ވިޔަފާރި

ބަރެސްދޫއަށް އިންވެސްޓް ކުރަނީ ދިވެހިން: އެމްއައިޓީޑީސީ

Jan 9, 2017

ގެސްޓް ހައުސް އައިލެންޑް- ބަރެސްދޫގައި ޓޫރިޒަމް ތަރަައްގީ ކުރަން މުޅިންވެސް އިންވެސްޓް ކުރަނީ ދިވެހި ކުންފުނިތައް ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ބަރެސްދޫ އާއި އިންވެގެން އޮންނަ މާކަންފުށީގައި ތަރައްގީ ކުރާ މެދު ފަންތީގެ ޓޫރިޒަމް ރަށުގައި މުޅިންވެސް އިންވެސްޓްކޮށްފައިވަނީ ދިވެހި ކުންފުނިތައް ކަމަށާއި، ނަމަވެސް ބައެއް ކުންފުނިތަކުގައި ބޭރުގެ އިންވެސްޓަރުންގެ ހިއްސާ ހިމެނޭ ކަމަށެވެ.

"ހުރިހާ ކުންފުނިތަކަކީ ވެސް ރާއްޖޭގައި އެސްޓާބްލިޝްވެފައި ހުރި ދިވެހި ކުންފުނިތައް،" ޝާހިދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ދަށުގައި އޮތް ބަރެސްދޫގެ މަސައްކަތްތައް ސަރުކާރުން ވަނީ އެމްއައިޓީޑީސީއާ ހަވާލުކޮށް، އެ ކުންފުނީގެ މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. ބަރެސްދޫގައި 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ހުންނާނެ އެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ. އަދި ގެސްޓްހައުސްތަކަކީ 25 ކޮޓަރި އާއި 50 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 1600 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 5،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.

އެމްޑީ، ޝާހިދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހަދާ ތިން ހޮޓަލުގެ ތެރެއިން އެއް ހޮޓާލާއި 25 ގެސްޓްހައުސް ވެސް ކުއްޔަށް ނަގާފައިވާ ކަމަށެވެ.

"ބާކީ މި އޮތީ ގާތްގަނޑަކަށް 15 ވަރަށް ޕްލޮޓް. މި ތަންތަން ކުއްޔަށް ދިނުމުގެ މަސައްކަތް އަޅުގަނޑުމެއް ކުރާނަން. އިންވެސްޓަރުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި،" ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫގެ މަސައްކަތް އަންނަ މަހު އަލުން ފަށައި، އަންނަ އަހަރު އެރަށް ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.