ރާއްޖެ ކުޅިވަރު

އީގަލްސް ޕްރެކްޓިސް ފަށާއިރު ސާންތީ އަދިވެސް ގޮތެއް ނުނިންމާ

Jan 9, 2017

އީގަލްސްގެ ޕްރެކްޓިސް މިމަހު 14 ގައި ފަށަން ތައްޔާރުވާއިރު އެ ޓީމުން ހުށަހަޅާފައިވާ ކޮންޓްރެކްޓާ މެދު މިދިޔަ ސީޒަންގައި އެޓީމަށް ކޯޗް ކޮށްދިން އިހްސާން އަބްދުލް ގަނީ (ސާންތީ) އަދި ވެސް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އެ ޓީމުން ބުނެފި އެވެ.

އީގަލްސްއާ އެކު ސާންތީ ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ ސީޒަން ނިމުނު އިރު ވަނީ ހަމަ ވެފަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އީގަލްސް ވަނީ މިދިޔަ ސީޒަންގެ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

"އަޅުގަނޑުމެން މި ތައްޔާރު ވަނީ ޕްރެކްޓިސް މި މަހު 14 ގައި ފެށޭތޯ." އަވަސްއާ ވާހަކަ ދައްކަމުން އީގަލްސްގެ އޮފިޝަލަކު ބުންޏެވެ.

ޓީމު ޕްރެކްޓިސް ފަށަނީ ސާންތީގެ ބެލުމުގެ ދަށުންތޯ ސުވާލު ކުރުމުން އޮފިޝަލް ބުނީ ސާންތީ އަށް ހުށަހަޅާފައިވާ ކޮންޓްރެކްޓާ މެދު އަދި ވަކި ޖަވާބެއް ނުދޭ ކަމަށެވެ.

"ސާންތީ އަދި ވަކި ޖަވާބެއް ނުދެއްވާ. ނަމަވެސް އެސިސްޓެންޓް ކޯޗުންގެ ބެލުމުގެ ދަށުން އަޅުގަނޑުމެން ޕްރެކްޓިސް ފަށާނަން. ދެން އުންމީދު ކުރަނީ އެހާހިސާބަށް ދާއިރު ސާންތީގެ ފަރާތުން ވެސް ޖަވާބެއް ލިބޭނެ ކަމަށް."

މިއަދު އަވަސްއާ ވަހަކަ ދައްކަމުން ސާންތީ ބުނީ ކޮންޓްރެކްޓާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަމާ ބެހޭގޮތުން މެނޭޖްމަންޓާ ވާހަކަ ދައްކާނެ ކަމަށެވެ.

"ސިޔާމް މައުރޫފް ސޮކާ ކަޕްގައި އަޅުގަނޑު މިއައީ ނ. އަތޮޅުގައި އުޅެފައި. ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމުން އަދި މިހާތަނަށް ކޮންޓްރެކްޓާ މެދު ގޮތެއް ނުނިންމި އޮތީ،" ސާންތީ ބުންޏެވެ.

މެނޭޖްމަންޓާ އިތުރަށް ވާހަކަ ދައްކަނީ ކޮންޓްރެކްޓްގައި އިތުރު ކަންތައްތައް ހިމަނައި، މާލީގޮތުން އިތުރު ކަންކަމަށް ޑިމާންޑް ކުރަންތޯ ސުވާލު ކުރުމުން ސާންތީ ބުނީ މަޝްވަރާ ކުރާނީ ސްކޮޑާ ބެހޭގޮތުން ކަމަށެވެ.

"ކޯޗު ކޮށް ދީގެން މާލީ ގޮތުން އިތުރަށް ބޭނުންވާ ނަމަ އަޅުގަނޑު ހުންނާނީ އީގަލްސް އަކު ނޫން. އެއަށް އަށް ވުރެ ބޮޑެތި ހުށަހެޅުން އަޅުގަނޑަށް ލިބުނު.

ސާންތީ މީގެ ކުރިންވެސް ބުނެފައިވަނީ އޭނާ އަބަދުވެސް އިސްކަން ދޭނީ އީގަލްސް އަށް ކަމަށެވެ.