ބޮއިން747 ގެ މަތިންދާބޯޓުގެ ބިޒްނަސް ކުލާހުގައި ކުރެވުނު ހިތްފަސޭހަ ދަތުރަށްފަހު، އަހަރެންގެ އަނބިމީހާ އާއި ހަތް އަހަރުގެ އަންހެން ދަރިފުޅާއި ނުވަ އަހަރުގެ ފިރިހެން ދަރިފުޅާއެކު އިންޑިއާގެ މުންބާއީއަށް ފޭބީމެވެ. ވިޔަފާރީގެ ތެރޭއުޅެ ލޮޑުވެފައިވާ އަހަރެންގެ ސިކުނޑި ހަމައަކަށް އަޅުވާލައި އަހަރެންގެ ކުޑަ އާއިލާއާއެކު ވަގުތު ހޭދަ ކޮށްލުމަށްޓަކައި ކޮންމެ އަހަރަކުވެސް އެއްމަސް ދުވަހުގެ މުއްދަތަކަށް ކޮންމެވެސް ބޭރު ޤައުމަކަށް އަހަރެން އާއިލާއާއެކު ދަތުރު ކުރަމެވެ. މިއީވެސް އެފަދަ ދަތުރެކެވެ.
އަހަރެމެން ތިބުމަށް ހަމަޖެހިފައިވާ ހަތްތަރީގެ އަގުބޮޑު ހޮޓަލަށް ދެވެންއޮތް މަގުން ކާރުގައި ދަތުރުކުރަމުން ދިޔައިރު އެ ސިޓީގެ ޢުމްރާނީ ތަރައްޤީގެ އުސްމިނުން އަހަރެންގެ ދަރިންނަށްވެސް އެ ހިތްގައިމު ބިނާތަކުގެ ވާހަކަ ނުދައްކައެއް ނުތިބެވުނެވެ. އެއީ މާލެ އާ އަޅާބަލާއިރު ބައިބޯ، ބިންވެސް ބޮޑު ތަނެކެވެ. މުއްސަނދިކަމާއި ތަހުޒީބުގެ ކުލަތަކުގެ ތެރެއިން ފަނޑުކަމާއެކު ފާޅުވަމުންދިޔަ ފަޤީރުކަމުގެ 'ތައްގަނޑު' ތަކަށް އަހަރެންގެ ލޮލުގެ ސަމާލުކަން ހުއްޓެމުންދިޔައެވެ. މިތަނުގެ މުއްސަނދިންގެ މުއްސަނދިކަމާ އެއްވަރަށް ފަޤީރުންގެ ފަޤީރުކަންވެސް އެހާމެ ބޮޑެވެ.
އަހަރެމެންދާ ހޮޓަލާ މާދުރު ނޫން ހިސާބެއްގައި ހުރި ޓްރެފިކް ލައިޓަށް ކާރު މަޑުކޮށްލުމާއެކު، ކާރުގެ ދޮރުގައި ތަޅައިގަތް އަޑަށް ކާރުގެ ޑްރައިވަރުނޫން އެންމެން ދިޔައީ ސިއްސައިގެންނެވެ. އެއިރު ކާރުގެ ބިއްލޫރިގަޑުގެ އަނެއްފަރާތުގައި ހުރީ ބަލާބެލުމަށް އަހަރެންގެ އަންހެން ދަރިފުޅާ ދާދި އެއް ޢުމުރެއްގެ ކުއްޖެކެވެ. ލައިގެންހުރި ހެދުމާއި އެމައުސޫމް މޫނުމަތިވަނީ ހިރަފުހުން ޚަރާބުވެފައެވެ. ވާފަށަކުން ދެކޮޅުއައްސައި ކަރުގައި އަޅުވާލާފައިވާ، އެ ކުއްޖާގެ ބަނޑާ ހަމައަށް ހުރި ފިލާގަނޑުގެ މަތީގައި އަތުރާފައިވަނީ ތަފާތު ކުލަތަކުގެ އަތުގަ އަޅާ ތަނޑިއެވެ. ކާރުގެ ދޮރުގައި ތަޅަމުން އަތުގެ އިޝާރާތުން އެތަނުން ތަނޑިބައެއް ނެގުމަށްފަހު 10 ރުޕީސް ދިނުމަށް އެކުއްޖާ އެދެމުން ދިޔައެވެ. އެއީ އަހަރެންގެ އަނބިދަރީންނަށްވެސް ބޭނުން އެއްޗަކަށް ނުވާތީ އެ ކުއްޖާ ކުރަމުން ދިޔަ އާދޭހަށް އަހަރެން ސަމާލުކަމެއް ނުދެމެވެ.
"އެ ކަހަލަ ކުދިންނާ ދޭތެރޭ ވަރަށް ވިސްނާތި. އެމީހުން އެކި ގޮތްގޮތުން ފައިސާ އަތުލަން ވަރަށް މޮޅުވާނެ"
އަހަރެމެން ތިބެން ހަމަޖެހިފައިވާ ހޮޓާ ކައިރިއަށް ކާރު ހުއްޓާލުމުން ކާރުން ފައިބައި ޑްރައިވަރަށް ފައިސާ ދެމުން އަންހެނުންނަށް ބަލާލަމުން އަހަރެން ބުނެލީމެވެ. އަހަރެމެން ގެނައި ފޮށިތައް ދަމަމުން ހޮޓަލުގެ ދޮރުއަށިން ކޮރިޑޯތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު އަހަރެންގެ ފިޔަވަޅާށް ހުއްޓުން އެރިއެވެ. އެއިރު ދެކުދިންނާއެކު މާކުރީގައި ހުރެ އަންހެނުން ހޮޓަލުގެ ތެރެއަށް ވަންނަނީއެވެ.
ކުރިމަތީގައި ހުރީ ތަނޑި ވިއްކަން އުޅުނު ކުޑައަންހެންކުއްޖާއެވެ. އޭނާގެ އަތުގައިއޮތް އަހަރެންގެ ވޮލެޓް އަހަންނާ ދިމާއަށް ދިއްކޮށްލައިގެން ލުއިގޮތަކަށް ހިނިތުންވެލައިގެން އެކުއްޖާ ހުއްޓެވެ. ވޮލެޓް އެކުއްޖާގެ އަތުން ޖަހައިގަންނަމުން ލާރި ހަމައަށް ހުރިތޯ އަހަރެން ޗެކްކޮށްލީމެވެ. އެ ވޮލެޓްގައި ދިހަވަރަކަށް ހާސް ޑޮލަރު ހުންނާނެއެވެ. ނަސީބު ރަނގަޅުކަމުން އެފައިސާ ހަމައަށް ހުއްޓެވެ.
އެވަގުތު އަނެއްކާވެސް އަހަރެންގެ އަންހެނުންނަށާއި އަންހެން ދަރިފުޅަށް ތަނޑިބައެއް ނެގުމަށް އޭނާ އެދުނެވެ. އަގަކީ ދިހަ ރުފިޔާއެވެ. ދިހަ ރުފިޔާއަކީ އަހަންނަށް ކޮން އެއްޗެއް ހެއްޔެވެ؟ އެކުޑަ ކުއްޖާގެ މުޑުދާރުކަމާއި ނިކަމެތިކަންދެކެ އަހަރެންވީ ފާޑެއްގެ ފޫސެކެވެ. އެކުއްޖާއަށް ޖަވާބެއް ދިނުމަކާ ނުލައި އަހަރެންގޮސް ހޮޓާތެރެއަށް ވަންނަން ހިނގައިގަތީމެވެ. ދޮރުން އެތެރެވަމުން އަހަރެން އެކުއްޖާއަށް ބަލާލީމެވެ. އެވަގުތު އެތުއްތު މޫނުގައި ވި މާޔޫސްކަން ފެނި އަހަރެންގެ ކިބުރުވެރި ހިތުގައި ކޮންމެވެސް ވަރެއްގެ ރަޙުމެއް އުފެދުނެވެ.
ހޮޓަލުގައި ތިބެން ހަމަޖެހިފައިވާ ކޮޓަރިތެރެއަށްވަދެ ފެންވެސް ވަރަން ނޫޅެ އެނދުގައި އަހަރެން އޮށޯވެލީމެވެ. އެއިރު ދަތުރުގެ ވަރުބަލިކަމެއްނެތި އަހަރެންގެ ދެކުދިން ކޮޓަރިތެރޭގައި ދުވެ ސަކަރާތްޖެހުމުގައި އުޅެއެވެ.
