ރާއްޖެ ކުޅިވަރު

ހުށަހެޅުން ލިބޭ، އިސްކަންދޭނީ ފުރަތަމަ 11 ކަށަވަރުވާ ޓީމަކަށް: ކުޑަ އިމްރާން

Jan 9, 2017

ބައެއް ޓީމުތަކުގެ ހުށަހެޅުން ތައް ލިބިފައި އެބަހުރި ކަމަށާއި އިސްކަންދޭނީ ފުރަތަމަ 11 އިން ޖާގަ ލިބޭ ޓީމަކަށް ދާން ކަމަށް މިދިޔަ ސީޒަންގައި ޓީސީގެ ގޯލް ބެލެހެއްޓި މުހައްމަދު އިމްރާން (ކުޑަ އިމްރާން) ބުނެފި އެވެ.

މިދިޔަ ދެ އަހަރު ޓީސީ އަށް ކުޅުނު އިމްރާން ދޫކޮށް ލަން އެ ކުލަބުން ވަނީ ނިންމާފަ އެވެ. މި އަހަރު އެޓީމުގެ ގޯލް ބަލަހައްޓާނީ ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ކެމްޖޮންގް އެވެ.

"ދެ ކުލަބަކުން ދަނީ ވާހަކަ ދައްކަމުން ބޮޑަށް އިސްކަން ދޭނީ ފުރަތަމަ 11 އިން ޖާގަ ލިބޭ ޓީމަކަށް ކުޅެން،" މިއަދު އަވަސްއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

މިދިޔަ ދެ އަހަރަކީ ރާއްޖޭގެ ޓީމުތަކުގައި ބިދޭސީ ކީޕަރުން ގިނަ އަދަކަށް ކުޅުނު ދެ އަހަރެވެ. ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ތެރެއިން ހަތަރު ޓީމުގެ ގޯލް ބަލަހައްޓާފައި ވަނީ ބިދޭސީ ކީޕަރުން ނެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރު ބިދޭސީ ކީޕަރުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.

އިމްރާން ބުނީ ބިދޭސީ ކީޕަރުން ގިނަވި ނަމަވެސް ކޮންމެ ޓީމެއްގައި ވެސް ފުރަތަމަ 11 އިން ޖާގަ ހޯދަން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ އަކީ ރާއްޖޭގެ ގައުމީ ޓީމުގެ ބަދަލު ކީޕަރެވެ.