ހޮލީވުޑް

މެންދަންވިޔަސް "ސިންޑްރެލާ" ގެ ޖާދޫއެއް ނުކެނޑޭ

މެންދަންވެގެން ސިންޑްރެލާގެ ރީތިކަމާއި ލޯބިކަން އޭގެ އޮރިޖިނަލް ވާހަކައިގައި ގެއްލުނަސް އުތުރު އެމެރިކާގައި މިދިޔަ ހުކުރު ދުވަހުގެ ރެއާ ދިމާކޮށް ޕްރިމިއާކުރި ޑިޒްނީގެ ލައިވް އެކްޝަން "ސިންޑްރެލާ" ގެ ޖާދޫގެ ސުންގަނޑި މެންދަމުން އަލިވިއިރު ވެސް ހަމައެއް ނުވި އެވެ.

އުތުރު އެމެރިކާގެ ބޮކްސް އޮފީސް ޗާޓްގެ އެއް ވަނަ މަގާމުގައި "ސިންޑްރެލާ" އޮތްއިރު މިފިލްމު ވަނީ ހަފުތާ ބަންދުގައި މިގޮތަށް ޕްރިމިއާކުރި ލައިވް-އެކްޝަން-ފެންޓަސީ ފިލްމުތަކެއްގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. އެގޮތުން ފުރަތަމަ ރޭގެ ޝޯތަކުން ފިލްމަށް 2.3 މިލިއަން ޑޮލަރު ލިބިފައިވާއިރު މިއީ "އޯޒް ދަ ގްރޭޓް އެންޑް ޕަވާފުލް" އާއި "ސްނޯ ވައިޓް އެންޑް ދަ ހަންޓްސްމަން" އަށް ވުރެ ވެސް ރަނގަޅު ފެށުމެކެވެ.

ހަފުތާ ބަންދު ނިމުމަކަށް އައިއިރު އުތުރު އެމެރިކާގެ ސިނަމާތަކުން ފިލްމަށް ވަނީ 70 މިލިއަން ޑޮލަރު ލިބިފަ އެވެ. މި އަދަދާ އެކު ދުނިޔޭގެ އެހެން ހިސާބުތަކުން ލިބުނު ބޮކްސް އޮފީސް ފައިސާއާ އެކު ފިލްމުގެ ޖުމްލަ މިހާރު ވަނީ 132 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

މި ފިލްމުގެ އޯޑިއެންސްގައި ގިނައީ އަންހެނުންނެވެ. އެގޮތުން އެމެރިކާގައި މި ފިލްމަށް ދާ މީހުންގެ ތެރެއިން 70 ޕަސެންޓަކީ އަންހެނުންނެވެ. އަދި 42 ޕަސެންޓަކީ 18 އަހަރުގެ ޒުވާނުންނެވެ.

"ސިންޑްރެލާ" ގެ މި މަގްބޫލުކަމާ އެކު އެކްޝަން ތަރި ލިއަމް ނީސަން ވެސް ވަނީ ބޮކްސް އޮފީހުގައި އަމާން ދީފަ އެވެ. ކުރިން އެއް ވަނާގައި އޮތް އޭނާގެ ފިލްމު "ރަން އޯލް ނައިޓް" މިހާރު ވަނީ ވެއްޓިފަ އެވެ.

"ސިންޑްރެލާ" ގެ ޝޯތައް ދަނީ އުތުރު އެމެރިކާގެ 3،845 ސިނަމާއެއްގައި ދައްކަމުންނެވެ. މިއީ 95 މިލިއަން ޑޮލަރު ހޭދަކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމަށް "އެލިސް އިން ވޮންޑަލެންޑް" ގެ ރިކޯޑް މުގުރައި ނުލެވުނަސް ބޮކްސް އޮފީހުގެ ފެށުން ވަނީ ޑިޒްނީން މިފަހުން ގެނެސްދިން "މެލެފިސެންޓް" އަށް ވުރެ ރަނގަޅުކޮށްފަ އެވެ.