"އެހާކުޑަކުދިން ލައްވާ އެކަހަލަ މަސައްކަތްކުރުވަނީ ކީއްވެތަ"
ފާޚާނާއިން ފެންވަރައިގެން ނުކުތް އަނބިމީހާއަށް ބަލާލަމުން އަހަރެން އެހެން އެހީ އެކުއްޖާއާމެދު ފިކުރުކުރަން އޮވެއެވެ.
"ކިހިނެތްވީ އެކުއްޖާ އާ ދޭތެރޭ ތިވިސްނަނީ؟ ޒައިދު ތީ އެކަހަލަ ކަންކަމާމެދު ވިސްނާ މީހެއްވެސް ނޫނެއްނު."
އެއީ ތެދެކެވެ. އަހަންނަކީ ފަޤީރުންނާ ދޭތެރޭ ވިސްނައި ހަދާ މީހެއްނޫނެވެ. އަހަރެމެންގެ ޤައުމުގައި ފަޤީރުންގެ ޙާލަތު މިހިސާބަށްގޮސް ކުޑަކުދިން މަގުތަކަށް ނުކުމެ ސަލާންޖަހަން އުޅޭތަން އާއްމުކޮށް ނުފެނުނަސް އަމިއްލަ ޤައުމުގައިވެސް ފަޤީރުން އުޅޭކަން އަހަންނަށް އެނގެނީ އެހީއަށް އެދި ކޮންމެ ދުވަހަކުހެން އަހަންނަށް އަންނަމުންދިޔަ ސިޓީތަކުންނެވެ. އެ އެއްވެސް ސިޓީއަކަށް އަހަރެން ޖަވާބެއްނުދެމެވެ. ކުޑަމިނުން މުދަލު ޒަކާތް ދެއްކުމަކީވެސް އަހަރެންކޮށް އުޅުނުކަމެއް ނޫނެވެ.
ދަތުރުގެ ވަރުބަލިކަން ފިލުވާލަން ހޮޓަލުގައި މަޑުކޮށްލުމަށްފަހު އަހަރެމެން ބޭރަށް ނުކުތީ ހަވީރު ވާން އުޅެނިކޮށެވެ. ހޮޓަލާ އެންމެ ކައިރިއަށް ހުންނަ ޝޮޕިންގ މޯލަށް ގޮސް އަންހެނުންނާއި ދަރިން ހިތްފުރޭވަރަށް އެއްޗެހި ގަނެލައިގެން އަހަރެމެންވަނީ ސިނަމާއަކަށެވެ. ފިލްމުބަލާ ނިންމައިގެން ހޮޓަލަށް އަންނަން ހިނގައިގަނެވުނުއިރު ރޭގަނޑު އަށެއް ޖަހަނީއެވެ.
"ބޭބޭ. މިތަނުން ތަނޑި ބައެއް ބޭބެގެ އަންހެނުންނަށާ ދަރިފުޅަށް ގެނެދީ. އެންމެ 10 ރުޕީސް" އަހަރެންގެ ފަހަތުން ކުޑަ އަންހެންކުއްޖާ އައިސް އެހެން ބުނީ އޭނާ ވާހަކަދައްކާ ބަހުންނެވެ.
އެބަސް އަހަންނަށް އެނގޭތީ ޖަވާބުގައި އެތަކެތި ބޭނުން ނުވާކަމަށް ބުނަމުން އަހަރެމެން ހޮޓަލަށްވަނީމެވެ.
"އެވަރު ކުޑަކުދިން މަގުތަކަށް ނިކުމެ އެކަހަލަ މަސައްކަތް ކުރާއިރު އެކުދިންގެ މައިންބަފައިންވެސް ތިބޭނެ ދޯ. ކިރިޔާވެސް ގޮތެއްހުރި މީހަކުނަމަ، ތިމާގެ ކުޑަ ދަރިފުޅު އެހެން މަގުމައްޗަކަށް ދުލެއްނުކުރާނެ. އެވެސް އަދި އަންހެންކުއްޖެއް. މީހަކު ކޮންމެ ފަދަ ގޯނާއެއްވެސް ކޮށްފާނެ!" އެރޭ ނިދަންތިބެގެން ދައްކަމުންދިޔަ ވާހަކަ ތެރެއަށް އަނެއްކާވެސް އެކުއްޖާގެ ވާހަކަ އަހަންނަށް ގެނެވުނެވެ.
