ފިނިޕޭޖް

އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑް "ޑަންގާލް" މުގުރާލައިފި

Jan 10, 2017

މިދިޔަ މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި އާމިރް ޚާންގެ "ޑަންގާލް" އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ސިނަމާތަށް ފަތަހަކޮށްފައިވާއިރު، މި ފިލްމު އަންނަނީ ރެކޯޑަކަށްފަހު ރެކޯޑެއް މުގުރައި، ބޮކްސް އޮފީސް ފަތަހަ ކުރަމުންނެވެ.

"ޑަންގާލް" ރިލީޒްކުރިތާ 17 ދުވަހުގެ ތެރޭގައި އިންޑިއާއިން އެކަނި އާމްދަނީގެ ގޮތުގައި 345.30 ކްރޯޑް ލިބިގެން ވަނީ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމުގެ ރެކޯޑް މުގުރާލާފަ އެވެ. މީގެ ކުރިން ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑް ހަދާފައި އޮތީ އާމިރްގެ އެންމެފަހުން ރިލީޒްވި ފިލްމު، "ޕީކޭ" އިންނެވެ. ނަމަވެސް އެ ފިލްމަށް ޖުމްލަ ލިބުނު އާމްދަނީ ކަމަށްވާ 340 ކްރޯޑްގެ ރެކޯޑް ކުރީގެ ރެސްލިންތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތް އާއި އޭނާގެ ދެ އަންހެން ރެސްލިންތެޅުންތެރިން ކަމަށްވާ ގީތާ އާއި ބަބީތާގެ ހަޔާތުގެ މައްޗަށް އުފެއްދި "ޑަންގާލް" އިން މިވަނީ މުގުރާލާފަ އެވެ.

މިހާތަނަށް އެންމެ ގިނަ ފައިސާ ލިބުނު ހިންދީ ފިލްމުގެ ރެކޯޑް އޮތީ ވެސް އާމިރް "ޕީކޭ" އަތުގަ އެވެ. ނަމަވެސް އެ ފިލްމަށް ޖުމްލަ ލިބުނު އާމްދަނީ "ޑަންގާލް" އިން މިވަނީ ފަސޭހަ ކަމާއެކު ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުގުރާލާފަ އެވެ. އެހެންކަމުން އިންޑިއާ އާއި ބޭރު ދުނިޔެއިން މި ފިލްމަކަށް ޖުމްލަ ލިބުނު އާމްދަނީގެ އަދަދު ވަނީ 525.88 ކްރޯޑް ރުޕީޒް އަށް އަރާފަ އެވެ.

"ޑަންގާލް" އަށް މިހާތަނަށް ލިބުނު އާމްދަނީ ހިއްސާ ކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ މިފިލްމަށް ލިބެމުން އަންނަަ ތަރުހީބަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި 350 ކްރޯޑްގެ އާމްދަނީއެއް ލިބުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އާމިރްގެ ރިލީޒްވި ފިލްމު "ޑަންގާލް" އަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ވަރަށް ބުރަ މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ބަރުދަން 96 ކިލޯ އަށް ބަރުކޮށް، އަލުން ބަރުދަނުން 25 ވަރަކަށް ކިލޯ ލުއި ކުރުމުގެ އިތުރުން ވަނީ ރެސްލިން ތަޅަން ދަސްކުރަން ނުވަ މަސް ދުވަހުގެ ޓްރެއިނިންއެއް ހަދާފަ އެވެ.

މިހާތަނަށް އެންމެ ގިނަ ފައިސާ ލިބިފައިވާ ފަސް ހިންދީ ފިލްމުގެ ތެރޭގައި އާމިރްގެ "ޑަންގާލް" އާއި "ޕީކޭ" އަދި "ދޫމް 3" ހިމެނެ އެވެ. އެ ތިން ފިލްމުގެ އިތުރުން ދެން ހިމެނޭ ދެ ފިލްމަކީ ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" އާއި "ސުލްތާން" އެވެ.

ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރި "ޕީކޭ" ގެ ރެކޯޑް މިހާތަނަށް ނިކުތް އެއްވެސް ފިލްމަކަށް މުގުރާ ނުލެވިފައިވާއިރު "ޑަންގާލް" އަށް އެ ރެކޯޑް މުގުރާ ނުލެވޭނެ ކަމަށް އައީ ބުނަމުންނެވެ.

މިދިޔަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި އޮތް ފިލްމަކީ ސަލްމާންގެ "ސުލްތާން" އެވެ. ރެސްލިންގެ މައްޗަށް އުފައްދާފައި އޮތް އެ ފިލްމުގެ ރެކޯޑް ވެސް އެއްވެސް ފިލްމަކަށް މުގުރާނުލެވިފައި ވަނިކޮށް އާމިރްގެ "ޑަންގާލް" އިން ފަހަތުން އައިސް ވަނީ އެ ފިލްމުގެ ހުރިހާ ރެކޯޑަކާއި އޭނާގެ "ޕީކޭ" ގެ ހުރިހާ ރެކޯޑެއް މުގުރައި، ހިންދީ ސިނަމާގެ ތާރީހުގައ ވެސް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ މަގާމު ހޯދާފަ އެވެ.

އާމިރްގެ "ޑަންގާލް" ގެ ފަހުން އިތުރު ފިލްމެއް ރިލީޒްވެފައި ނުވާއިރު، ދެން އެންމެ އަވަހަށް މި އަހަރުގައި ރިލީޒްވާ ފިލްމަކީ މި ހުކުރު ދުވަހު ރިލީޒްކުރާ ޝްރަދާ ކަޕޫރާއި އަދިތްޔަ ރޯއި ކަޕޫރުގެ '"އޯކޭ ޖާނޫ" އެވެ. މި ފިލްމަކީ ލޯބީގެ ފިލްމަކަށްވާއިރު، "ޑަންގާލް" އަދިވެސް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން އެ ފިލްމަށް "އޯކޭ ޖާނޫ" ގެ މާ ބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ނިތޭޝް ތިވަރީ ޑައިރެކްޓްކުރި "ޑަންގާލް" އިން އާމިރް އާއެކު ބަތަލާއިންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ބޮލީވުޑަށް މުޅީން އަލަށް ތައާރަފުވި ފާތިމާ ސަނާ ޝައިހް އާއި ސަނާޔާ މަލްހޯތުރާ އެވެ. އަދި އާމިރްގެ އަންހެނުންގެ ރޯލުން ފެނިގެން ގޮސްފައިވަނީ މަޝްހޫރު ޓީވީ ތަރި ސާކްޝީ ތަންވަރު އެވެ.