ލޭނު އަޅަން ނުކުމެ އުޅުނު ރާއްޖޭގެ މަސް ބޯޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި އެ ބޯޓުން ކަނޑަށް ގެއްލިފައިވާ 10 މީހުން ހޯދަން އެމްއެންޑީއެފްގެ ކޯސްޓްގާޑުން މަސައްކަތް ފަށައިފި އެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެ އެވެ. ދެން ތިބީ ބިދޭސީންނެވެ.
މީހުން ހޯދުމުގެ މަސައްކަތުގައި ކޯސްޓް ގާޑާއި މޯލްޑިވިއަން އިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އާޒިމް އިބްރާހިމް މިއަދު ވިދާޅުވީ"މާކޯ ޕޯލޯ 2" ނަމަކަށް ކިޔާ އެ ބޯޓުގައި އަލިފާން ރޯވެ އޭގައި ތިބި މީހުން ގެއްލުނު ހާދިސާ އައީ ރޭ 9:30 އެހާކަންހާއިރު ގދ. ތިނަދޫގެ 323 މޭލު ބޭރުން ކަމަށެވެ. އޭރު ބޯޓު އޮތީ ރާއްޖެއާ 43 މޭލު ދުރުގައި ކަމަށެވެ.
ބޯޓުގެ މައުލޫމާތު ލިބުމުން ކޯސްޓްގާޑަށް ދެވުނު އިރު އެ ބޯޓު އޮތީ އެއްބައި އަޑީގަ އެވެ. އޭރު ބޯޓުގައި ތިބި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބޯޓުގެ ބޮޑުބައި ވަނީ އެއްކޮށް އަނދާފަ އެވެ.
ބޯޓުގެ ވެރިފަރާތް ކަމަށްވާ، އީ-ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްއާ ހަވާލާދީ އާޒިމް ވިދާޅުވީ އެ ބޯޓުގައި 10 މީހުން ތިއްބެވެ. އަދި އޭގެ ތެރޭގައި އިންޑޮނޭޝިއާގެ ނުވަ މީހުންނާއި ދިވެއްސަކު ހިމެނެ އެވެ. މި ހާދިސާގެ އިތުރު އެއްވެސް މައުލޫމާތެއް އަދި ސާފުވެފައެއް ނުވެއެވެ.