ނިއުރޭޑިއަންޓް ސަޕޯޓަރުންގެ ހަރާކަތްތައް ހިންގުމަށާއި އެ ކުލަބަށް އާންމުދަނީ ހޯދަން ކެފޭ އެއް ހުޅުވުމަށް ޕްލޭން ކުރަމުން ދާކަމަށް އެކުލަބުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.
ޒިޔާދު ވިދާޅުވީ ޓީމަށް ކާމިޔާބު ހޯދައިދީ އަލުން ރާއްޖޭގެ އެއް ވަނަ ކުލަބަށް ހެދުމަށް އާ ބޯޑުން މަސައްކަތް ކުރާނީ ކުލަބާއި ސަޕޯޓަރުން ގުޅިގެން ކަމަށެވެ. ނިއުއަކީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބޭ ކްލަބެވެ.
އޭނާ ވިދާޅުވީ ކެފޭގެ އެންމެ ބޮޑު އަމާޒަކީ ނިއުގެ ފޭން ކުލަބެއް ހެދުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިއަހަރު އެންމެ ބޮޑަށް އަމާޒު ކުރާނެ ކަމަކީ ނިއުރޭޑިއަންޓްގެ ފޭންސް ކުލަބެއް އުފެއްދުން އެއީ ކެފިޓޭރިއާއަށް ފާޑަށް މާލޭގެ ކޮންމެވެސް ތަނެއްގައި ހަދައިގެން، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ބިޒްނަސްއެއް ޖެނަރޭޓް ކުރެވޭނެ އަދި އެތަން ހުޅުވާފަ ހުންނަ ކޮންމެ ވަގުތެއްގައި ސަޕޯޓަރުން އެތަނަށް އައިސް ސަޕޯޓަރުންގެ ހަރަކާތްތައް ހިންގޭނެ ގޮތަށް ތަނެއް އެޝޤތާބްލިސް ކޮށްދޭނަން." ޒިޔާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އާއި ނިއުރޭޑިއަންޓްގެ ޕްރަމޯޓް ކުރުމަށް ގިނަ ހަރަކާތްތައް ހިންގާނެ ކަމަށެވެ. އެގޮތުން އިނގިރޭސި ޗެމްޕިއަންޝިޕްގެ އެންމެ ކުރީގައި އުލޭ ޓީމެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިމަހު މެދުތެރޭ ހާއްސަ ކުޅުންތެރިޔަކު ސޮއި ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެ ކުލަބުގެ ނަން އިއުލާން ކުރާނެ ކަމަށެވެ.