ރާއްޖެ ކުޅިވަރު

ނިއުގެ ކޯޗަކަށް ޕޯޓޯ އާއި ބެންފީކާގައި މަސައްކަތް ކުރި ޓެވަރެސް

Jan 11, 2017

ޕޯޗްގަލްގެ ޕޯޓޯ އަށާއި ބެންފީކާގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ބެނޯޑޯ ޓެވަރެސް ނިއުރޭޑިއަންޓްގެ ކޯޗަކަށް ގެނައުމަށް އެ ޓީމުން ނިންމައިފި އެވެ.

ޓެވަރެސް ވަނީ ބެންފީކާގެ 12 އަހަރުން ދަށުގެ ޓީމަށް ކޯޗް ކޮށްދީފަ އެވެ. ޕޯޓޯގައި އޭނާ މަސައްކަތް ކޮށްފައިވަނީ ސްކައުޓް ކޯޗެއްގެ ގޮތުގަ އެވެ.

ޓެވަރެސްގެ އިތުރުން ޖަރުމަނާއި އިނގިރޭސި ވިލާތުގެ ތިން ކޯޗުން ނިއު އިން ޝޯޓް ލިސްޓް ކުރި އެވެ. އެ ތިން ކޯޗުންނަކީ ވެސް ޔޫއެފްއާ ޕްރޯ ލައިސެންސް އޮންނަ ތިން ކޯޗުން ނެވެ.

ޓެވަރެސް، 36 ވަނީ އޭޝިއާގެ ފުޓްބޯޅާގައި ވެސް މަސައްކަތް ކޮށްފަ އެވެ. ޝޯޓް ލިސްޓް ކުރި ތިން ކޯޗުންގެ ތެރެއިން ޓެވަރެސް އަށް ފުރުސަތު ދިން ސަބަބަކީވެސް އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ އޭނާގެ ކިބާގައި ބޮޑުވުމެވެ.

އޭނާ ވަނީ ބަހްރެއިންގެ އަލް ހިއްދުގެ އެސިސްޓެންޓް ކޯޗް ކަމާއި، އޮމާންގެ އަލް ނަހްދާގެ ހެޑް ކޯޗު ކަން ކޮށްފަ އެވެ. އެ ޓީމާ އެކު އޭނާ ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގް ޕްރިލިމިނަރީ ބުރުގައި ކުޅެފަ އެވެ. ނަމަވެސް އެޓީމަށް ގުރޫޕް ސްޓޭޖުން ޖާގަ ލިބިފައެއް ނުވެ އެވެ.

ނިއު އަކީ ރާއްޖޭގައި އެންމެ ގިނައިން ކޯޗުން ބަދަލު ކުރާ ޓީމެވެ. މިދިޔަ ތިން އަަހަރު ތެރޭ އެ ޓީމަށް އަށް ކޯޗަކު ވަނީ ކޯޗް ކޮށް ދީފަ އެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މުސާ މީގެ ކުރިން ވިދާޅުވެފައިވަނީ ކޯޗުން ބަދަލު ކުރުމުގެ ސަގާފަތް ބަދަލު ކުރަން ނިއުގެ އާ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ބޭނުންވާ ކަމަށެވެ. އަދި އެ ގެންނަ ކޯޗެއް ގިނަ ދުވަސްތަކެއް ބެހެއްޓުމުގެ ވިސްނުން މެނޭޖްމެންޓުން ގެންގުޅޭ ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.

ބިދޭސީ ކޯޗުންނާއި ކުޅުންތެރިން ހޯދުމަށް ނިއު އިން ވަނީ ރެކޯޑް ބަޖެޓެއް އެކުލަވާލާފަ އެވެ.