"ޒައިދު އެކުއްޖާ އާ ދޭތެރޭ ތިވަރަށް ވިސްނާއިރު ކީއްވެތަ އެކުއްޖާގެ އަތަށް ލާރިކޮޅެއް ދީފަ ތަނޑި ނުގަތީ؟!"
"އެއީ ބޭނުންތެރި އެއްޗެއްވެސް ނޫނެއްނު. ވެދާނެ ވަގަށް ނަގައިގެން ވިއްކާ އެއްޗަކަށްވެސް. އަނެއްކާ އެކުއްޖާ ހުންނަލެއް ވަރަށް ނުތާހިރު. އެހެންވެ އެއިން އެއްޗެއްގަ އަތްލާކަށްވެސް ނުކުރޭނެ މަށަކަށް."
އެހެން މީހުންގެ ޙާލަތާ ދޭތެރޭ ގޮތް ކިޔައި، ފާޑު ކިޔުމަކީ އަހަރެމެން އިންސާނުންގެ ޠަބީޢަތުގައި ހަރުލާފައިވާ ސިފައެކެވެ. އެއަށް ރަނގަޅު ސިފައެކޭ، ނުވަތަ ނުބައި ސިފައެކޭ ބުނި ނަމަވެސް ފަރުވާލެއްނެތެވެ. އަނެކާގެ މަޖުބޫރީއާއި ތަހައްމަލްކުރަމުންދާ ކަންތައްތައް އިނގެން ބޭނުމެއްނުވެއެވެ.
އަހަންނަށްވެސް ވީއެހެންނެވެ. އެކުއްޖާގެ އެހާލަތުގެ ސަބަބުން ނުނިއަތްލައި ހިތުގެ އަޑިން ބަދު ދުޢާ ކުރެވުނީ އެކުއްޖާގެ މައިންބަފައިންނަށެވެ. މިފަދަ ޤައުމުތަކުން މިނޫނަސް މަގުމަތީ އެއްޗެހި ވިއްކަން އުޅޭ ކުދިން އަހަރެން ދުށީމެވެ. ނަމަވެސް އެކުއްޖާއާ ފުރަތަމަ ދިމާވިދުވަހު އެކުއްޖާގެ ކިބައިގައިވި އަމާނާތްތެރިކަމާއި ހިތްހެޔޮކަން ފެނި އެކުއްޖާގެ ހާލަތާމެދު ހަމްދަރުދީ ވެވެންފެށުނެވެ.
ދެން ފާއިތުވަމުންދިޔަ ކޮންމެ ދުވަހަކުވެސް އަހަރެމެން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު އެކުއްޖާ އެތަކެތި ވިއްކުމަށްޓަކައި އަހަރެންގެ ކައިރިއަށް އާދެއެވެ. ނަމަވެސް ކޮންމެވެސް ބަހަނާއެއް ދައްކައި އަހަރެން އެތަކެތި ގަތުމުން މަނާވެ ގަންނަމެވެ.
މިހެންގޮސް އަހަރެމެންގެ ޗުއްޓީވެސް ހަމަވެ އެނބުރި ޤައުމަށް ދިއުމަށް ދެ ހަފްތާއެއްހާ ދުވަހަށް ވީއިރު އެ ކުޑަ އަންހެން ކުއްޖާ އެތަނުން ގެއްލިއްޖެއެވެ. އެކުއްޖާ ފެންނަން ނެތުމުން ފަޅުކަމެއް އަހަންނަށް އިހުސާސްކުރެވުނެވެ. އެކުއްޖާ ވަނީ ކޮންމެވެސް ގޮތަކުން އަހަރެންގެ މިދަތުރުގެ އެއްބަޔަށް ވެފައެވެ.
ދެން ފާއިތުވެގެން ދިޔަ ކޮންމެ ދުވަހަކުވެސް އެކުއްޖާ ފެނޭތޯ އަހަރެން ހޯދީމެވެ. ނަމަވެސް އެކުއްޖާގެ ޚަބަރެއް ނުވިއެވެ. ޖެހިގެން އޮތް ދުވަހަކީ އަހަރެމެން ފުރަން ހަމަޖެހިފައިވާ ދުވަސް ކަމަށްވާތީ އަނބިދަރިން ގޮވައިގެން ވިޔަވާރި ކުރުމަށްޓަކައި ޝޮޕިންގ މޯލަކަށް ދިޔައީމެވެ.
އެއްޗެހިގަނެގެން އިރު ނުއޮއްސެނީހެން ހޮޓަލަށް އާދެވުނެވެ. އެވަގުތު މަގުގެ އެއްފަރާތު ޕޭމަންޓްމަތީގައި އިށީނދެލައިގެން އިނީ އެއްކަލަ ކުޑަ އަންހެންކުއްޖާއެވެ. އަންހެނުންނާއި ދެކުދިންގޮސް ހޮޓަލަށް ވަނުމުން ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އަހަރެން ތިރީގައި މަޑުކުރީމެވެ. އެމީހުން ދިއުމުން އެކުއްޖާ އިން ތަނަށް އަހަރެން ދިޔައީމެވެ. އެހެންދުވަސްދުވަހާ ޚިލާފަށް އެކުއްޖާ ވިއްކަން ގެންގުޅޭ ތަކެތި ވިއްކުމުގެ ދަހިވެތި ކަމެއް އެމޫނަކުން ފާޅެއްނުވެއެވެ.
"ކޮއްކޯ! މިއަދު މިއިން ތަނޑިބައެއް ގަންނާށެކޭ ނުބުނާނަންތަ؟،" އަހަރެން އެހެން ބުނެލުމާއެކު އެކުއްޖާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން ހިނިތުންވިއެވެ.
"މިހާރުމާލަސްވެއްޖެ ! މީގެ ދެ ހަފްތާ ކުރިން އަހަރެންގެ ބައްޕަ ކެންސަރު ބަލީގަ މަރުވެއްޖެ. އަހަރެން މިތަކެތި ވިއްކަނީ ބައްޕަ އަށް ބޭނުންވާ ބޭސް ހޯދުމަށް. މިތަނޑިއަކީ އަހަރެންގެ މަންމަ ހަދާ އެއްޗިހި،ނަމަވެސް ބައްޕަގެ މަރާއެކު މިތަކެތި ހެދުމަށް މަންމަގެ އަތަށް ލަމުންދިޔަ ބާރުވެސް ކެނޑިގެން ހިނގައްޖެ! ބޭބެމެންނަކީ މުއްސަނދިން ، 10 ރުޕީސްއަކީ ބޭބެމެންނަށް އެއްވެސް އެއްޗަކަށްނުވެދާނެ . އެހެނަސް 10 ރުޕީސްއަށްޓަކައި، މަރުގެ ސިކުންތުތައް ގުނާލަ ގުލާލަ ތިބޭ އެތައް ބަޔަކު މިދުނިޔޭގަ އުޅޭ..! މިއަދު ބޭބެ ބޭނުމިއްޔާ މިތަނުން ދެ ތަނޑިބައި 5 ރުޕީސްއަސް ނަގާ!"
އެތުއްތު ކުއްޖާގެ މައުސޫމު ވާހަކަކޮޅުން ހިތުގައި އުފެދުނު ހަމްދަރުދީގެ ބާނިތައް ކަރުނައިގެ ސިފަ ޚިޔާރުކުރަމުން އިޚްތިޔާރެއްނެތި އަހަރެންގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. އަމިއްލަ ނަފުސުގެ ކުޑަކަމާއި، ބޭނުމެއް ނެތްކަން އަހަންނަށް އިހުސާސްކުރެވުނެވެ.
މާލެދަމުން އަހަރެންދިޔައީ އެހުރިހާ ތަނޑިތަކެއް ގަނެގެންނެވެ. އެތުއްތު ކުއްޖާގެ އަމާނާތްތެރިކަމާއި، ހާލަތުން އަރައިގަތުމަށް އުފުލަމުންދިޔަ ބުރަ ދުވަހަކު ނުފިލާނެހެން އަހަރެންގެ ހިތުގައި ކަނޑާނެގުނެވެ.އަހަރެންގެ މުއްސަނދި އެހެނަސް ދަހިވެތި ދިރިއުޅުމުގައި ފާއިތުވި ދުވަސްތައް މާޒީއާއެކު ދާން ދޫކޮށްލުމަށްފަހު މާތްﷲ ގެ މަގުގައި ހޭދަކުރާ މީހަކަށް އަހަރެންވީމެވެ. އަހަރެންގެ ބިޒީ ޝެޑިއުލްގެ އެންމެ އިސްކަމަކަށްހެދީ މުދަލު ޒަކާތް ދެއްކުމެވެ. (ނިމުނީ)