ކުރިމަތީގައި މި އޮތީ ތިން ނަމެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެ މަނިކުފާނުގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މިއަދުގެ ރައީސް، އަބްދުﷲ ޔާމީނެވެ.
މި ވާހަކައެއް އަލުން ދައްކަން މި ޖެހުނީ ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި އެކަމަނާގެ ފިރިކަލުންގެ ސިޔާސީ އެންމެ ބޮޑު ހަތުރު ކަމުގައިވާ މައުމޫން އަބްދުލް ގައްޔޫމަށް، އާންމުކޮށް އަޑު ނީވޭ ފަދަ ތައުރީފެއް ކުރެއްވުމުންނެވެ. ވެރިކަމުގެ ދުވަސްވަރު ނަޝީދަށް ކިތަންމެ ނުހައްގުން ސިޔާސީ އަދަބުތަކެއް ދެއްވިކަމުގެ ތުހުމަތު މައުމޫނަށް ކުރެވުނަސް، ލައިލާ ވިދާޅުވަނީ މައުމޫނަކީ ފުރަގަސްދެވޭ ވަރަށް ވުރެ ޝައުގުވެރިވަނިވި ލީޑަރެއް ކަމަށެވެ.
ވެރިކަން ކޮންމެ ފަދަ ގޮތަކަށް ކުރެއްވިޔަސް އަދި ވެރިކަމުގައި ކޮންމެ ކަމެއް ކުރެއްވިޔަސް އާންމުންގެ ސަމާލުކަމާއި ޝައުގުވެރިކަން އަދި ލޯބި ހާސިލު ކުރެއްވުމަށް ވެސް ކުޅަދާނަ ވާހަކަ އެވެ. އެ ލޯތްބާއި އިހްތިރާމް ހޯއްދުވުމަށް މައުމޫނުގެ ވެރިކަމުގައި ވަކި ކުލަތަކެއް ޖައްސަވަން ވަކި ގޮތަކަށް ބައެއް ފަހަރަށް މަސައްކަތްކުރައްވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވެސް ލައިވާ ވާހަކަ ދެއްކެވި އެވެ.
"އަނެއްކާ މައުމޫން ކަންތައް ކުރައްވާއިރު، އަޅުގަނޑަށް ހީވަނީ ކޮންމެވެސް ވަރަކަށް ރީތި ކުރައްވަން (ވެސް) އުޅުއްވާހެން. ބޭރު ދުނިޔެއިން ރީތި ނަން ވެސް ބޭނުންފުޅުވޭ."
ކޮންމެއަކަސް މިއީ ލައިލާގެ ނަޒަރުގައި މައުމޫން ސިފަވެގެން އައި ގޮތެވެ. އެ ބޭފުޅާގެ ވެރިކަމުގައި ނަޝީދު އަނގޮޅިތީމަށް އަރުވާލި މައްސަލާގައި "މައާފެއް ނުކުރެވޭނެ" ކަމަށް ވިދާޅުވިޔަސް ލައިލާ މި ވިދާޅުވަނީ މައުމޫނަކީ "ދެން އެހާ ގޯސް މީހެއް" ނޫނޭ ނޫންތޯ އެވެ؟
އެހެންވީމަ ލައިލާ އަށް އެންމެ ގޯހީ ކޮން ރައީސެއް ތޯ އެވެ؟ އެކަމަނާގެ މި އިންޓަވިއު އިން އެނގުނު އެއްޗަކީ އެކަމަނާގެ ނަޒަރުގައި ރައީސް ޔާމީނުހާ "ނުބައި ނުލަފާ" ވެރިޔަކު ނެތް ކަމެވެ.
"ޔާމީންގެ ނެތް އަޅުގަނޑަށް ފެންނަ ގޮތުގައި އެކަމެއް. (ކަމެއް) ރީތި ކުރައްވާކަށް ވެސް ނޫޅުއްވާ. ހަމަ ބޭނުން ގޮތެއް އެ ހައްދަވަނީ. ރަނގަޅެއް ގޯހެއް، ނުބައްލަވާ،" މައުމޫނަށް ކުރެއްވި ތައުރީފުން ލައިލާ ރައީސް ޔާމީން ކަތިލެއްވީ މިފަދައިންނެވެ.
މީގެ އިތުރުން ވެސް ލައިލާގެ ވާހަކައިގައި ރައީސް ސިފަކުރައްވާފައި ވަނީ ނިކަން ބޮޑާ އަދި އެހާމެ ކިބުރުވެރި ލީޑަރެއްގެ ގޮތުގަ އެވެ. އެހެންވީމަ ހިނިތުންވުން ރީތިކޮށް މޫނުފުޅު އަލިކުރެއްވުމަށް ރައީސް މި އޮތްހާ ދުވަހު ކުރެއްވި މަސައްކަތް މިދިޔައީ ފަނުފުލުން ނޫން ހެއްޔެވެ؟
ލައިލާ ވިދާޅުވަނީ ރައީސް ޔާމީނާ އެކި މުނާސަބަތުތަކުން ބައްދަލުވެ ވަޑައިގެންފައި ހުއްޓަސް އެއްގޮތަކަށް ވެސް ވާހަކަ ދެކެވިފައިނުވާ ކަމަށެވެ. ލައިލާ ވިދާޅުވާ ގޮތުން ރައީސް ހަމަ އެއްގޮތަކަށް ވެސް އެކަމަނާއާ އަނގައިން ވިދާޅުނުވަނީ އެވެ.
"ދުވަހަކުވެސް އެއްޗެއް ވިދާޅެއް ނުވޭ. ދިމާވެފައި އެބަހުރި. ޔާމީން ހުވާކުރެއްވި ދުވަހު ވެސް ދިޔައިމެއް ނޫން ތޯ އެތަނަށް،" އިންޓަވިއުގައި ލައިލާ ވިދާޅުވެފައިވެ އެވެ.
"ސިލޯންގައި ހޮޓަލެއްގައި ހުއްޓާ ވެސް އެއް ރޭ އަޅުގަނޑު ކައިރިން ލާފައި ވަޑައިގަތީ. ފެނިވަޑައިގަންނަވާ ކަމަށް ވެސް ނުހެއްދެވި. އަޅުގަނޑުގެ ބައްޕަގެ ރައްޓެއްސެއް އެއީ. ބައްޕަ މަރުވި ދުވަހު ބައްޕަގެ ހާލު ވެސް ބެލި. އެކަމަކު އަޅުގަނޑާ ހަމަ އެއްވެސް ކަހަލަ އެކްނޮލެޖްމަންޓެއް ނޯވޭ."
ދެން މި އޮތީ ލައިލާގެ ފިރިކަލުންގެ ވާހަކަ އެވެ. ރާއްޖެއެމްވީގެ ނޫސްވެރިޔާގެ ސުވާލަކުން ފަށަމާ ހިނގާށެވެ.
ނަޝީދާ ބެހޭ ގޮތުން އެންމެ ފުރަތަމަ މިކަހަލަ ސުވާލެއް ކުރާކަށް ވެސް ނުޖެހެ އެވެ. އެއީ ރަށްރަށަށް ވަޑައިގެން ހޮޅުއަށިތަކުގައި ފަރިއްކުޅުއްވާ މަންޒަރާއި އެންމެ އާދައިގެ ސައިހޮޓާތަކަށް ވަދެ ވަޑައިގެން "އެއްޗެއް ކަޅެއް" ހިއްޕަވާލައިގެން ނުކުމެ ވަޑައިގެން ގޮސް އަނެއް ހޮޅުއަށީގައި އާންމުންގެ މީހަކާ ޒުވާބެއްކޮށްލާ މަންޒަރަކީ ނަޝީދުގެ ސިޔާސީ ހަޔާތުގައި ފޮޅުނު ހުރިހާ ގުލްސަންޕާ މަލެއްގެ އަސްލު ކަމުގައިވާތީ އެވެ.
އެހެންވީމަ ޖަލުން ކާން ލިބޭ އެއްޗެއް ދެރަވެގެން ނުވަތަ މޮޅުވެގެން އެ ބޭފުޅާ ޝަކުވާއެއްކޮށްފާނެތޯ އެވެ؟ ހެނދުނު ވެސް އެ ހިއްޕަވަނީ ގެރިކިރުގެ ސައި ތައްޓެކެވެ.
ކޮންމެއަކަސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ލީޑަރުން އާދައިގެ ނިކަމެތި ރައްޔިތުންނާ ރައްޓެހިވުމުގެ ސަގާފަތެއް އެންމެ ބޮޑަށް ޕްރޮމޯޓްކުރެއްވި އެއް ބޭފުޅަކީ ނަޝީދެވެ. އޭގެ ކުރިން މައުމޫނު ވެސް މިގޮތަށް ނޫޅުއްވާ ވާހަކައެއް ނޫނެވެ.
އެކަމަކު އެންމެ އަޑުގަދަކޮށް އަބަދުވެސް ދެކެވެނީ ނަޝީދުގެ "ކެރިޒްމެޓިކް ލީޑަޝިޕް" ގެ ވާހަކަ އެވެ. ރައްޔިތުންނާ ހަމަ އަށް ގެތި ފާލަމުގެ އިތުރުން ވެރިކަމުގެ ދުވަސްވަރު ވެސް ނިކަން ފައްކާ "ސްޓަންޓް" ތަކާ އެކު ދުނިޔޭގެ ސަމާލުކަން ވެސް ހޯއްދެވި އެވެ.
މިސާލަކަށް ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުމެވެ. ސޯލާޕެނަލްތައް ހަރުކުރެއްވުމަށް ފުރާޅަށް އަރާވަޑައިގަތުމެވެ. ކުނި ކެއްސެވުމެވެ.
ލައިލާ އެ ވިދާޅުވާ "ކެރިޒްމެޓިކް" ކަން ދެއްކުމަށް މިހާރު ދެން ސިޔާސީ މައިދާނުގައި ކުނި ނުކަހަނީ ވެސް ދެން ކޮން ލީޑަރެއްތޯ އެވެ؟ ވެރިކަމާ ހެދި ގުރުބާންވެ ވަޑައިގަންނަވަމުން އެހެރަ ގެންދަވާ ގާސިމު އިބްރާހީމު ވެސް އުރުގައި ނުޖައްސަވާ ކުޑަކުއްޖެއް ދިވެހިންގެ ރަށެއްގައި ހުރިހެންނެއް ހީއެއް ނުވެ އެވެ.
މިއީ އަޅެ ދޮގެއްތޯ އެވެ؟