ބޮލީވުޑް

ފިލްމްފެއާ އެވޯޑަށް އަކްޝޭ ނޮމިނޭޓްއެއް ނުވޭ

Jan 12, 2017
2

ބޮލީވުޑްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ބެލެވިފައިވާ ފިލްމުފެއާ އެވޯޑްސްގެ ވޭތުވެދިޔަ އަހަރުގެ ފިލްމުތަކަށް ދޭ އެވޯޑްސްގެ ނޮމިނޭޝަންސް އަންގާރަ ދުވަހު މިވަނީ އިއުލާންކޮށްފަ އެވެ.

މިދިއަ އަހަރުގެ ފިލްމުތަކަށް ހާއްސަކޮށްގެން ބާއްވާ 62 ވަނަ ފިލްމުފެއާ އެވޯޑްސްގެ ނޮމިނޭޝަންސްތައް އިއުލާންކުރުމާއެކު ވަނީ ފާޑުކިޔުންތައް އޮހެން ފަށާފަ އެވެ.

މިދިޔަ އަހަރު ތިން ފިލްމަކުން ފެނިގެންދިޔަ އަކްޝޭ ކުމާރު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓް ނުވުމުން ފާޑިޔުން އިންތިހާ އަށް ފިލްމު ފެއާ އެވޯޑަށް ކިޔަމުންދާއިރު، އެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ "ޑަންގާލް" އިން އާމިރް ޚާން އާއި "ޕިންކް" އިން އަމީތާބް ބައްޗަން އާއި "އޭ ދިލްހޭ މުޝްކިލް" އިން ރަންބީރު ކަޕޫރާއި "ސުލްތާން" އިން ސަލްމާން ޚާން އަދި "ފޭން" އިން ޝާހްރުކް ޚާން އަދި "އުޅްތާ ޕަންޖާބް" އިން ޝާހިދު ކަޕޫރުގެ އިތުރުން "އެމް.އެސް ދޯނީ" އިން ސުޝާންތް ސިންގް ރާޖްޕުތް އެވެ.

ދެހާސް ސޯޅަވަނަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ކްރިޓިކްސް އާއި ބެލުންތެރިން އެންމެ ތައުރީފުކުރި ދެ ފިލްމުގެ ތެރޭގައި އަކްޝޭގެ "ރުސްތޮމް" އާއި "އެއާލިފްޓް" ހިމެނެ އެވެ.

ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބުނު މި ދެ ފިލްމުން ކުރެ އެއްވެސް ފިލްމަކުން އަކްޝޭ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓް ނުވުމުން ފިލްމު ފެއާ އެވޯޑްސް އަށް ޓްވިޓާގައި ފާޑު ކިޔަމުން ގިނަ ފަރާތްތަކަކުން ވަނީ މިއަހަރުގެ ފިލްމު ފެއާ އެވޯޑަކީ ސޭލް އަޅުވައި ބޭނުން މީހަކަށް އެވޯޑް ދޭން އިންތިޒާމުކޮށްގެން ބާއްވާ އެއްޗެއް ކަމަށް ބުނެފަ އެވެ.

އެންމެ މޮޅު އެކްޓަރަށް އަކްޝޭ ނޮމިނޭޓް ނުވިއިރު އެންމެ މޮޅު ފިލްމުތަކުގެ ކެޓަގަރީން ވެސް "ރުސްތޮމް" އާއި "އެއާލިފްޓް" ނޮމިނޭޓް ނުވުމަކީ މޮޅު ފިލްމުތަކަށް ކުރި ވަރަށް ބޮޑު މަލާމާތެއް ކަމަށް ވެސް ޓްވިޓާގައި ހިޔާލު ފާޅުކުރި އިންޑިއާގެ ފަރާތްތަކުން ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް އެންމެ މޮޅު ސަޕޯޓިން ބަތަލާއިންގެ ނޮމިނީޒްގެ ތެރޭގައި "ޑަންގާލް" ގައި މޮޅު އެކްޓިންއެއް ދެއްކި މުޅިން އާ ދެ ބަތަލާއިން ކަމަށްވާ ފާތިމާ ސަނާ ޝައިހް އާއި ސާނިޔާ މަލްހޯތުރާ ނޮމިނޭޓް ނުވުމުން ވެސް ފާޑުކިޔުންތައް ބަންޑުންކޮށްލާފައި ވެއެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ މުމްބާއިގައި ބާއްވާ ފިލްމު ފެއާ އެވޯޑް ހަފްލާ ހުށަހަޅައިދޭނީ ސުޕަސްޓާ ޝާހްރުކް ޚާން އާއި މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ.