ހުޅުމާލެ

ޔޫތު ސިޓީގެ ފެނާއި ނަރުދަމާ އަޅަން ފެން ކުންފުންޏާ ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހި، ޔޫތު ސިޓީގެ ފެނާއި ނަރުދަމާ އެޅުމަށާއި މަގު ހުރަސްކުރާ ނިޒާމް ގާއިމު ކުރަން ގައުމީ ފެން ކުންފުނި، މޯލްޑިވްސް ސުވަރޭޖް ކޮމްޕެނީ (އެމްޑައިބްލިއުއެސްސީ) އާ، ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ހަވާލުކޮށްފި އެވެ. އެމްޑަބްލިއުއެސްސީގެ އަމިއްލަ ހަރަދުގައި ހިންގާ އެ މަޝްރޫއުގެ އަގު، 25 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ހުޅުމާލޭގައި ހުންނަ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައި އޮފީހުގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ތަރައްގީ ކުރި ގޮތާ ހިލާފަށް ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގައި ގިނަ މަޝްރޫއުތަކެއް އެއްފަހަރާ ކުރިޔަށް ގެންދާ ކަމަށާއި ޔޫތު ސިޓީގެ ފެނާއި ނަރުދަމާގެ ވިއުގަ އެޅުމަށާއި މަގު ހުރަސް ކުރުމުގެ ނިޒާމު ގާއިމު ކުރަން ފެން ކުންނިން ކުރިޔަށް ގެންދާނެ ކަމަށެވެ.

"ހުޅުމާލޭ ފޭސް ދޭއްގައި ފެނާއި ނަރުދަމާއަށް ބޭނުންވާ ނެޓްވޯކް އެޅުމަށާއި މިހާރު ތަރައްގީ ކުރަމުން އަންނަ މަގުތަކުގެ މަސައްކަތް ތާވަލުކޮށްފައިވާތީ އެމްޑަބްލިއުއެސްސީއާއެކު މަސައްކަތް ކުރަން މި ފަށަނީ،" ސައިމަން ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދު ވިދާޅުވީ އެ މަޝްރޫއަށް އެ ކުންފުނިނ 25 މިލިއަން ޑޮލަރު ހަރަދު ކުރާ އިރު ރޯޑް ކްރޮސިންގެ ޕައިޕް އެޅުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ. އަދި މި މަޝްރޫއު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

މަގުތަކުގެ ރޯޑް ކްރޮސިން ޕައިޕްތައް އެޅުމަށްވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ އިރު މަގުތައް ހެދުމުގެ މަސައްކަތް އެޗްޑީސީއިން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އަށެވެ. ޔޫތު ސިޓީގެ މަގުތައް އެޅުމުގެ މަސައްކަތް ކުރަނީ އިންޑީއާގެ އެކްޒިމް ބޭންކުގެ އެހީގަ އެވެ.