ފިނިޕޭޖް

ރެމޯގެ އާ ފިލްމުގައި ސަލްމާން އާއި ދިޕިކާ!

Jan 10, 2017

ސުޕަ ސްޓާ ސަލްމާން ޚާން މިހާރު ބޮލީވުޑްގައި ތިބި އެންމެ ކުޅަދާނަ ބަތަލާއިންނާއެކު ފިލްމު ކުޅެފައިވާއިރު، ސަލްމާން، ބަތަލާ ދިޕިކާ ޕަދުކޯން އާއެކު ފިލްކަމުން ފެނިގެންދާނެ ދުވަހަކަށް އިންތިޒާރުކުރަމުންދާ ފަރާތްތަށް މަދެއް ނޫނެވެ.

ސަލްމާންގެ އެންމެ ފަހުން ރިލީޒްވި "ސުލްތާން" ގައި ބަތަލާގެ ރޯލުން ދިޕިކާގެ ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އެ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ އަނުޝްކާ ޝަރްމާ އެވެ. އަދި މިހާރު ސަލްމާން ކުޅެމުން އަންނަ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ގެ ބަތަލާގެ ރޯލު ވެސް ދިޕިކާއަށް ހުށަހެޅި ކަމުގެ އަޑުތަކެއް އެރި ނަމަވެސް އެންމެ ފަހުން އެރޯލު ލިބިފައިވަނީ ޗައިނާގެ މަޝްހޫރު ބަތަލާ ޒޫ ޒޫ އަށެވެ.

އެ ފިލްމުތަކުން ސަލްމާނާއެކު ދިޕިކާ ފެނިގެން ނުދިޔަ ނަމަވެސް މި ދެތަރިންގެ ފިލްމަކަށް އިންތިޒާ ކުރަމުން އަންނަ ފަރާތްތަކަށް މިއީ އުފާވެރި ހަބަރެކެވެ. މަޝްހޫރު ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާ ދެން އުފައްދާ ފިލްމެއްގައި ސަލްމާން އާއެކު ލީޑްރޯލުން ދިޕިކާ ފެނިގެން ގޮސްފާނެ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ޑާންސް ޑްރާމާއެއްގެ ގޮތުގައި ރެމޯ އުފައްދާ އެ ފިލްމުގައި ސަލްމާން ފެނިގެންދާނީ 13 އަހަރުގެ ކުއްޖެއްގެ ބައްޕަގެ ރޯލުންނެވެ. އަދި މި ފަހުން މި ފިލްމު އިއުލާން ކުރަމުން ރެމޯ ވަނީ ފިލްމުގެ ބަތަލާ އަކަށް ދިޕިކާ ހަމަޖައްސަން އޭނާ ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.

ވަރަށް އަވަހަށް އެ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް އިއުލާންކޮށް ރެމޯ ވަނީ މި ފިލްމުގެ ސްކްރިޕްޓް ވެސް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލަށް ދިޕިކާ ހަމަޖައްސަން ޝައުގުވެރިވާ ކަމަށް ބުނަމުން ވަނީ ދިޕިކާ އަކީ މޮޅު ޑާންސަރެއްގެ އިތުރުން އޭނާގެ އެންމެ ފެވަރިޓް އެއް ބަތަލާ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ފިލްމުގެ ބަތަލާގެ ރޯލު ދިޕިކާ އަށް ހުށަހެޅިކަން ނުވަތަ ނޫންކަން ޔަގީންކޮށެއް ނުދެއެވެ،

މީގެ ކުރިން އެކި ފަހަރު މަތިން ދިޕިކާ ވަނީ އޭނާ ސަލްމާނާއެކު ފިލްމު ކުޅެން ޝައުގުވެރިވާކަން ފާޅުކޮށްފަ އެވެ.

ދެހާސް ހަތް ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ދިޕިކާ އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތް ފިލްމުގެ ބަތަލަކީ ސަލްމާން އެވެ. ނަމަވެސް އެ ފިލްމުުގެ މަސައްކަތް ނުފެށި ހުއްޓާލަން ޖެހުމުން ދިޕިކާ ވަނީ ޝާހްރުކް ޚާން އާއެކު "އޯމް ޝާންތީ އޯމް" ކުޅެފަ އެވެ.

ދެހާސް ފަނަވަރަ އަހަރު ނިކުތް "ބާޖީރާއޯ މަސްތާނީ" ގައި ޕްރިޔަންކާ ޗޯޕްޅާ އާއި ދިޕިކާ އެކުގައި ފެނިގެން ގޮސްފައިވާ ލަވަ، ޕިންގާ ކޮރިއޮގްރާފް ކޮށްދީފައިވަނީ ރެމޯ އެވެ. އަދި ދިޕިކާގެ އެންމެ ފުރަތަމަ ވީޑިއޯ ލަވަ ވެސް ކޮރިއޮގްރާފްކޮށްދީފައި ވަނީ ވެސް ރެމޯ އެވެ.

މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ރެމޯ ވަނީ ސަލްމާން އެ ފިލްމުގައި ކުޅޭނީ އުމުރުން ދުވަސްވީ ޑާންސްކުރާ މީހެއްގެ ރޯލު ކަމަށެވެ. މި ފިލްމުގައި ސަލްމާން ބައްޕައެއްގެ ރޯލުން ފެނިގެންދާއިރު، ބައްޕައެއްގެ ރޯލުން އޭނާ ފެނިގެން އެދަނީ ގާތް ގަނޑަކަށް ވިއްސަކަށް އަހަރު ފަހުންނެވެ.