ރާއްޖެ ކުޅިވަރު

ދަގަނޑޭގެ ވޯޓް ރޮނާލްޑޯ އަށް، ފަދުވާގެ ވޯޓް ލޯއިޑް އަށް

Jan 10, 2017

ފީފާ އިން މުޅިން އަލަށް ދޭން ފެށި ފީފާ "ދަ ބެސްޓް އެވޯޑް" ގެ މޮޅު ކުޅުންތެރިޔާ ހޮވަން ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށް ހުޅުވާލި ފުރުސަތުގައި ދިވެހި ގައުމީ ފިރިހެން ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ އެއް ވަނަ ކުޅުންތެރިޔާގެ ވޯޓް އެވޯޑް ކާމިޔާބު ކުރި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދިން އިރު، ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރުގެ އެއް ވަނަ ކުޅުންތެރިޔާގެ ވޯޓް އެވޯޑް ކާމިޔާބު ކުރި އެމެރިކާގެ ކާލީ ލޯއިޑް އަށް ދީފި އެވެ.

ދަގަނޑޭގެ ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާ ދީފައި ވަނީ އެވޯޑްގައި ވެސް ދެ ވަނަ ލިބުނު އާޖެންޓީނާގެ ލިއޮނަލް މެސީ އަށެވެ. އޭނާގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދިނީ އުރުގުއޭގެ ލުއިސް ސުއަރޭޒް އަށެވެ.

ފަދުވާގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ ވޯޓް އޭނާ ދީފައި ވަނީ ޖަޕާނުގެ ސާކީ ކުމަގައި އަށެވެ. އޭނާގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ ވޯޓް ދީފައިވަނީ ބްރެޒިލްގެ މާތާ އަށެވެ.

ކޯޗުންގެ އެވޯޑުގައި ދަގަނޑޭގެ އެއް ވަނަ ކޯޗްގެ ވޯޓް އޭނާ ދީފައިވަނީ މިދިޔަ ސީޒަންގައި ބަޔާން މިޔުނިކަށް ކޯޗް ކޮށްދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗް ސްޕެއިންގެ ޕެޕް ގާޑިއޯލާ އަށެވެ. ދެ ވަނަ އަށް އެންމެ މޮޅު ކޯޗްގެ ގޮތުގައި އޭނާ ވޯޓް ދީފައި ވަނީ ބާސެލޯނާގެ ކޯޗް ސްޕެއިންގެ ލުއިސް އެންރީކޭ އަށެވެ. ތިން ވަނަ އަށް އެންމެ މޮޅު ކޮޗްގެ އެވޯޑް ދީފައި ވަނީ ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާނަ ށެވެ.

ފަދުވާގެ އެންމެ މޮޅު ކޯޗްގެ އެވޯޑް އޭނާ ދީފައިވަނީ އެމެރިކާގެ ގައުމީ ޓީމުގެ ކޯޗް އެލިސް ޖިލް އަށެވެ. ދެ ވަނަ އަށް އެންމެ މޮޅު ކޯޗްގެ އެވޯޑް އޭނާ ދީފައިވަނީ މޮޅު ކޯޗްގެ އެވޯޑް ގެންދިޔަ ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗް ސިލްވިއާ ނައިޑް އަށެވެ. އޭނާގެ ތިން ވަނަ އަށް އެންމެ މޯޅު ކޯޗްގެ ވޯޓް ދީފައި ވަނީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗް ފިލިޕޭ ބެރުޖޫރޫ އަށެވެ.

ކޯޗުންގެ ވޯޓް ދިނުމުގެ ފުރުސަތުގައި ގައުމީ ފިރިހެން ޓީމުގެ ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް އޭނާ އަށް އެންމެ މޮޅު އެއް ވަނަ ކުޅުންތެރިޔާގެ ވޯޓް ދީފައި ވަނީ ވޭލްސްގެ ގެރެތު ބޭލް އަށެވެ. ދެ ވަނަ ވޯޓް ދީފައި ވަނީ ރޮނާލްޑޯ އަށެވެ. ތިން ވަނަ ވޯޓް ދީފައި ވަނީ މެސީ އަށެވެ.

މޮޅު ކޯޗްގެ އެވޯޑްގައި ސްޓްވާޓް އެއް ވަނަ ކޯޗްގެ ވޯޓް ދީފައި ވަނީ މޮޅު ކޯޗްގެ އެވޯޑް ގެންދިޔަ ލެސްޓާ ސިޓީގެ ކޯޗް އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ އަށެވެ. ދެ ވަނަ ވޯޓް ދީފައި ވަނީ ލިވަޕޫލްގެ ކޯޗް ޖަރުމަންގެ ޔޯގަން ކޮލޮޕް އަށެވެ. ތިން ވަނަ ވޯޓް ދީފައިވަނީ ޒިދާން އަށެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗް ޖަޕާނުގެ ނައޯކޯ ކަވަމޯޓާ (ރިއޯ ކޯޗް) އެއް ވަނަ ކުޅުންތެރިޔާގެ ވޯޓް ދީފައި ވަނީ ސާކީ ކުމަގައި އަށެވެ. ދެ ވަނަ ވޯޓް ދީފައިވަނީ ފްރާންސްގެ ކެމިލޭ އަބީލީ އަށެވެ. ތިން ވަނަ ވޯޓް ދީފައި ވަނީ ފްރާންސްގެ އެމެންޑީން ހެންރީ އަށެވެ.

ރިއޯ ކޯޗްގެ އެންމެ މޮޅު ކޯޗްގެ ވޯޓް ދީފައި ވަނީ ސިލްވިއާ ނައިޑް އަށެވެ. ދެ ވަނަ ވޯޓް ދީފައި ވަނީ ސްވިޑެންގެ ގައުމީ ޓީމުގެ ކޯޗް ޕިއާ ސުންހާގޭ އަށެވެ. ތިން ވަނަ އަށް އެންމެ މޮޅު ކޯޗްގެ އެވޯޑް ދީފައި ވަނީ ކެނެޑާގެ ގައުމީ ޓީމުގެ ކޯޗް ޖޯން ހާޑެމެން އަށެވެ.