މިދިޔަ ސީޒަންގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި ޔުނައިޓަޑް ވިކްޓްރީ ވީ އެންމެންނަށް ވެސް ސަޕްރައިޒް ޓީމަކަ ށެވެ. މިދިޔަ ތިން އަހަރުވެސް އަލަށް އަންނަ ޓީމުތައް ފުރަތަމަ ޑިވިޝަންގައި ތަފާތު ކުޅުމެއް ދެއްކުމުގެ ސަގާފަތެއް އުފެދި، އެ ސަގާފަތް ޔޫވީ އަށްވެސް ވާރުތަވެ، އެޓީމުން ވެސް ވަނީ ބޮޑެތި ޓީމުތައް ސިއްސުވާލާ ފައެވެ.
ލީގު ގަދަ ހަތަރަކަށް ވާދަ ކުރަން ނިކުތް ބޮޑު ތިން ކުލަބަށް ނުރައްކަލަކަށްވީ ޔޫވީ އެވެ. ސީޒަންގެ އެ ޓީމު ކުޅުނު އެންމެ ފުރަތަމަ މެޗުގައި ކުރިން އެޓީމުގެ ޕޭރަންޓް ކުލަބެއްގެ ގޮތުގައި އޮތް ވިކްޓްރީ ކޮޅަށް ފަސް ލަނޑު ޖަހައި ލީގުގައި އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހީ ވެސް އެޓީމުން ނެވެ.
ތިން ތަށި ހޯދަން ނިކުތް މާޒިޔާ ވެސް ހަމަ ބިމަށް ތިރިކޮށް ލީ ޔޫވީ އެވެ. ވަރުގަދަ ކުލަބެއްގެ ގޮތުގައި ޔޫވީ ފެނުމުގެ އެންމެ ބޮޑު ސަބަބަކަށްވީ ޓީމުގެ ބިދޭސީ ކުޅުންތެރިން ދެއްކީ ތަފާތު ކުޅުމެވެ. ހާއްސަކޮށް ގޯލް ކީޕަރު ސީރިޔާގެ މުހައްމަދު އަލް ޔޫސުފްގެ ފަރާތުން ފެނުނު ކުޅުން ތަފާތެވެ. މުޅި ސީޒަންގައިވެސް އެންމެ މޮޅަށް ކުޅުނު ބިދޭސީ ކުޅުންތެރިއަކީ ޔޫސުފެވެ. އޭނާ ދެއްކި މޮޅު ކުޅުމާއެކު ސީރިޔާގެ ގައުމީ ސްކޮޑުން ވެސް ޖާގަ ލިބު ނެވެ.
ނަމަވެސް މުހައްމަދު އަލް ޔޫސުފް މިފަހަރު ޔޫވީ އިން ނުފެންނާނެ ކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. އެ ޓީމުން ބުނަނީ އޭނާ ނެތް ތަން ފޫބައްދަން އެވަރުގެ ކީޕަރެއް ގެންނާނެ ކަމަށެވެ. އަދި ޓީމުން ފެނުނު ބިދޭސީ ކުޅުންތެރިންނަށް ވުރެ ރަނގަޅު ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް ޔޫވީގެ ބޯޑު މެންބަރު މުހައްމަދު ފަޒީން ރާފިއު ވިދާޅުވި އެވެ.
"(ޔޫސުފް) އެ ވަރުގެ ނުވަތަ އެއް އަށް ވުރެ މޮޅު ކީޕަރެއް އަޅުގަނޑުމެން ގެންނާނަން. 90 ޕަސަންޓް ފޯކަސް ހުރީ ބިދޭސީ ކީޕަރަކަށް އަދި ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ގެނައުމަށް މިދަނީ މަސައްކަތް ކުރަމުން." ފަޒީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގިގެން ޓީމުން ދިޔައީ ލޯކަލް އެންމެ ކުޅުންތެރިއެއް. އެހެން ހުރިހާ ކުޅުންތެރިން ޓީމުގައި އެބަތިބި. އިތުރަށް ގެންނަ ބިދޭސީ ކުޅުންތެރިންނާއެކު މި އަހަރުވެސް ވަރުގަދަ ފައިޓެއް ދެވޭނެ."
ޔޫވީގެ ކޯޗަކަށް ހުރީ އަހްމަދު އާތިފް (އާތީ) ގެ ކޮންޓްރެކްޓް ވެސް ވަނީ ހަމަވެފަ އެވެ. ފަޒީން ވިދާޅުވީ މި އަހަރުވެސް ވިސްނުން ހުރީ އާތީ އާއެކު ކުރިއަށް ދިއުމަށް ކަމަށެވެ.
"އަޅުގަނޑުމެން އެހެން ކޯޗަކު ނުހޯދާނަން. އާތީ އާއެކު އާ ކޮންޓްރެކްޓެއް ހެދުމަށް ކުރިއަށް އޮތް ހަފުތާ ތެރޭ އިޝީންނާނަން."