަޔަވެދީ ޔުނައިޓަޑް ގޮވައިގެން ނިއުރޭޑިއަންޓާ ދެކޮޅަށް ވެސް ނިކުތެވެ.
ސްކޮލަސްކީ ބުނީ އޭނާ އަށް ދިވެހި ފުޓްބޯޅަ އެނގުމަކީ އޭނާ އަށާއި މާޒިޔާ އަށް އޮތް ޕްލަސް ޕޮއިންޓެއް ކަމަށެވެ.
"އަހަންނަށް އެނގޭ ރާއްޖޭގެ ފުޓްބޯޅައިގެ ބޭސިކް އަދި ރާއްޖޭގެ ފުޓްބޯޅަ އަށް އަހަރުން އަހަރަށް އަންނަ ކުރިއެރުން ވެސް އަހަންނަށް ވަޒަން ކުރެވޭ އަހަރެން މިދަނީ މާޒިޔާގެ ވަކިވަކި ކުޅުންތެރިންގެ ފެންވަރުވެސް ދެނެގަންނަމުން." ކޯޗް ބުންޏެވެ.
ސްކޮލަސްކީގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ އިއްޔެ އެޓީމުގެ ޕްރެކްޓިސް ފަށާފަ އެވެ.
ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ ޕްރެކްޓިހަށް އަވަސްގެ ޓީމު ދިޔައިރު މާޒިޔާގެ ކުޅުންތެރިން ދިޔައީ ދަނޑުމަތީގައި ކުޅެމުން ނެވެ. ކޯޗު އޭނާ އަތުގައި އޮތް ލިސްޓުން ކުޅުންތެރިން ފާހަގަ ކުރަމުން ވަކިވަކި ކުޅުންތެރިންގެ ފެންވަރު ދެނެގަންނަމުން ދިޔަ އެވެ.
"އަހަންނަށް ފާހަގަ ކުރެވޭ 15 ވަނަ ނަންބަރު ކުޅުންތެރިޔާ ކޮންމެވެސް އަނިޔާއެއްގައި ހުރިކަން؟ އޭނާ ހުރީ އަނިޔާގައިތަ؟" އޭނާ ގާތުގައި ހުރި މާޒިޔާގެ ކޯޗިން ސްޓާފު ގާތުގައި ސުވާލު ކުރިއެވެ.
"ރަނގަޅު އެއީ ޔޫތު ޓީމު ކުޅުންތެރިޔެއް އޭނާ އަށް މިދިޔަ ސީޒަންގައި ލިބުނު އަނިޔާއެއްގެ ސަބަބުން މުޅި ފިޓެއް ނޫން އަންނަނީ ރިކަވާ ވަމުން." މާޒިޔާގެ އޮފިޝަލް ޖަވާބު ދިނެވެ.
މާޒިޔާ އަކީ އެންމެ ފަހުގެ ލީގް ޗެމްޕިއަނެވެ. އެ ކާމިޔާބު ތަކުރާރު ކުރުމަށް އެކުލަބުން ވަނީ އަމާޒު ހިފާފަ އެވެ. އެއީ އޭނާ އަށް އޮތް ޕްރެޝަރެއްތޯ އަވަސްއިން ސުވާލު ކުރުމުން ބުނީ އޭނާ އަށް އޮތީ ޕޮސެޓިވް ޕްރެޝަރު ކަމަށެވެ.
"ޕްރެޝަރު އޮންނާނެ އެއީ ފުޓްބޯޅައިގެ ނޭޗާ ނަމަވެސް އަހަންނަށް އޮތީ ޕޮސެޓިވް ޕްރެޝަރެއް."
ސްކޮލަސްކީ އަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އޭއެފްސީ ކަޕެވެ. މިއަހަރު އޭއެފްސީން އެ މުބާރާތަށް ގެނައި ބަދަލު ތަކުން، ގުރޫޕް ސްޓޭޖުގައި ވާދަ ކުރަން ޖެހޭނީ އެ ޒޯނެއްގެ ޓީމުތަކާ ދެކޮޅަށެވެ. މާޒިޔާ އާ ދެކޮޅަށް އެންމެ ފަހުގެ ރަނަރަފު އިންޑިއާގެ ބެންގަލޫރު އެފްސީ ނިކުންނާނެ އެވެ.
ޕްލޭއޮފް ބުރުން އިންޑިއާގެ މޯހަންބަގާން ވެސް ގުރޫޕް ސްޓޭޖުން އައުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖަނަމަ މާޒިޔާ އަށް އިތުރަށް އުނދަގޫ ވާނެ އެވެ. ދެ ވަނަ ބުރުން ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.
ނަމަވެސް ސްކޮލަސްކީ ބުނީ ޒޯންގައި ހިމެނޭ ޓީމުތަކާ މެދު ނުވިސްނާ ކަމަށާއި މާޒިޔާގެ އަމާޒަކީ އެންމެ ފަހު މެޗާ ހަމަޔަށްވެސް ދެ ވަނަ ބުރުން ޖާގަ ހޯދުން ކަމަށެވެ.
"މިހާރު އޮތް ގޮތުން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިމިޓެޑް ނަމަވެސް ކޮންމެ ޓީމެއްވެސް ހަ މެޗް ކުޅޭނެ ބެންގަލޫރު އެފްސީ ވިޔަސް މޯހަންބަގާން ވިޔަސް ޑާކާ އެފްސީ ވިޔަސް އަހަރެމެންގެ އަމާޒަކީ ޕޮއިންޓް ހޯދައިގެން ދެ ވަނަ ބުރަށް ދިއުން އެންމެ ފަހު މެޗާ ހަމަޔަށްވެސް އެކަމަށް މަސައްކަތް ކުރާނަން." ސްކޮލަސްކީ ބުންޏެވެ.