ބޮލީވުޑް

"ރައީސް" ރިލީޒް ނުކުރަން އިންޒާރުތަކެއް!

Jan 12, 2017

ރިލީޒް ކުރުން ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހަށް ލަސްކުރި، ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް" މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ނިންމުމުން މި ފިލްމަށް ސިޔާސީ ގޮތުން ކުރިމަތިވަމުން އައި ފިއްތުންތައް ހުއްޓުނީ ކަމަށް ބެލެވުނެވެ.

ފިލްމު ރިލީޒް ކުރަން ދެ ހަފްތާއެއްހާ ދުވަަސް އޮތްއިރު، އިންޑިއާގެ ސިޔާސީ ޕާޓީ ޝިވް ސޭނާގެ ޗައްޓިސްގާގެ ޔުނިޓުން ބައެއް ޑިސްޓްރިބިއުޓަރުންނަށް އަންނަނީ މި ފިލްމު ރިލީޒް ނުކުރަން އިންޒާރުދެމުންނެވެ.

މަޝްހޫރު ޑިސްޓްރިބިއުޓާ އަކްޝޭ ރާތީ ކުރި ޓްވީޓެއްގައި ވަނީ ޝިވް ސޭނާ ޕާޓީން "ރައީސް" ރިލީޒް ކުުރަން ހުއްޓާލަން އިންޒާރުދީ ފޮނުވާފައިވާ ސިޓީއެއް އާންމުކޮށްފަ އެވެ. "ރައީސް" ރިލީޒް ނުކުރުމަށް އިންޒާރު ދިނުމުން އެކަމާ ހިތްހަމަނުޖެހިގެން އަކްޝޭ ކުރި ޓްވީޓްތަކެއްގައި ވަނީ އެޕާޓީގެ ލީޑަރުގެ ފިރިހެން ދަރިފުޅު އަދި ޔުވާ ސޭނާގެ ޗީފް އަދިތްޔަ ތަކެރޭ ކުރެން އޭނާ އަށް ލިބިފައިވާ އިންޒާރުގެ ސިޓީ އަކީ އެޕާޓީން އެކަމަށް ހިތްވަރުދީގެން ކުރަމުން އަންނަ ކަމެއް ކަން ސާފުކޮށްދިނުމަށް އެދިފަ އެވެ.

އޭގެފަހުން ކުރި ޓްވީޓެއްގައި އަކްޝޭ ވަނީ ޝާހްރުކްގެ ފޭނުން ކުރެން އަދިތްޔް ތަކްރޭ ލައްވާ ޖަވާބެއް މިކަމުގައި ހޯދަން އޭނާ އަށް އެހީތެރިވެދިނުމަށް ވެސް އެދިފަ އެވެ. އަދި އޭނާ ވަނީ ޗައްޓިސްގަރްގެ ޗީފް މިނިސްޓަރު ޑރ ރަމަން ސިންގް ކުރެން އިންޒާރުގެ ސިޓީ އޭނާ އަށް ފޮނުވި ފަރާތްތަކުގެ މައްސަލަ ބަލައި، އެކަމަށް ގާނޫނީ ގޮތުން އޮންނަ ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފަ އެވެ.

ޝާހްރުކްގެ އިތުރުން ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން އާއި މަޝްހޫރު އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ރަލުގެ ވިޔަފާރި ކުރުން މަނާ އިންޑިއާގެ ގުޖްރާތުގައި ބަނގުރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މީހަކާއި އޭނާގެ ބަނގުރަލުގެ ވިޔަފާރި އެކީ ނައްތާލުމަށް ދާ ފުލުސް މީހަކާ ދެމެދުގައި ހިނގާ ކުރިމަތިލުންތަކެއް ފެނިގެންދާ ފިލްމެކެވެ. މާހިރާ މި ފިލްމުގައި ފެނިގެންދަނީ ޝާހްރުކްގެ އަންހެނުންގެ ރޯލުންނެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސް ކަމުގައި ބަދަލުކުރެވުނު ހަމަލާތަކަށްފަހު އިންޑިއާގައި ޕާކިސްތާނުގެ އެކްޓަރުންނަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް އެގައުމުގެ ސިޔާސީ ޕާޓީ މަހަރާޝްތްރަ ނަވްނިރްމަން ސެނާއިން (އެމްއެންއެސް) ވަނީ ޕާކިސްތާނުގެ އެކްޓަރުން އެގައުމުން ބޭރުކޮށް، ދެން އިތުރު އެއްވެސް ފިލްމެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމާފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ޖެހުނު މައްސަލަތައް ޖެހުމުގެ ކުރިން ޝޫޓްކޮށްފައިވާ ފިލްމުތައް ރިލީޒް ކުރުމަށް އެއްވެސް ފަރާތަކުން ހުރަސް ނާޅާނެ ކަމަށް އެމްއެންއެސްއިން ވަނީ މީގެ ކުރިން ބޮލީވުޑްގެ ޕްރޮޑިއުސަރުންނަށް ޔަގީންކަން ދީފަ އެވެ.

ރިތިކް ރޯޝަންގެ "ކާބިލް" އާއެކު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ރައީސް" ރިލީޒްކުރާ ދުވަސް ވަރަށް ބޮޑަށް ލަސްކޮށްފައިވާއިރު، އިތުރު މައްސަލަތަކެއްގެ ސަބަބުން މި ފިލްމު ރިލީޒް ކުރުން ލަސްކުރާކަށް ފިލްމުގެ ތަރިންނާއި އުފެއްދި ފަރާތަކުން ނޭދެ އެވެ.

ސެންޓްރަލް އިންޑިއާގެ ހިސާބުތަކުގައި "ރައީސް" ރިލީޒް ކުރުން ހުއްޓުވަން އިންޒާރުތަކެއް ދިން ނަމަވެސް އުތުރުގެ ސްޓޭޓްތަކުގައި އެފަދަ އެއްވެސް އިންޒާރެއް ލިބިފަނުވާ ކަމަށް އެސަރަހައްދުގެ ޑިސްޓްރިބިއުޓަރުން ބުނެ އެވެ.

މާހިރާ ބޮލީވުޑަށް ތައާރަފުވާ "ރައީސް" އަކީ ރާހުލް ދޯލާކިޔާ ޑައިރެކްޓްކޮށް ރިތޭޝް ސިދްވާނީ އާއި ފަރްހާން އަޚްތަރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މިދިޔަ އަހަރު ނިކުތް ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" ގައި ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން އުޅޭތީ އެ ފިލްމު ވެސް އިންޑިއާގައި ރިލީޒްނުކުރެވޭނެ ކަމަށް އެމްއެންއެސްއިން ބުނަމުން ދަނިކޮށް އެންމެފަހު ވަގުތު ވަނީ ފަވަދްގެ ބައެއް މަންޒަރުތައް އުނިކޮށް، އެ ފިލްމު ރިލީޒްކުރުމުގެ ހުއްދަދީފަ އެވެ.